ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ، އެންމެ ބޮޑު ބޭންކަށް މިދިޔަ ހުކުރު ދުވަހު 40 އަހަރު ފުރުނުއިރު، ފެށުނީއްސުރެ އެ ބޭންކުގައި އުޅުއްވި ތިން ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ މިހާރު ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން (އައިސްތު) އެވެ. މީގެ 40 އަހަރު ކުރިން 1982 ގައި ކޭޝިއާ ކްލާކެއްގެ ވަޒީފާ އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވެންނެވި އައިސްތުއަކީ މިހާރު އެ ބޭންކުގައި ދެވަނަ އަށް އެންމެ އިސްބޭފުޅާ އެވެ. އުމުރުން 23 އަހަރުގައި ބީއެމްއެލްއާ ގުޅިވަޑައިގެންނެވި ގޮތަށް، އެންމެ ސީނިއާ މެނޭޖުމަންޓުގައި ހުންނަވައިގެން ވަރަށް ގިނަ ކަންކަން ނިންމަވާފައި ވަނީ އޭނާގެ ބައިވެރިވެ ވަޑައިގަތުމާއެކު އެވެ. ބީއެމްއެލްގެ ކޮންމެ ކާމިޔާބީއެއްގެ އެއް ހިއްސާދާރަކީ މިއަދު އައިސްތު އެވެ. ފަހަތުގައި ހުންނެވި އެއް ބޭފުޅަކީ މިހާރު އުމުރުން 63 އަހަރުގެ އައިސްތު އެވެ.
މިދިޔަ 40 އަހަރުގެ ތެރޭގައި އޭނާ ދުވަހަކު ވެސް އިންޓަވިއުއެއް ނުދެއްވަ އެވެ. ހަޔާތުގެ ފުރަތަމަ އިންޓަވިއު މިދިޔަ ބުރާސްފަތި ދުވަހު އައިސްތު ދެއްވީ "މިހާރު" އަށެވެ.
އައިސްތު، ބީއެމްއެލްއާ ގުޅިވަޑައިގަންނަވަން ދިމާވި ސަބަބަކީ ކޮބައިތޯ؟
އަޅުގަނޑު އޭރު އުޅެނީ އެސްބީއައި (ސްޓޭޓް ބޭންކް އޮފް އިންޑިއާ) ގައި. އޭރު އޮންނާނެ ސްކޫލުން ކެނޑުނީމާ ބޮންޑެއް. އެ ބޮންޑަށް ހިދުމަތް ކުރަން އޮވޭ ތިން އަހަރު. އެސްބީއައިގައި އުޅޭތާ ދޮޅު އަހަރު ކަން ނޭނގޭ އަޅުގަނޑު ހަނދާން ވަނީ. އޭގެ ފަހުން މި ތަން ހުޅުވަން ވެގެން ސަރުކާރުން ބެލީ ބީއެމްއެލް އަށް ވަޒީފާ އަށް ގެނެވޭނެ މީހުން. އަޅުގަނޑާއި ފާތިމާ އާއި ހުސްނާ އަބްުދުއްލަތީފުއާ އަޅުގަނޑުމެން ތިން މީހުން އެސްބީއައި އިން ގެނައީ. މިސާލަކަށް މިއަދު ބީއެމްއެލް ހުޅުވަންޏާ އަޅުގަނޑުމެންނަށް އެންގެވީ އިއްޔެ ބޮންޑުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގެ ވަޒީފާ އަށް ނުކުންނަން. ފުރަތަމަ ވަރަށް ހިތްހަމަނުޖެހުނު، ދެރަ ވެސް ވި އެ އުޅޭ ތަނެއް ދޫކޮށްލާފައި ޓަސް ލާފައި އަންނާށޭ ބުނިީމާ. އެކަމަކު ފަހުން ރިއަލައިޒްވި ބޭންކް އޮފް މޯލްޑިވްސް އަށް އައިސްގެން ކެރިއާ ޑިވެލޮޕްމަންޓާއި ދިވެހިންނަށް ލިބޭ ފުރުސަތުތައް މާ ރަނގަޅޭ. މިހާރު ވަރަށް އުފާވޭ [ބީއެމްއެލަށް] އާދެވުނީތީވެ. ދިވެހިންނާއި ދިވެހި ގައުމު އެހެން ހަރުފަތަކައް ގެންދަން ލިބުނު ފުރުސަތެއް މިއީ.
