ސްޕެއިންގެ ޑޮކްޓަރެއް ކަމަށްވާ، އުމުރުން 62 އަހަރުގެ ލީނާ އަލްވާރެޒް ބަލިވެ އިނދެ ވިހަން ތައްޔާރުވެފައި އިންކަން އިއުލާނުކޮށްފި އެވެ.

މީގެ 20 އަހަރު ކުރިން އިއްދައިން ކެނޑުމުގެ މަރުހަލާ ފެށުނު އަލްވާރެޒް ބުނީ ދަރިމައިވުމަށް ޓްރީޓްމަންޓްތައް ނެގުމަށް ފަހު ބަލިވެ އިނދެ މިހާރު ބަނޑަށް އަށް މަސް ކަމަށެވެ. އޭނާ އަށް ލިބެނީ އަންހެން ކުއްޖެކެވެ. މިއީ އޭނާގެ ތިން ވަނަ ދަރިފުޅެވެ.

އަލްވާރެޒް އަށް ކުރިން ލިބިފައި ވަނީ ދެ ފިރިހެން ކުދިންނެވެ. ދޮށީ ދަރިފުޅަށް 27 އަހަރު ވެފައި ވާއިރު، ވިހެއުމުގެ ތެރޭގައި ބޮލަށް ލިބުނު ގެއްލުންތަކެއްގެ ސަބަބުން އެއީ ދާއިމަށް ބޭސްކުރަން ޖެހިފައިވާ ކުއްޖެކެވެ.

ހަގު ދަރިފުޅުގެ އުމުރުން 10 އަހަރު ވެފައި ވާއިރު އެއީ އަލްވާރެޒްގެ އުމުރުން 52 އަހަރުގައި ލިބުނު ދަރިއެކެވެ.

"އަހަންނަން މިހާރު ކުރެވެނީ އުމުރުން 30ގެ އަހަރުތައް ގުނަމުންދާ އަންހެނެއްގެ އިހްސާސްތައް. މިއީ އަހަރެން ވަރަށް ގިނަ ދުވަހު ބަރުދާސްތުކުރި ވޭންތަކުގެ ނިމުން. އަހަރެން މި ހުރީ ވަރަށް އުފަލުން. މިއީ ވަރަށް ބޮޑު އަޖައިބެއް،" ސްޕެއިންގެ އެޖެންސިއާ އީއެފްއީ އަށް ދިން އިންޓަވިއުއެއްގައި އަލްވާރެޒް ބުނެފައިވެ އެވެ.

އޭނާ ބުނެފައި ވަނީ އަދި އެއްފަހަރު ވިހަން އަބަދުވެސް ބޭނުންވާ ކަމަށާއި އެކަމަކު ސިއްހީ ތަޖުރިބާކާރުންގެ ގިނަ ބަޔަކު އެކަމާ ދެކޮޅު ކަމަށެވެ.

މުސްކުޅި އުމުރުގައި އަލުން ދަރިއެއް ހޯދުމަށް ފަރުވާ ދޭން އެއްބަސްވި ގައިނޮކޮލޮޖިސްޓަކާ އަލްވާރެޒްއާ ދިމާވެ އެންމެފަހުން ހުވަފެން ހަގީގަތަކަށްވީ އެވެ.

"އެ މީހުން ބުނީ މިކަން ކާމިޔާބު ވުމަށް އޮންނަނީ އެންމެ ހަ ޕަސެންޓް ޗާންސެކޭ. އެކަމަކު އަހަރެން ބަލިވެ އިނީ،" އަލްވާރެޒް ބުނެފައިވެ އެވެ.

އުމުރުން ވަރަށް ދޮށީ އުމުރުގައި ދަރިން ހޯދޭނެ ސިއްހީ ފަރުވާތައް މި ޒަމާނުގައި ލިބެން ހުރި ނަމަވެސް މިއީ ސިއްހީ ދާއިރާގެ ގިނަ މީހުން ތާއީދުކުރާ ކަމެެއް ނޫނެވެ. އަލްވާރެޒް ބަލިވެ އިން ވާހަކަޔާ އެކު މި ބަހުސް އަނެއްކާވެސް ވަނީ ފެށިފަ އެވެ.