ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވާދަވެރި ރިޔާސީ ކެންޑިޑޭޓްގެ ފަޅިން ފާޑުކިޔުންތަކާއި ދިމާކުރުންތައް އައި ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ފަރާތުން ރައްދު ދެއްވުމުގެ ބައި އެއްވެސް ގޮތަކަށް ނުފެނެ އެވެ. ބައެއް ނޫސްވެރިން އެ ކަންކަމާ ގުޅޭ ގޮތުން ސުވާލު ކުރިޔަސް ދައްކަވަނީ އޭނާގެ މަޑުމައިތިރިކަމާ އެއްގޮތަށް ރައްދު ދެއްވުމަށް ވުރެ ބޮޑަށް ހިނިތުންވުމެކެވެ. މާ ބޮޑު ކަމަކަށް ނުހައްދަވަ އެވެ. ތަރުޖަމާނު މެދުވެރި ކުރައްވައި ރައްދު ދެއްވަން ބޭނުމެއް ނުވެ އެވެ.
މިދިޔަ ހުކުރު ދުވަހު "މިހާރު" އަށް ދެއްވި ވީޑިއޯ އިންޓަވިއުގައި ވެސް އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވެސް ކަންތައް ކުރެއްވީ ހަމަ އެގޮތަށެވެ. ދެއްވީ ކުރު ޖަވާބެކެވެ. ވިދާޅުވީ އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބާ ދެމެދު މިހާރު އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ބޭނުންވަނީ ރައްޔިތުންނަށް ކަންކަން ހުށަހަޅައިދެއްވަން ކަމަށެވެ. ކޮންމެ ދުވަހަކު ރައްދު ދެއްވަން ފައްޓަވައިފި ނަމަ ރައްޔިތުންނާ ދައްކަވާނެ ނުވަތަ ހުށަހަޅުއްވާނެ ވާހަކައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތެއް ވެސް ނޫން އެހެން މީހުންނާ ބެހޭ ގޮތުން ވާހަކަ ދެއްކުން. ރީތި ސިފައެއް ވެސް ނޫން އަނެކާއާ ބެހޭ ގޮތުން ވާހަކަ ދެއްކުން. އަދި އަމުދުން ހަގީގަތާ ހިލާފު ވާހަކަ ދެއްކުން. އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން އެ ހަމައެއް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
އޭނާގެ ހުރިހާ އަމާޒެއް ހުރީ އެހެންވެ، އެންމެ ވާދަވެރި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިން ދައްކަވާ އެ ފަދަ ވާހަކަތަކަށް ބީރު ކަންފަތެއް ދެއްވައި، ސިޔާސަތުތައް ހުށަހެޅުއްވުމަށެވެ.
ތިރީގައި ޑރ. މުއިއްޒު "މިހާރު" އަށް ދެއްވި އިންޓަވިއުގެ އެހެން ބައެއް ސުވާލުތަކެވެ.
އިންތިހާބަށް ކުރިމަތިލައްވަން ނިންމެވި ސަބަބަކީ ކޮބައިތޯ؟
އަޅުގަނޑު ބޭނުންވަނީ މި ގައުމުގައި ގާނޫނީ ވެރިކަމެއް ކުރަން. އަދުލުވެރި ވެރިކަމެއް ކުރަން. އިންސާފުވެރި ވެރިކަމެއް ކުރަން. އެހެންވެ ކުރިމަތިލީ. މި ގައުމުގައި ބަލާއިރުގައި މި ފެންނަނީ ގާނޫނީ ވެރިކަމެއް ކުރުމުގެ ބަދަލުގައި އެ މީހަކު ބޭނުން ގޮތަކަށް ކަންތައްތައް ކުރުމުގެ އުސޫލެއް ގާއިމުވަމުން އަންނަ ތަން. ގާނޫނުއަސާސީއެއް އެބައޮތް. ގާނޫނުތައް އެބަހުރި. އެ ކަންކަމަށެއް ރިއާޔަތެއް ނުކުރެވޭ. ސަމާލުކަމެއް ނުދެވޭ. އަދުލުވެރިކަމަކަށް އިސްކަމެއް ނުދޭ. އިންސާފެއް ނެތް. އެހެން ވެއްޖިއްޔާ މި ގައުމު ދާނެ ގޮތަކަށް މި ދަނީ. މިއީ ވަރަށް ބްރޯޑްކޮށް، ކޮންމެ ދާއިރާއަކަށް ބެއްޔަސް މި ވާހަކަ އޮންނާނީ މި ގޮތަށް.
ޕީޕީއެމް/ޕީއެންސީގައި ތިއްބެވި އެހެން ބޭފުޅުންނަށް ވުރެ ބޮޑަށް މުއިއްޒަށް ތިކަންކަން ވާނެ ކަަމަށްތޯ ގަބޫލު ކުރައްވަނީ؟
އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑަށް ނަތީޖާ ނެރެދެވޭނެ. އަޅުގަނޑު އިހުލާސްތެރިވާނެ. ތެދުވެރިވާނެ. ރައްޔިތުންގެ އަޑުއަހާނަން. ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި އަޅުގަނޑު ސަމާލުކަން ދޭނަން. އެއީ އަޅުގަނޑަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށް އޮތް ޔަގީން ކަމަކީ. މި ވޭތުވެދިޔަ ތަނުގައި ވެސް އަޅުގަނޑު އެކިއެކި ހައިސިއްޔަތުތަކުން ވެސް އެ ގޮތަށް މަސައްކަތް ކޮށްފައި ހުންނާނީ. އެހެންވެ އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުންނަށްޓަކައި މި ގައުމަށް އެ ނަތީޖާ ނެރެދެވޭނެ ކަމަށް.