އައިސްތު އޭރު ގުޅިވަޑައިގެންނެވިއިރު ބީއެމްއެލްގެ ހާލަތަކީ ކޮބައިތޯ؟
އޭރު ދެން އަލަށް ފަށައިގަތީ. އޭރު އޮންނަނީ ބަންގްލަދޭޝްގެ އައިއެފްއައިސީ ބޭންކުގެ ޖޮއިންޓް ވެންޗާގެ ދަށުގައި. އެ ބޭފުޅުންގެ 40 ޕަސެންޓް. ދިވެހި ސަރުކާރާއި އެފިލިއޭޓެޑް އެހެން ކުންފުނިތަކުގެ 60 ޕަސެންޓް. އޭރު ބީއެމްއެލް ހިންގަން ތިއްބެވީ ބަންގްލަދޭޝްގެ ބޭފުޅުން. ޖެނެރަލް މެނޭޖަރާއި އެހެން ބައެއް ސީނިއާ ޕޯސްޓްތަކުގައި އެ ބޭފުޅުން ތިއްބެވީ. އަޅުގަނޑު ހަނދާންވާ ގޮތުން ބޭންކް އޮފް މޯލްޑިވްސް ފެށުނީ ހަތް ވަރަކަށް ދިވެހި މުވައްޒަފުންނާއެކު. އޭރު މަސައްކަތްކުރަމުން ދިޔަ ގޮތް މިހާރާ އަޅާބަލާއިރު ވަރަށް ވަރަށް ތަފާތު. އެ ޒަމާނުގައި ބޮޑެތި ފޮތްތަކުގައި ލިޔެގެން ހުރިހާ ކަސްޓަމަރުންގެ އެކައުންޓްތައް ބަލަހައްޓަން ޖެހެނީ. ކަސްޓަމަރުން ހޯދުމަށް ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެވުނު. އެ ހިސާބުން ބިލްޑްއަޕް ވަމުން ގޮސް ބޭންކު ފުޅާވެގެން ދިޔައީ. މިހާރު މި ބޭންކުގެ އެކްސްކޯއަށް ބަލާލިއަސް ބޮޑު ނިސްބަތެއް ހިމެނެނީ ދިވެހިން. އަދި އެންމެ މުވައްޒަފެއް ފިޔަވައި ހުރިހާ ހެޑުންނަކީ ދިވެހިން.
އޭރު ރާއްޖޭގައި ވާނީ ޓޫރިޒަމް ފަށާފައި. އެސްބީއައިއާ ކޮމްޕެއާ ކޮށްލާއިރު ބީއެމްއެލް އޮތީ އޭރު ކޮން ފެންވަރެއްގައިތޯ؟
އޭރު އަޅުގަނޑުމެން ކިރިޔާ ފަށައިގަތީ. ޑިޕޮސިޓްސް ހޯދުމާއި ލެންޑިން އަށް ހޯދުން ކުރިއަށް ދިޔައީ. އޭރު އަޅުގަނޑުމެން ފޯކަސް ކުރިން އަތޮޅުތެރޭ ޑިވެލޮޕްމަންޓަށާއި ޓްރޭޑިން އަށް. ޑިވެލޮޕްމެންޓް ބޭންކިން ސެލް އުފެދި މަސްވެރިންނާއި ދަނޑުވެރިންނަށް ދިން އެހީގެ ސަބަބުން އެ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ކުދިންނަށް ކިޔަވައި ދިނުމުގެ ފުރުސަތު ލިބުނު. ބީއެމްއެލްގެ މައިގަނޑު ފޯކަސް އޮތީ ފެށިއިރު އަތޮޅުތެރޭގެ ޑިވެލޮޕްމަންޓަށް. ފަހުން ޓޫރިޒަމްގެ ތެރެއަށް ވަނީ. މިހާރު މާކެޓުގައި އަޅުގަނޑުމެންގެ ހިއްސާ ވަރަށް ބޮޑުވާނެ.
