ފޯނުތަކުގެ ތެރެއިން އެންމެ އަގު ބޮޑީ އައިފޯނެވެ. އެހެންވެ ހާއްސަ ހަދިޔާއަކަށް ވެސް މީގެ ފޯނެއް ފުދެ އެވެ.

ޗައިނާ އަންހެނަކު، އޭނާގެ ކުރީގެ ލޯބިވެރިންގެ އަތުން 20 އައިފޯނު ހަދިޔާގެ ގޮތުގައި ހޯދައިފި އެވެ. ފޯނު ދިނުމަށް ލޯބިވެރިން އެއްބަސްކުރުވުމުގައި ކާމިޔާބު ހޯދި އަންހެން މީހާގެ މަގްސަދަކީ އެ ފޯނުތައް ވިއްކާލައިގެން ގެއެއް ގަތުމެވެ.

ޝޯލީ ނަމަކަށް ކިޔާ މި މީހާ ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ފޯން ރިސައިކަލްކުރާ ވެބްސައިޓެއް މެދުވެރިކޮށް ފޯނުތައް ވިއްކާލައިގެން އޭނާ އަށް ވަނީ 115،010 ޔުއާން (17،000 އެމެރިކާ ޑޮލަރު) ލިބިފަ އެވެ. ގަންނަން ބޭނުންވާ ގެއަށް ފުރަތަމަ ދައްކަންޖެހޭ ފައިސާ މިވަރުން ހަމަވެ އެވެ.

ސޯޝަލް މީޑިއާގައި ބުނާ ގޮތުން ފޯނުތައް ވިއްކާލައިގެން ގެއެއް ގަންނަން އުޅެނީ މުއްސަނދި އާއިލާއެއްގެ މީހެއް ނޫނެވެ. އެކަމަކު އެއީ މުސްކުޅި މަންމައެއް ބަލަހައްޓަން ޖެހިފައިިވާ، އާއިލާގެ އެންމެ ދޮށީ އަންހެން ދަރިފުޅު ކަމަށާއި އެހެންވެ އާއިލާ އަށް ގެއެއް ހޯދަން މަޖުބޫރު ކަމަށް ބުނެފައިވެ އެވެ.

މިހާ ގިނަ ފޯނު ހޯދިދާނެތޯ އެއްބަޔަކު ސުވާލުކުރެ އެވެ. ބައެއް މީހުން ބުނެފައި ވަނީ އެންމެ ލޯބިވެރިޔަކު ވެސް ނުލިބިގެން އެތައް ބަޔަކު އުޅޭއިރު 20 ލޯބިވެރިން ހޯދުމާއި އެއިން ކޮންމެ މީހެއްގެ އަތުން އައިފޯން 7 އެއް ހޯދުމަކީ ހުނަރަކުން ނޫނީ ވާނެ ކަމެއް ނޫން ކަމަށެވެ.