މުއިއްޒުގެ ބައްޕަގެ ހުރި ހަމައެކަނި ބޭފުޅަކީ މުއިއްޒު. ބައްޕަ ނިޔާވުމާ ހަމައަށް ބައްޕަގެ އެންމެ ބޮޑު ހަނދާނަކީ ކޮބައިތޯ؟
އެންމެ ހަނދާން ވާނީ އެންމެ ފަހުން ވަރަށް ހިތްދަތި ވަގުތުތަކެއް ހޭދަވެގެން ދިޔައީ. އަޅުގަނޑު ހުރީ ބައްޕައާ އެކު ހައްޖަށް ގޮސް. އެއީ އެންމެ ބޮޑަށް ކިޔައި ދެންޏާ ރައީސް ޔާމީން ހައްޖުން ވަޑައިގެންވިއިރު ލޯންޗުގައި ބޮން ގޮވި ހާދިސާ ހިނގި އަހަރު. އަޅުގަނޑު ބައްޕަ ކައިރީގައި މަޑުކުރަން ނުޖެހުނު ނަމަ އަޅުގަނޑު ވެސް އެ ލޯންޗުގައި އިންނާނެ. އަޅުގަނޑު [ހައްޖަށް] ދިޔައީ ރައީސް ޔާމީންގެ ޑެލިގޭޝަންގައި.
އެއީ އެ ފަހަރު ބައްޕަ ހައްޖަށް ވަޑައިގެން އުޅުއްވަނިކޮށް އާލާސްކަންފުޅު ގޯސްވެގެން އަރަފާތަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް ކުއްލި ގޮތަކަށް އިތުރަށް ގޯސްވެގެން ހޮސްޕިޓަލަށް ދާން ޖެހުނީ. އެ ދުވަހު އަޅުގަނޑު އަރަފާތަށް ދިއުމުގެ ކުރިން ވެސް ބައްޕަ ކައިރި އަށް ގޮސް އަޅުގަނޑު ކޮންސެންޓް ދީގެން ބައްޕަގެ އޯޕަން ހާޓް ސާޖަރީއެއް ކުރަން ޖެހުނީ. އެ ނުތަނަވަސްކަމުގެ ތެރޭގައި އަޅުނޑު އުޅުނީ.
ދެން ތަގުދީރު ނިޔާކުރި ގޮތުން ދުނިޔެ ދޫކުރައްވައި ބައްޕަ ވަޑައިގަތީ. އަޅުގަނޑުގެ އަތުން އެންމެ ފަހު ވަގުތު ޖަންނަތުލް މައްލާ، މައްކާގައި ދެވަނަ އަށް އެންމެ މާތް ގަބުރުސްތާން، އެ ތަނުގައި [ބައްޕަގެ ހަށިގަނޑު] ބޭއްވީ ވެސް. އެހެންވީމާ އެ އަށް ވުރެ ބޮޑު ހަނދާނެއް [ބައްޕަގެ] އަޅުގަނޑުގެ ނެތް.
ބައްޕަގެ ފަރާތުން އެއްވެސް ކަހަލަ އިރުޝާދެއް ލިބިވަޑައިގެންފައި އޮތްތޯ ވަކި ކަމަކަށް؟
ބައްޕަ އަބަދުވެސް އެދިވަޑައިގަތީ ރަނގަޅަށް އުޅުމަށް. ވަރަށް ރަނގަޅަށް ދީނީ ކަންކަމަށް ސަމާލުކަން ދިނުމަށް. މީހުންނާ ދޭތެރޭގައި ހެޔޮކޮށް ހިތުމަށް. އަބަދުވެސް އަހުލާގީ ގޮތުން ރަނގަޅަށް، ހުރިހާ ގޮތަކުން ބަލައިގެން އުޅުމަށް. ދެން ކުރާ ކޮންމެ ކަމެއްގައި ވީހާ ވެސް ރަނގަޅަށް މަސައްކަތް ކުރުމަށް. އެންމެ ބަލިވެ، މި ދެންނެވި ވަގުތުގައި އެ ހުރިހާ ވާހަކައެއް ނުދައްކަވާނެ. އޭގެ ކުރީގައި އެ ހުރިހާ ވާހަކައެއް ދެއްކެވުނު.
މުއިއްޒަކީ ސްކޫލް ދައުރުގައި ވެސް މޮޅު ދަރިވަރެއް. ބެސްޓް އޯލްރައުންޑް ކަން ހޯއްދަވާފައި އެބަހުރި. ޑިގްރީ، މާސްޓާސް އަދި ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވިއިރު ވެސް އެންމެ މަތިން ފާސް ހޯއްދެވި ބޭފުޅެއް. ކިހާ ބޮޑަށް ބައްޕަގެ އެހީތެރިކަން ތައުލީމީ ރޮނގުން މިހާ ހިސާބަށް ދަތުރު ކުރެއްވުމުގައި ލިބިވަޑައިގެންނެވިތޯ؟
އަޅުގަނޑުގެ ބައްޕަ ވަރަށް ބޮޑަށް އެހީވެވަޑައިގެންނެވި. ސްކޫލް ދައުރުން ފެށިގެން ޔުނިވާސިޓީ ތައުލީމު ނިންމުމުގައި ވެސް މާލީ ގޮތުން ވަރަށް ހާއްސަ ގޮތެއްގައި އެހީތެރިވި. ފުރަތަމަ ޑިގްރީ އެއީ ބްރިޓިޝް ގަވަމެންޓް ސްކޮލަޝިޕެއް އަޅުގަނޑަށް ލިބުނީ ކޮންސްްޓްރަކްޝަން މިނިސްޓްރީގައި މަސައްކަތް ކުރަމުން ދަނިކޮށް. އެ ސްކޮލަޝިޕް ނިމުނުއިރު މާސްޓާސް ކޯސް ހަމަޖެހިފައެއް ނެތް އެ ސްކޮލަޝިޕް ތެރެއަކު. އެހެން ނަމަވެސް އިތުރު ބްރޭކެއް ނެތި ކޮންޓިނިއު ކުރެވޭ ގޮތްވީ. އަޅުގަނޑުގެ ބައްޕަ ފުލީ ފަންޑް ކުރެއްވި ޓިއުޝަން ފީ ދައްކަން ވެސް އަދި މަންތްލީ އަތަށް ބޭނުންވާނެ ސްޓައިޕެންޑް ކަންތައްތަކުގައި ވެސް.