ބީއެމްއެލަށް 40 އަހަރު ވީއިރު ވެސް، ބޭންކިންގައި ވާނުވާ ނޭނގޭ ދިވެހިން އުޅޭނެ. އޭރު އަދި މާ އުނދަގޫ ވާނެ ނޫންތޯ؟ ކިހިނެއްތޯ ކަސްޓަމަރުން ހޯދީ؟
ކަސްޓަމަރުން ހޯދަން އެޕްރޯޗް ކުރީ. ބޭފުޅުންނަށް ގުޅައި ފިހާރަތަކަށް މި ތަނުގެ މުވައްޒަފުން ގޮސް ކިޔައި ދެނީ. އަޅުގަނޑުމެން ދިން ހިދުމަތެއް އެއީ ފިހާރަތައް ބަންދުކުރާއިރު ކޭޝް ކަލެކްޓް ކޮށްދިނުން ވެސް. އޭރުން ވެސް ކަސްޓަމާސް އެޓްރެކްޓް ކުރެވޭނެތާ. ކޭޝް ކަލެކްޓްކޮށްގެން މިކޮޅަށް ގެނެސް ކޭޝް ޖަމާކޮށްދިނިން. އެ ކަހަލަ ބައިވަރު މަސައްކަތެއް ކުރިން. ބުރަ މަސައްކަތުން ކަސްޓަމާ ބޭސް ހޯދީ.
40 އަހަރަކީ ވަރަށް ދިގު މުއްދަތެއް. ކީއްވެތޯ އެއް ބޭންކެއްގައި މިހާ ދިގު މުއްދަތެއް ހޭދަކުރެއްވީ؟
މި ތަނަށް ޖޮއިން ކޮށްފައި، ކެރިއާ ޑިވެލޮޕްމެންޓް ރަނގަޅު ކަމަށް ފެނުނީ. ހިދުމަތްތަކެއް ދިވެހިންނަށް ދެވޭކަން އަޅުގަނޑަށް ފީލްވީ. އެހެންވެ ކުރިއަށް ދަނީ.
40 އަހަރުގެ ތެރޭގައި އެހެން ތަނަކުން އޮފާ އައި ނަމަ އެ ތަނަކަށް ވަޑައިގެންނެވީސްތޯ؟
އެހެން ޖޮބް އޮފާއެއް ނާދޭ. އައި ނަމަވެސް އަޅުގަނޑު ބީއެމްއެލް ދޫކޮށްފައި ނުދާނަން.
އައިސްތު އަށް ބީއެމްއެލް ހާއްސަ ވަނީ ކީއްވެތޯ؟
އަޅުގަނޑަށް ބީއެމްއެލް ވަރަށް ހާއްސަ. ހާއްސަ ވަނީ ކެރިއާ ޑިވެލޮޕްމަންޓާއި ވަރަށް ގިނަ ދިވެހިންނަށް ފުރުސަތު ދޭތީ. އަޅުގަނޑަށް ވެސް މި ތަނުގައި ހުރެގެން މުޖުތަމައަށް ހިދުމަތްތަކެއް ކޮށްދެވުނީތީ. އަދި އެ ކަމުގައި ޝާމިލު ވެވޭތީ.
އައިސްތު އަށް ބީއެމްއެލް އަށް ހޯދަައި ދެވުނު ކާމިޔާބީއަކީ ކޮބާ؟
ބޭންކިންގައި ބައިވަރު ގޮންޖެހުންތައް ބައެއް ފަހަރު ހުންނާނެ. ފޮރިން ކަރެންސީ އަށް ދަތިވާއިރު އަޅުގަނޑަށް ވެސް ހުންނާނީ މަސައްކަތް ކުރެވިފައި ފޮރިން ކަރެންސީ ހޯދުމަށް ބޭރުގެ ތަންތަނަށް ގުޅައިގެން. އަދި އެހެން ފަރާތްތަކަށް ވެސް ގުޅައިގެން ހުންނާނެ އެ ކަމަށް މަސައްކަތް ކުރެވިފައި. އަދި ބޭންކުގެ އިސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްކުރަން ޖެހިފައި ހުރި ވަގުތުތަކުގައި އަބަދުވެސް ފަހަތައް ޖެހުމެއް ނެތި ބޭންކަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަންކަން ކުރުމަށް އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރިން. އަދި ކުރަމުން ވެސް ދާނަން.
ބޭންކިންގައި މިހާތަނަށް އެންމެ ބޮޑު ދައްޗަކާ ކުރިމަތިވީ ކޮން ކަމެއްތޯ؟
ދެހާސް ހަތެއް، އަށެއްގައި އައި ފައިނޭންޝަލް ކްރައިސިސް. އެހެނަސް މި ތަން ހިންގަން ހުންނެވި ސީއީއޯ އާއި ބޯޑުން ވަރަށް ހިކުމަތްތެރިކޮށް އެކަން ހޭންޑްލް ކުރީ. އެ ކަންތަކުން ވެސް އަރައިގަނެވުނު. ކޮވިޑް ވެސް ވަރަށް ޗެލެންޖިން. އޭރު ވެސް ވަރަށް އޮގަނައިޒްކޮށް އަޅުގަނޑުމެންނަށް މަސައްކަތް ކުރީ. އެއްކޮށް ލޮކްޑައުންގައި އޮތް އިރު ވެސް އެއްވެސް ހިދުމަތަކަށް ބުރޫ ނާރުވައި އަޅުގަނޑުމެންނަށް ހިދުމަތް ދެވުނު.
ކިހާ ވަގުތެއް ބޭންކަށް ދެއްވަންތޯ؟
ފެށުނީއްސުރެ އަޅުގަނޑުގެ ވަރަށް ގިނަ ވަގުތު މި ތަނަށް ދެވޭ. ހެނދުނު އަންނަ ގޮތަށް ރޭގަނޑު ހަތެއް، އަށެއް ޖަހާއިރު ވެސް ދެވޭ ދުވަސް ހުންނާނެ. އަދި ހައި ލެވެލް ޕޮޒިޝަންތަކުގައި ވަރަށް ގިނައިރު އުޅެން ޖެހޭ. ބޭންކިން ހިދުމަތްދޭ ވަގުތު ނިމުނަސް ބޭންކުގެ މެނޭޖުމަންޓުގެ ވަރަށް ބައިވަރު އެހެން މަސައްކަތްތައް ހުންނާނެ. ޑިސިޝަން މޭކިން އާއި އެހެން އިޝޫސްތަކަށް އެޑްރެސް ކުރުމަށް. ފުރަތަމަ ބޭންކާ ގުޅުނުއިރު ހުރިހާ ކަމެއް ހުންނާނީ މެނުއަލްކޮށް. އެ ދުވަހެއްގެ ބުކްސް އާއި ބެލެންސް ކޮށްފައި ނޫނިއްޔާ ބޭންކެއް ކްލޯޒެއް ނުކުރެވޭނެ. ވަރަށް ގިނަ ވަގުތު ދާނެ އެ ހުރިހާ ކަމަކަށް މެނުއަލްކޮށް ކުރަން ވީމާ. މިހާރު މި އޮތީ ސިސްޓަމްތައް އެސްޓެބްލިޝްވެ، ކޮމްޕިއުޓަރައިޒް ކޮށްފައި. އެހެން ނަމަވެސް އަޅުގަނޑުމެން މެނޭޖުމަންޓުގައި ތިބޭއިރު ވަގުތު ދޭންޖެހޭ އަދި ނިންމަންޖެހޭ ކަންކަން ވެސް ހުންނާނެ.