ޔުނިވާސިޓީ ލަންޑަންގައި މާސްޓާސް އިންޖިނިއަރިން ހެދީ ބައްޕަ ފުލީ ފަންޑް ކުރައްވައިގެން. ދެން އެ އަށް ފަހު މާލެ އައިސް ހައުސިން ބޯޑުގައި އަޅުގަނޑު މަސައްކަތް ކުރީ. ގާތްގަނޑަކަށް ތިން އަހަރު ހަމަވާން އުޅެނިކޮށް އަނެއްކާ ވެސް އަޅުގަނޑަށް އިނގިރޭސި ވިލާތުން ސްކޮލަޝިޕެއް ލިބޭ ގޮތްވީ. އެކަމަކު އެ ސްކޮލަޝިޕްގައި ފުލީ ފަންޑެއް ނެތް. އޭގައި ބައެއް ވިޔަފާރިވެރިން ވެސް އެހީތެރިކަން ދިން. އޭގެ އިތުރުން ބައްޕަ ވަރަށް ބޮޑު އެހީއެއް ދެއްވި ކޮންމެ މަހެއްގެ ސްޓައިޕެންޑް ކަންތައްތަކުގައި. އަޅުގަނޑު ފެމިލީ ވެސް ގޮވައިގެން ދިޔައީމާ އިތުރު ހަރަދުތައް ހިނގާ.
ޕީއެޗްޑީ ނިންމުމުގައި ވެސް ބައްޕަ ވަރަށް ބޮޑު މާލީ އެހީތެރިކަމެއް ދެއްވި. އެހެންވީމާ ފައިސާގެ ގޮތުން ވެސް އަދި އެހެނިހެން ގޮތްގޮތުން ވެސް ފުރަތަމަ ދުވަހުން ފެށިގެން ތައުލީމީ ހަޔާތް އެއްކޮށް ނިމެންދެން ވެސް އަޅުގަނޑުގެ ބައްޕަގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން މި ހިސާބަށް އާދެވުނީ.
މުއިއްޒު މޭޔަރުކަމަށް ކުރިމަތިލެއްވިއިރު ވެސް އަނބިކަނބަލުން އެހާ އެކްޓިވްކޮށް ނުފެނޭ. އެކަމަކު މި އިންތިހާބުގެ ކެމްޕެއިންގައި ވަރަށް އެކްޓިވްކޮށް އެބަފެނޭ. އަނބިކަނބަލުންނަކީ ސިޔާސީ ކަންކަމަށް ޝައުގުވެރިކަން ހުންނަވާ ބޭފުޅެއްތޯ ނޫނީ މުއިއްޒު ވިދާޅުވެގެން މި ކެމްޕެއިންގައި އަނބިކަނބަލުން އެކްޓިވްކޮށް އުޅުއްވަނީތޯ؟
ނޫނޭ. ވަރަށް އަމިއްލަ ވިސްނުން ގެންގުޅޭނީ. އިންޑިޕެންޑެންޓް ވާނެ ކަންކަމުގައި. މި ފަހަރުގެ އިންތިހާބާއި ކުރީ ފަހަރާ ތަފާތަކީ ކުރީ ފަހަރުގައި އަޅުގަނޑުގެ އެންމެ ދޮށީ ދަރިފުޅުގެ އޯލެވެލް އެގްޒާމްތެރެއާ ދިމާވީ. ހުރިހާ ވަގުތެއްގައި އަޅުގަނޑުގެ އަންހެނުން އުޅުނީ އެ ކަމުގައި. އެއީ އަޅުގަނޑުމެންނަށް ރިސްކެއް ނެގޭނެ ކަމެއް ނޫން. އިންޝާﷲ އަޅުގަނޑުގެ ޑޯޓާ އަށް ލިބުނު ދުވަހަކު ވެސް އަދި ތާޖުއްދީން ސްކޫލަށް ނުލިބޭ ވަރުގެ މަތީ ވަނައެއް. ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދި. ދެން މި ފަހަރު އަޅުގަނޑު އެއްގޮތަކަށް ވެސް [އަނބިކަނބަލުން ކައިރީގައި ސިޔާސީ ކަންކަމަށް ނުކުންނަން] ނުބުނަން. އަޅުގަނޑަށް ބައެއް ފަހަރު ފެންނަނީ ސަފުގައި ސަލާން ކުރަން ހުއްޓާ. އަޅުގަނޑު މި މަގާމަށް ހޮވަން އަމިއްލަ އަށް ބޭނުންވާތީ އަމިއްލަ އަށް މިނިވަންކަމާ އެކީގައި މަސައްކަތް ކުރަނީ. ފުރަތަމަ ދެކޮޅު ވެސް ހެދި. ދެން ފަހުން ގައުމުގައި މި ކަންކަން ދާ ގޮތް ފެނިފައި، އަބަދުވެސް ދައްކާނެ ގައުމާ ދޭތެރޭ ކަންތައް ވާ ގޮތް. ސަރުކާރުން ކަންކަން ކުރިއަށް ގެންދާ ގޯސް ގޮތުގެ ވާހަކަ. އެއްގޮތަކަށް ވެސް ސިޔާސީ ވާކަށް ބޭނުމެއް ނުވާނެ. ސިޔާސީ ކަންކަމުގެ ތެރެއަަށް އެއްގޮތަކަށް ވެސް ދާކަށް ބޭނުމެއް ނުވާނެ. ވަރަށް ޓެކްނިކަލް ދާއިރާއެއްގައި ވަރަށް ޓެކްނިކަލް މީހެއްގެ ގޮތުގައި އެހެން މީހުން ވެސް ދެކޭނީ.
މުއިއްޒާއި ސަލަފާ ވަރަށް ބޮޑަށް ގުޅުވައިގެން އެބަ ވާހަކަ ދައްކާ. މުއިއްޒަކީ ސަލަފުގެ ބޭފުޅެކޭ، ވެރިކަން ލިބިއްޖެ ނަމަ ސަލަފުގެ މީހުންނަށް ވަޒީފާ ދެއްވާނެ ވާހަކަ ދެއްކެވޭ. އެޑިއުކޭޝަން މިނިސްޓަރަކަށް ސަލަފުގެ މީހަކު ހަމަޖައްސާނެއޭ. ސަލަފާއި މުއިއްޒާ ކިހާ ގުޅުމެއް އޮވެގެންތޯ އެ ވާހަކަ ދައްކަނީ؟
އަޅުގަނޑުގެ ނޯންނާނެ އެއްވެސް ގުޅުމެއް ސަލަފާ. ސަލަފަކީ އަޅުގަނޑު އެއްވެސް އިރަކު އުޅުނު ޖަމިއްޔާއެއް ވެސް ނޫން. އުޅެން ގަސްދުކުރާ ޖަމިއްޔާއެއް ވެސް ނޫން. ސަލަފް ޖަމިއްޔާގެ ރައީސަކަށް އެ ހުންނަނީ އަޅުގަނޑުގެ އަންހެނުންގެ ބޭބެ. އެއްބަފާ ބޭބެއެއް އެއީ. އެއީ އަޅުގަނޑަކާ ގުޅުމެއް އޮތީކީ ނޫން. އެ ބޭފުޅުން އަދި އެހެން ބޭފުޅުން ވެސް އަޅުގަނޑުގެ ވިސްނުން ހުންނަ ގޮތް ނޫނިއްޔާ އަޅުގަނޑުގެ އަމަލުތައް ހުންނަ ގޮތް ބަލައިގެން ތާއީދު ކުރެއްވުމަކީ އެ ބޭފުޅުންގެ އަމިއްލަ އިހުތިޔާރުގައި އޮންނާނެ ކަމެއް. އެއްވެސް ދީނީ ޖަމިއްޔާ އާއި ޖަމާއަތަކާ އަޅުގަނޑުގެ ނޯންނާނެ ގުޅުމެއް. ތަންކޮޅެއް ކުރިން އަޅުގަނޑު އުޅުނިން އަދާލަތު ޕާޓީގައި. ދެން އެ ޕާޓީން ވެސް ފަހުން ކަންތައް ކުރަމުން ދިޔައީ އެއްވެސް ގޮތަކަށް ރަނގަޅަށް ނޫން ވީމާ އަޅުގަނޑު އެ އިން ވެސް ނުކުތީ. އަޅުގަނޑު ސަލަފު ޖަމިއްޔާގެ ބޭފުޅަކަށް އެއްވެސް ކަހަލަ މަގާމެއް ދޭން ވިސްނާފައި އަދި މަޝްވަރާ ކޮށްފައި ވެސް ނޯންނާނެ. އެއީ ދެން މި ކެމްޕެއިން ތެރޭގައި ބައެއް ބޭފުޅުން ކަންބޮޑުވުން އުފައްދަން ވެގެން ދައްކާ ވާހަކައެއް.
އެ ކަހަލަ އޮފާއެއް ވެސް ޝަރުތެއް ވެސް ނެތްތޯ
އެ ކަހަލަ އެއްވެސް ކަމެއް ނެތް.
މި ކެމްޕެއިން ފެށުމާ އެކު އިވުނީ ރައީސް ޔާމީން ވިދާޅުވެގެން ދައުރުގެ މެދުތެރެއިން މުއިއްޒު އިންތިހާބެއް ބާއްވަފާނެ ކަމަށް. އެ ކަހަލަ އެއްވެސް ވިސްނުމެއް އެބަހުރިތޯ؟ ގާނޫނުއަސާސީ ތަން ނުދިނަސް ދެ ބޭފުޅުން އެއްފަހަރާ އިސްތިއުފާ ދެއްވީމާ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަން މަގުފަހިވޭ.