އައިސްތުގެ އާއިލާއެއް ވެސް އޮންނާނެ. އަދި އެހާ ކުރިން ބޭންކާ ގުޅިވަޑައިގެންނެވިއިރު އާއިލާ މެނޭޖު ކުރުމަށް ވެސް މިދިޔަ 40 އަހަރު ވަރަށް ވަގުތު ދެއްވަން ޖެހިވަޑައިގަންނަވާނެ. ކިހިނެއްތޯ އެ ކަން ހަމަޖެއްސެވީ؟
އަޅުގަނޑުގެ ކުދިން ބެލުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވީ އަޅުގަނޑުގެ މަންމަ. އަދި މިކަމުގައި އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ބޭފުޅުން ވެސް އެހީތެރިވެ ދެއްވި. ކުދިންގެ ކަންކަން މަންމަ ވަރަށް ގާތުން ބައްލަވާ، ވަރަށް ފުރިހަމައަށް ހުރިހާ ކަމެއް ވެސް ހަމަޖައްސަވާނެ. އޮފީސް އޮންނަ ދުވަސްތަކުގައި އޭރު އޮންނާނެ ލަންޗް ބްރޭކެއް. ބްރޭކަށް އެއް ގަޑިއިރު ވަރު ދެވޭނެ. ރޭގަނޑު ވަރަށް ލަހުން ދެވޭ ފަހަރެއްގައި ކުދިން ނިދާފައި ތިބޭއިރެއް ނަމަ ހޭލައްވާލާފައި އަޅުގަނޑު ގެ އަށް އައި ކަން އަންގާލާފައި ވެސް ހުންނާނެ. މަންމަ ވަރަށް ފަހުން އަވަހާރަވީ ވެސް. އޭރު އަޅުގަނޑުގެ ކުދިންނަށް މި ވަނީ ކުދިން ލިބިފައި. އަޅުގަނޑު މިހާ ހިސާބަށް އައުމުގައި މަންމަ އާއި ބައްޕަ ވެދެއްވި އެހީތެރިކަން ވަރަށް ވެސް ފުރިހަމަ.
އެކިއެކި މެނޭޖުމަންޓުތަކުގައި އައިސްތު ބީއެމްއެލްގައި މަސައްކަތް ކުރައްވައިފި. ބައެއް ހާލަތުތަކުގައި މުޅި ބޭންކް ހިންގެވުމުގައި ވެސް އުޅުއްވި. ކޮބައިތޯ ތަޖުރިބާއަކީ؟
ކޮންމެ މެނޭޖްމެންޓެއްގެ ސަބަބުން ވެސް އަޅުގަނޑަށް ލިބިގެން ދިޔައީ ތަފާތު ތަޖުރިބާތަކެއް. ބޭންކިން ދާއިރާގައި 40 ހޭދަކުރެވިފައި ވާތީ އެކި ގައުމުތަކުގެ މީހުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ. އޭގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، ސިންގަޕޫރު އަދި ޔޫރަޕްގެ ބޭފުޅުން ހިމެނުނު. މި ބޭފުޅުންގެ ފަރާތުން މައުލޫމާތު އުގެނި އެބޭފުޅުންގެ ތަޖުރިބާގެ އަލީގައި ބޭންކިންގެ އެކި އޭރިޔާގެ މަސައްކަތް ފުރިހަމަކަމާއެކު ހިދުމަތް ދިނުމަށް ދަސްވެ އެ ބޭފުޅުންގެ މުއްސަނދި ތަޖުރިބާތަކުގެ އަލީގައި ޓްރެއިން ވުމުގެ ފުރުސަތު ލިބުނު. ކޮންމެ ބޭފުޅެއްގެ ކިބައިން ވެސް އަޅުގަނޑަށް އާ ތަޖުރިބާތަކާއި ކަންކަން ދަސްވި.