ތި ވެސް ހަމަ ހުސްބުހުތާނު ދޮގު. ރައީސް ޔާމީންގެ ކިބަޔަކުން ނެތް އެއްވެސް ޝަރުތެއް އައިސްފައެއް. ހަމަ އެއްގޮތަކަށް ވެސް ތި ކަހަލަ މަޝްވަރާއެއް ވެސް ނުކުރެވޭ. ދެން ތިއީކީ ކުރެވޭނެ ކަމެއް ކަމަށް ވެސް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑު މި އަންނަނީ ގައުމު ހަމަ މަގަށް އަޅުވަން. އަދުލުވެރި، އިންސާފުވެރި ވެރިކަމެއް ކުރަން ވެގެންނޭ. ގައުމަށް ބޭނުންވާ ހަމަޖެހުން ގެނައުމަށްޓަކައޭ. ގައުމަށް ބޭނުންވާ ކުރިއެރުން ގެނައުމަށްޓަކައޭ. ރައީސް ޔާމީން ވިދާޅެއް ނުވާނެ އެ ކަންތައްތައް އެހެން އޮއްވައެއް އެކަން [ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަން]. އަޅުގަނޑުގެ ވިސްނުން ހުންނާނީ އެހެން ކަން ވެސް އެނގިވަޑައިގަންނަވާނެ. އަޅުގަނޑަށް އިތުބާރު ކުރައްވަނީ ވެސް އެހެން ވެގެން. އެހެން އޮއްވައި، އެހެން ސިޔާސީ ބޭފުޅުން ކަންތައް ކުރެއްވިހެން ވަކި ކަމެއް ކުރާކަށް [ޔާމީން] ވިދާޅެއް ނުވާނެ އަޅުގަނޑު ގާތަކު.
ދައުރުގެ މެދުތެރެއިން އިންތިހާބު ބޭއްވުމަކީ ވެސް މުއިއްޒު ގަބޫލު ކުރައްވާ ހަމައެއް ނޫނޭތޯ ތި ވިދާޅުވަނީ؟
އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން އެއީ. އެހެނެއް ނޫން އެ ކަން ވާން ޖެހޭނީ. ފަސް އަހަރުގެ ދައުރެއް ކޮމްޕްލީޓް ކޮށްގެން ނޫނިއްޔާ ރައްޔިތުންނަށް، އެހެން ނޫނިއްޔާ ރައްޔިތުން ކީއްކުރަންތޯ އިންތިހާބު ކުރަންވީ މީހަކު؟ ފަސް އަހަރަށް އިންތިހާބު މި ކުރަނީ. ކޮށްގެން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދޭނީ. އެހެންވީމާ އެހެން އެ ކަން ދާނީ.
މުއިއްޒު ވަނީ ޖުމުލަ 7 އަހަރު ހައުސިން މިނިސްޓަރުކަން ކުރައްވާފައި. އެއްވެސް ސަރުކާރަކުން ދާއިމީ ހައްލެއް ނުގެނެސް ދެއްވުނު. އެމްޑީޕީން މި ފަހަރު ހުށަހަޅާފައިވާ ހައުސިން ސިޔާސަތާއި މުއިއްޒުގެ ހައުސިން ސިޔާސަތާ ދެމެދު ހުރި ތަފާތަކީ ކޮބައިތޯ؟ ޖުމުލަ ހައްލެއް ލިބޭނެތޯ؟ ގޯތި ގެދޮރުގެ މައްސަލަ ހައްލު ނުވެގެން މިވީހާ ދުވަހު މި އުޅުނީ.
ޖުމުލަ ހައްލު އަންނާނީ ވެރިކަމަށް އަންނަ މީހަކު ހައުސިން މައްސަލައަކީ އެންމެ އިސްކަން ކަމަށް ކަނޑައަޅައިގެން. އަޅުގަނޑު ސާފުކޮށް މި ދަންނަވަނީ އެންމެ އިސް، ނަމްބަރު ވަން ޓޮޕް ޕްރިއޮރިޓީއަކީ ހައުސިންއޭ. ދެން އޭގެ މައްޗަކަށް ނާންނާނެ އެހެން ކަމެއް. އެހެން ވެއްޖިއްޔާ މުޅި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ކުންފުނިތައް ވިޔަސް މިނިސްޓްރީއެއް ވިޔަސް އެކަމާ ގުޅޭ ހުރިހާ ދިމާލެއް ބައްޓަން ވާނީ ބޭންކްތައް ވިޔަސް ބައްޓަން ވާނީ އެކަން ކުރަން ކުރެވޭ ގޮތަށް. މިހާރު ބައިކުޅަބައި ހައްލެއް ގެންނަން އުޅުނީމާ މި ކަން ނުވެގެން މި އުޅެނީ. އެހާ ބޮޑު ޑިސްޕެރިޓީއެއް މި އަންނަނީ މަދުބަޔަކަށް ދިނީމާ އަނެއްކާ ވެސް އަސްލު ހައްލެއް ނުލިބޭ. އެ ތަން ހެދޭ ގޮތެއް ވެސް ނުވޭ. މިސާލަކަށް ބިމެއް ދިނީމާ. އެހެންވީމާ މުޅި މައްސަލައަށް ހައްލެއް އަންނަން ޖެހޭނީ. ބައެއް މީހުންނަށް ގޯތި ދީފައި އެ ތަން ހެދޭނެ ގޮތެއް ނެތުނީމާ އަނެއްކާވެސް ކޮންމެވެސް މުއްސަނދި އެހެން މީހެއްގެ ކައިރިއަށް ދާން ޖެހެނީ. މި ހުރިހާ ކަމެއް ހައްލު ކުރެވޭނެ ޕޮލިސީއެއް އަޅުގަނޑު އިއުލާންކުރީ. އެކަށީގެންވާ ވަރަށް ބިން އިތުރު ކުރަންޖެހޭ. އިތުރު ކުރާ ބިންތަކުގައި ގެދޮރު ބިނާކޮށްދިނުން. އަދީ ދީފައިވާ ބިންތަކުގައި ގެދޮރު އެޅުމަށް އެހީތެރިކަން ދިނުން. އެ ކަމަށް ބޭނުންވާ އެކި ކަހަލަ ގާނޫނީ ކަންތައްތައް ވެސް ހުންނަން ޖެހޭނެ ކުރަން.