އެންމެ ފަސޭހައީ މިވެނި ސީއީއޯއެކޭ ވިދާޅުވެވޭނެ ބޭފުޅަކު ހުންނާނެތޯ؟
އަޅުގަނޑަށް އެހެން ދެންނެވޭކަށް ނެތް. އަޅުގަނޑަކީ ވަކި އުސޫލެއްގައި މަސައްކަތް ކުރާ މީހަކަށް ވާތީ އުނދަގުލެއް ނުވޭ. ބައްޕަ އަޅުގަނޑުމެން އާއިލާގެ ހުރިހާ ކުދިންނަށް ވެސް ނަސޭހަތް ދެއްވާނެ ކުރާ ކޮންމެ ކަމެއްގައި ވެސް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީ މަސައްކަތް ކުރުމަށް. އަޅުގަނޑު އަބަދުވެސް އެ އަގުހުރި ނަސޭހަތުގެ ބަސް ހަނދާން ހުރޭ. އެހެން ކަމުން އަޅުގަނޑު މަސައްކަތް ކުރަމުން ދިޔައީ ބޭންކުގެ ޕްރޮސެސް އާއި ޕްރޮސީޖާ އާއި ގާނޫނާ އެއްގޮތްވާ ގޮތަށް. ބައްޕަ ދެއްވި އަގުހުރި ނަސޭހަތަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން ޝުކުރު އަދާކުރަން. އަޅުގަނޑު މިހާ ހިސާބަށް އާދެވުނީ އެ ގޮތުގައި ދެމިހުރެގެން. އެހެންކަމުން އަޅުގަނޑަކަށް އެއްވެސް ސީއީއޯއަކާ އެކީގައި މަސައްކަތް ކުރާކަށް އުނދަގުލެއް ނޫން.
ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކް. އެންމެ ގިނަ ކަސްޓަމަރުން ވެސް ތިބި ބޭންކް. އެހެންވީމާ ފާޑުކިޔުންތަކާއި ހިތްހަމަނުޖެހުން ވެސް އުޅޭނެ. ކޮން ގޮތަކަށް ތޯ އެކަމާ އައިސްތު އެޑްރެސް ކުރައްވަނީ؟
ކަންކަން ދިމާވޭ. އެ ކަންކަން އަޅުގަނޑުމެން ހޭންޑްލް ކުރާނީ އެ ކަމެއް އޮންނަ ގޮތެއްގައި، އެ ބަޔަކަށް އެ ކަމެއް ރަނގަޅަށް ކިޔައިދީގެން ހައްލެއް ހޯދަން. އަޅުގަނޑު އަބަދުވެސް ބަލަން ކޮންމެ ކަސްޓަމަރަކު ކޮންމެ ކަމަކު އަޔަސް އެ ބޭފުޅަކަށް ކޮންމެވެސް ހައްލެއް ހޯދައިދެވޭތޯ. އަޅުގަނޑާ ހަމައަށް އައިއްޔާ އަޅުގަނޑު އެ ކަންތައްތައް ހޭންޑްލް ކުރާނީ ރީޓެއިލް ބޭންކިން ވިޔަސް އަދި ބޭންކިން ސައިޑުން ވިޔަސް އަދި ކޮންމެ އޭރިއާއަކުން ވިޔަސް އެ ކަމެއް ހޭންޑްލް ކުރާ ސެކްޝަނަަކާ ނުވަތަ ޑިވިޝަނަކާ ގުޅައި ދީގެން އެ ބޭފުޅަކަށް ހައްލެއް ހޯދައިދެވޭތޯ މަސައްކަތް ކޮށްދެން. އަނެއްކާ އަޅުގަނޑު އެ ކަމެއް ރިކުއެސްޓް ކޮށްފިއްޔާ، ކޯޕަރޭޓް ބޭންކިން ވިޔަސް އަދި ރިޓެއިލް ބޭންކިން ވިޔަސް އަދި ކާޑު ސައިޑުން ވިޔަސް އެ ކަމެއް ޑެލިވާ ކޮށް ނިމިގެން އަޅުގަނޑަށް އަންގައިދޭން އޮންނާނީ ދަންނަވާފައި. އޭރުން އަޅުގަނޑަށް ގައިމުކަން ލިބޭނެ އެ ކަސްޓަމަސްރަކަށް އެ ކަން ޑެލިވާ ކޮށްދެވިއްޖެ ކަން ނޫނީ އޭނާގެ އެ އިޝޫ އޮތް ހިސާބެއް.
މާނައަކީ ކޮންމެ ކަސްޓަމަރަކު ވެސް އައިސްތުއާ ހަމައަށް ކަމެއް ހައްލު ކުރަން އަތުވެއްޖެ ނަމަ އެ ކަމެއް ވަކިވަކިން ބައްލަވަނީތޯ؟
ކޮންމެ ކަސްޓަމަރެއްގެ ކަމެއް ވިޔަސް އަޅުގަނޑަށް އެޕްރޯޗް ކޮށްފިއްޔާ އެ ކަމެއް އެންޑް ޓު އެންޑް ބަލަން. މި އުޅޭ ސްކޭމް ކަންތަކުގައި ވެސް އަންނާނެ. އެޕްލިކޭޝަނަށް ލައިގެން މިހާ ގިނަ ދުވަސް ވެއްޖެއޭ، އެޕޮއިންޓްމަންޓް ހޯދަން މިހާ ގިނަ ދުވަސް ވެއްޖެއޭ. އެލްސީ ހުޅުވަން ނުލިބިގެންނޭ މި އުޅެނީ. ބޭންކުން ފޮރިން ކަރަންސީ ވިއްކާނީ ވެސް އެ ބޭންކުގައި އޮންނަ އުސޫލެއްގެ ތެރެއިން. ބޭންކުގެ އެ ދުވަހެއްގެ ޕޮޒިޝަން ހުރި ގޮތަކަށް، ހުރިހާ ބޭފުޅުންނަށް އީކުއަލްކޮށް ޑިސްޓްރިބިއުޓް ކޮށްގެން، ފެއާކޮށް ކަންތައް ކުރާނީ.
ބޭންކް އޮފް މޯލްޑިވްސް ދެން ދާންވީ ކިހާ ހިސާބަކަށްތޯ؟
އަޅުގަނޑުމެންގެ މަގުސަދަކީ ކުރިއަށް އޮތްތާނގައި ހުރިހާ ބޭންކިންގެ ހިދުމަތްތައް އޮންލައިން ޕްލެޓް ފޯމެއްގައި ގާއިމްކޮށް، ދިވެހިން ބޭނުންވާ ފަދަ ހިތްގައިމު ހިދުމަތްތަކެއް ފޯރުކޮށްދިނުން. ބީއެމްއެލްގެ ގޮފިތައް ރާއްޖެއިން ބޭރުގައި ގާއިމުވެގެން ދިއުމަކީ ވެސް އަޅުގަނޑު ވަރަށް ދެކެން ބޭނުންވާ ދުވަހެއް. އަދި އެންމެ އުފާވާނެ ކަމަކީ ދިވެއްސަކު ބީއެމްއެލްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނެ ދުވަހެއް ފެނުން. އަޅުގަނޑުމެންގެ ތެރޭގައި މިކަމަށް ތައްޔާރު ކުރެވޭނެ ތައުލީމީ، ގާބިލު ކަމަށް އެކަށޭނެ ދިވެހިން ބޭފުޅުން އެބަތިއްބެވި.