ބައެއް ބޭފުޅުން ވިދާޅުވާނެ ހަތް އަހަރު ވަންދެން ހައުސިން މިނިސްޓްރީ ހިންގެވިއިރު ހައުސިން ޕޮލިސީ އެންމެ އިސްކަމަކަށް ނުހެއްދެވީ ކީއްވެތޯ؟
އަޅުގަނޑުގެ އަމިއްލަ ސިޔާސަތު ކަނޑައަޅަން ނޫންތޯ [ވެރިކަމަށް] މި އަންނަނީ. އަޅުގަނޑުގެ ނަމްބަރު ވަން ޕޮލިސީއަކީ ހައުސިން.
9- ރައީސް ޔާމީނަކީ އިންޑިއާ އިން ރާއްޖެއާ މެދު ގެންގުޅޭ ސިޔާސަތާ ވަރަށް ދެކޮޅު ބޭފުޅެއް. އިންޑިއާ އައުޓް ކެމްޕެއިން ހެއްކަކަށް ފުދޭ. މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ ދެ ގައުމުގެ ގުޅުން މިހާރަށް ވުރެ ގޯސް ނުވަތަ ރަނގަޅު ވެދާނެ ކަމަށް ބެލެވޭތޯ؟ މިހާރު ވެސް ޕީޕީއެމްގެ ސަޕޯޓަރުން އިންޑިއާގެ ސިޔާސަތުތަކާ ފުދޭވަރަކަށް ދެކޮޅު. ސޯޝަލް މީޑިއާ އިން މިހާރު ވެސް ފެނޭ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ މުއިއްޒު އެ ކަމާ ކަންބޮޑުވުން ފާޅު ނުކުރައްވާ ކަމަށް.
އަޅުގަނޑުގެ ފޮރިން ޕޮލިސީއަކަށް ވާނީ ހުރިހާ ގައުމުތަކާ ގާތް ގުޅުމެއް ބޭއްވުން. ވަކި ގައުމެއްގެ ކޮޅަށް ބުރަވެގެން ގޮސް އެއްކޮށް އެ ގައުމު ކޮޅަށް ހުސްވުމަކީ އެއްގޮތަކަށް ވެސް އެކަން އޮންނާނެ ގޮތެއް ނޫން. އެންމެންނާ ގާތްގުޅުމެއް ބާއްވަން ޖެހޭނެ. ދެވަނަ ކަމަކަށް އަވަށްޓެރި ގާތް ގައުމުތަކާ އެ އަވަށްޓެރިކަމާއި ގާތްކަން އޮންނަން ޖެހޭނެ. ތިންވަނަ ކަމަކަށް މިއިން އެއްވެސް ކަމަކީ އަޅުގަނޑުމެންގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަކަށް ވަންޏާ ހަމަ ނޫނެކޭ ބުނަން ޖެހޭ ތަންތަނުގައި ނޫނެކޭ ބުނާނަން. އަޅުގަނޑުމެންގެ ކަންކަން ނިންމާނީ އަޅުގަނޑުމެން. ދިވެހި ރައްޔިތުން. މި ގައުމުގެ ތެރޭގައި އެހެން ގައުމަކަށް އަދި އެހެން ގައުމުތަކަކަށް ބަސް ބުނެވިގެން ނުވާނެ. އެ ފުރުސަތެއް ނުދޭނަން. ނަމަވެސް މަޝްވަރާ ކުރެވޭނެ. ޑިޕްލޮމެސީ އޮންނާނެ. އެކަމަކު، ގައުމުގެ މިނިވަންކަމާއި އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަމަށް ދުލެއް ނުދެވޭނެ. ހަތަރުވަނަ ކަމަކަށް މި ގައުމުގައި އެހެން އެއްވެސް ގައުމެއްގެ މިލިޓަރީއަކަށް ނުތިބެވޭނެ. ތިބެގެން ނުވާނެ. އެއީ އިންޑިއާ އެކަންޏެއް ނޫން. އެއީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން މި ގައުމުގައި އެހެން ފަރާތްތަކުގެ މިލިޓަރީ ޕްރެޒެންސް އޮންނާކަށް. ފަސްވަނަ ކަމަކަށް ވަރަށް ކުރީއްސުރެ އޮންނަ ރީތި ސިފައެއް އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވާތީ މުސްލިމް ގައުމުތަކާ އޮންނަ އުހުއްވަތްތެރިކަން އެ ވަރުގަދަ ކަމުގައި އަލުން އެސްޓެބްލިޝް ވާން ޖެހޭނެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާ ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރެއްވި. އެ ސިޔާސަތު އަލުން އަތުވެދާނެތޯ؟ ބަލަން ތިބި މީހުންނަށް ފެނުނީ އިންޑިއާ ވަރަށް ބޮޑަށް އެކަހެރި ކޮށްފައި ޗައިނާއާ ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރެއްވި ތަން.
ރައީސް މައުމޫންގެ ވެރިކަމުގައި މާލޭގައި އަޅާފައި ހުރި ސިނަމާލެ ފްލެޓްތައް. ނަވާރަސޭތަކަ ނުވަދިހަ ވަނަ އަހަރު ސިނަމާލެ ފުރަތަމަ ފްލެޓް ހުޅުވުނީ. އެއީ [ޗައިނާގެ] ހިލޭ އެހީގައި. އެ ހިސާބުން ފެށިގެން އެތައްއެތައް އެހީއެއް ވަމުން އަންނަ ގައުމެއް އެއީ. އެހެންވީމާ ޗައިނާ އިން ރައީސް ޔާމީންގެ ވެރިކަމުގައި ބްރިޖް އަޅައިދީ، ބައިވަރު ކަންތައްތައް ކޮށްދިނީ. އެހެންވީމާ ޗައިނާއާ އެ ގާތްގުޅުން އޮންނަން ޖެހޭނެ. އެކަމަކު އެއީ އޯވާވެލްމްލީ ގޮސް ޗައިނާ ކޮޅަށް ހުސްވުމެއް ނޫން. އިންޑިއާއާ ވެސް ގާތް ގުޅުމެއް އޮންނަން ޖެހޭނެ. އެންމެ ކައިރިން ނެއިބާ އެއީ. އިންޑިއާ ފަސްޓް ޕޮލިސީ އޮންނަން ޖެހޭނެ. ޗައިނާއަކުން މި ގައުމުގެ މިނިވަންކަމަކާ ނުބެހޭ. އަޅުގަނޑުމެންގެ އަމިއްލަ ކަންކަމަށް ބަހެއް ނުކިޔާ. އަޅުގަނޑުމެން އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަމުގައި މި ގައުމު ކުރިއަށް ދާން މިއުޗުއަލީ ބިނެފިޝަލް ޕޮލިސީއެއް އެ ބޭފުޅުން ގެންގުޅެނީ. އެ ބޭފުޅުންނަށް ފައިދާވޭ. އަޅުގަނޑުމެންނަށް ފައިދާވޭ. ކޮމާޝަލް ގިނަ މަޝްރޫއުތަކެއް ހިނގަނީ. އެ ގާތްކަމުގެ ތެރެއިން ރައްޔިތުންނަށް ލިބުނު އެތައް ފައިދާތަކެއް އެބަހުރި.
މުއިއްޒަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ޕީޕީއެމްގެ އެތެރޭގެ ބޮޑު ގޮންޖެހުމެއްގެ ތެރެއިން. ވެރިކަން ލިބިވަޑައިގެންފި ނަމަ ސަރުކާރުގެ ކަންކަން ހަމަޔަކަށް އެޅުވުމުގެ އިތުރުން ޕީޕީއެމްގެ އެތެރެއިން ކުރިމަތިވެދާނެ ކަންކަމަށް ކިހާވަރަކަށް ވިސްނަވަންތޯ؟
ޑިމޮކްރެސީ ރަނގަޅަށް އޮތިއްޔާ ވާދަވެރިކަން އޮންނާނެ. އެއީ އެކަން ވާނެ ވެސް ގޮތް. އަޅުގަނޑުމެން އެންމެންނަކީ އެކަކު އަނެކަކާ ގާތްރަހުމަތްތެރި އަހުން. އެ ބޭފުޅުންގެ ވެސް ޕޮލިޓިކަލް އެމްބިޝަންސް ހުންނާނެ. އެއީ އެއްގޮތަކަށް ވެސް މައްސަލައެއް ނޫން. ވާދަވެރި ވެސް ވާން ޖެހޭނެ. އެ ވާދަވެރިކަމުގެ ތެރެއިން ކުރެވޭ ކަމަކުން ކޮންމެވެސް އެކަކު މޮޅުވަނީ. މޮޅުވާ ހިސާބުން ދެން ތިބި އެންމެން އެއްގަލަކަށް އަރައިގެން އެއް ޓީމެއްގެ ގޮތުގައި ކުރިއަށް ދަނީ. އަޅުގަނޑުމެންގެ ތެރެއިން ފެންނަނީ އެކަން. ރައީސް ޔާމީންގެ ކިބައިން ވެސް ފެންނަނީ އެ ލީޑަޝިޕް ދައްކަވާ ތަން. މި ދެ ޕާޓީ އަށް މަގު ބަންދުވިޔަ ނުދެއްވައި ގައުމަށްޓަކައި ގޮތްގޮތް ނިންމަވައި ދެއްވި. ކުރިއަށް އޮތް ތާނގައި ވެސް އަޅުގަނޑު ގަބޫލު ކުރަނީ ރައީސް ޔާމީން ހަމަ އެ ގޮތަށް ކަންތައް ކުރައްވަމުން ގެންދަވާނެ. ޕާޓީ އެކަތިގަނޑަކަށް ވެގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެސް ރަނގަޅު ކާމިޔާބީއެއް ހޯދައި ސަރުކާރު އިތުރަށް ވަރުގަދަކޮށް ރައްޔިތުންނަށް ހިދުމަތް ދިނުން ކުރިއަށް ގެންދެވޭނެ މަގު ދައްކަވާނެއޭ. މި ދެ ޕާޓީ ބައިބައިވެ، އަޅުގަނޑުމެން މެދުގައި ތަޅާފޮޅުން އުފެދި އެ ކަހަލަ އެއްވެސް މަގަކަށް އެ މަނިކުފާނު ނުގެންދަވާނެ. އަޅުގަނޑު އެ މަނިކުފާނު މިނިވަންކުރާ ވާހަކަ މި ދައްކަނީ ގަބޫކުކުރާ ހަމައެއް އެއީ ނާއިންސާފުން، ބޭއިންސާފުން ސިޔާސީ ހުކުމެއް ކޮށްފައި އެ ހުރީ. އެހެންވީމާ ގާނޫނީ ހަމަތަކުގެ މަތިން އެ މަނިކުފާނަށް އަދުލު އިންސާފު އެބަ ލިބެންޖެހޭ.
ނާއިންސާފު ހުކުމެކޭ މުއިއްޒު ވިދާޅުވާއިރު ބައެއް މީހުން ބުނާނެ އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ހުކުމެއް ނޫންހޭ. ކޮރަޕްޝަންގެ ތުހުމަތެއް ނޫންހޭ ކުރީ. ކޮބައިތޯ ނާއިންސާފުން ކުރި ހުކުމަކީ؟
ދެން އެ ޝަރީއަތް ހިނގަމުންދާ ގޮތް އެންމެންނަށް ވެސް ފެނިގެން ނޫންތޯ ދިޔައީ. ހުކުމުގައި ލިޔެފައި އޮތް އެއްޗަކާއި ދެއްކެވުނު ވާހަކައަކާއި ކުރެވުނު ތުހުމަތަކާއި މި ހުރިހާ ކަމެއް ފެންނަން އެ އޮތީ. އެހެންވީމާ އޭގައި ނެތް ސުވާލެއް.
ކޮންމެ ސަރުކާރަކުން ވިސްނަނީ ލޯނު ނަގައިގެން ފުއްދަން. ދައުލަތް މި ދަނީ ދަރަމުން. ލިމިޓެއް ނެތް. އާމްދަނީ ހޯދޭނެ އާ ގޮތްތަކެއް ނެތް. މުއިއްޒުގެ ސިޔާސަތަކީ އެ ކަމުގައި ކޮބައިތޯ؟
ހަމަ ސިޔާސީ ބޭނުމެއްގައި ޕޯޑިއަމެއްގައި ވާހަކަ ދެއްކިޔަސް ރައްޔިތުން މިހާރު ގަބޫލެއް ނުކުރާނެ. އެ އަށް ވުރެ މާ ހޭލުންތެރި ތައުލީމީ މުޖުތަމައެއް މި އޮތީ. އަޅުގަނޑު މި އަންނަނީ ވަރަށް ތަފުސީލްކޮށް އިގްތިސާދީ ސިޔާސަތު ހާމަކުރަމުން. މިސާލަކަށް ޓޫރިޒަމް ދާއިރާ ވަރުގަދަކޮށް، ފުޅާކުރަން ޖެހޭ. އެތައް ރިސޯޓެއް އެ ހުރީ ނެހެދިފައި. އެ ތަންތަން ހެދޭނެ ގޮތް ހޯދައި ދެވޭނެ. އެ ގޮތް ހޯދައި ދިނީމާ އެތައް ރިސޯޓެއް ހެދޭނެ. ހެދުނީމާ ސީދާ ފައިދާ ވާނީ ރައްޔިތުންނަށް. އެއާޕޯޓް މަޝްރޫއު މިހާރަށް ވުރެ ބާރަށް ގެންގޮސް އޭގެ ސަބަބުން ވަރަށް ބޮޑު ދޮރެއް އެ ހުޅުވެނީ. އެތައް މިލިއަން ޓޫރިސްޓުން އިތުރު ކުރަން ފުރުސަތު އެބަ ލިބޭ. އެ ހުސް އާމްދަނީ. އާމްދަނީ އިތުރު ކުރެވޭނެ އެތައް ގޮތެއް އެބައޮތް މި ގައުމުގައި. އެސްއީޒެޑް ގާނޫނު ވެސް އެބައޮތް. އެސްއީޒެޑް ގާނޫނު އޮތީ ޕާކްކޮށްލާފައި މި ސަރުކާރުން. އެ ވެސް އެކްސްޕްލޯ ކުރެވޭނެ ކަންކަން. ދެވަނަ ކަމަކަށް ސަރުކާރުގެ އިސްރާފު ކުޑަކުރުން.
މުއިއްޒަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމުގައި ރައީސް ޔާމީންގެ އަނބިކަނބަލުން މުހިންމު ދައުރެއް އަދާކުރެއްވި ކަމަށްވޭ. ކޮބައިތޯ ހަގީގަތަކީ؟
ރައީސް ޔާމީން ވިދާޅުވެލައްވާ ކަމެއް އެކަނި ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ކުރައްވާނީ. އަޅުގަނޑު ދަންނަވާލާނީ ރައީސް ޔާމީންގެ ފުރިހަމަ އިތުބާރާއި ތާއީދާ އެކީގައި އަޅުގަނޑަށް މި ފުރުސަތު ލިބުނީ.
ރައީސް ޔާމީންގެ ސީދާ އިންސްޓްރަކްޝަނެއް މުއިއްޒަށް އައިސްފައި އެބައޮތްތޯ މި ރިޔާސީ ޓިކެޓާ ގުޅޭ ގޮތުން؟
އަޅުގަނޑަށް ވަކިންނެއް ނުފޮނުވާ. ރައީސް ޔާމީންގެ އަނބިކަނބަލުން މެދުވެރިކޮށް ޑރ. ޖަމީލް މެދުވެރިކޮށް މި ކަހަލަ އެކި ބޭފުޅުން މެދުވެރިކޮށް. ކޮންމެ ދުވަހަކު ރައީސް ޔާމީނާ ކޮންޓެކްޓް ކުރެވޭ ބޭފުޅުން މެދުވެރިކޮށް އެކަން އެނގިފައި އޮތީ.