ބޭންކް އޮފް މޯލްޑިވްސް ހުޅުވިއިރު އައިސްތު ގަބޫލު ކުރެއްވިންތޯ މިކަން ކާމިޔާބު ވެދާނެ ކަމަށް. މިހާ ބޮޑު ބޭންކެއްގެ ގޮތުގައި 40 އަހަރު މި ތަން އޮވެދާނެ ކަމަށް އޭރު ގަބޫލު ކުރެއްވިންތޯ؟
އެންމެ ފުރަތަމަ އަޅުގަނޑުގެ އެހާ ޝައުގުވެރިކަމެއް ނުވެސް ހުންނާނެތާ ގަދަކަމުން މި ތަނަށް ގެނައީމާ. އެހެން ނަމަވެސް މަސައްކަތްތައް ފަށައި ކަސްޓަމަރުން ލިބެން ފެށީމާ އަޅުގަނޑު ވަރަށް ޕޮޒިޓިވްކޮށް ވިސްނަން ފެށީ. އެންމެ ފުރަތަމަ މި ތަނަށް އައިސް ފަތިގަނޑު ބާއްވައިގެން ރޮނގު ދަމައިގެން ލެޖާތައް ހެދީ. ރަޖިސްޓާ ތައްޔާރު ކޮށްގެން އެހެން ފެށިތަނެއް މިއީ.
ތަންކޮޅެއް ބޮޑަށް މިނިވަންކޮށް އޮތް ނަމަ މިދިޔަ 40 އަހަރުގެ ތެރޭގައި މިހާރަށް ވުރެ ރަނގަޅަށް މި ބޭންކް ހިންގޭނެތޯ؟
ބޭންކް އޮފް މޯލްޑިވްސް ހިންގަނީ އިންޑިޕެންޑެންޓްކޮށް. ބައެއް ބޭފުޅުންނަށް ހީފުޅު ވެދާނެ ވަރަށް ބޮޑު އިންފްލުއެންސްތަކެއް އޮވެއޭ. އެކަމަކު ބޭންކް އޮފް މޯލްޑިވްސްއަކީ އަޅުގަނޑު ދަންނަވާނީ އިންޑިޕެންޑެންޓްކޮށް ހިންގާ ތަނެކޭ. އަބަދުވެސް ސްކޯޕް އޮންނާނެ މި އަށް ވުރެ ރަނގަޅު ކުރާނެ ފުރުސަތުތައް. އެކަމަކު އިންފްލުއެންސަކާ ހެދި މި ތަން ކުރިއަށް ނާރައިގެން ނޫޅޭ. އަބަދުވެސް މިހާރަށް ވުރެ ރަނގަޅު ވާން ބޭނުންވާނެ.
އައިސްތު، މަސައްކަތުގެ ދާއިރާގައި ކޮން ކަހަލަ އުސޫލުތަކެއް ތޯ ހިފަހައްޓަވަނީ؟
އަޅުގަނޑު ހިފަހައްޓާނީ ތެދުވެރިކަން. އިންޓެގްރިޓީ އަޅުގަނޑަށް ވަރަށް މުހިންމު. އަޅުގަނޑުމެންގެ ހުރިހާ ޕޮލިސީތަކާއި ޕްރޮސީޖާތައް ހިފަހައްޓަން އަޅުގަނޑު ވަރަށް ބޭނުންވާނެ.
އައިސްތު މެދުވެރިކޮށް ނުކުރެވޭނެ ކަމަކީ ކޮބައިތޯ؟
އަޅުގަނޑު ގަބޫލު ނުކުރާ ކަމެއް އަޅުގަނޑު ލައްވައި ގަދަކަމުން ނުކުރުވޭނެ. އެއްވެސް މެނޭޖުމަންޓަކަށް އަދި އެހެން ވެސް ފަރާތަކަށް ވެސް ނުކުރުވޭނެ. އަދި އެ ކަހަލަ ކަމަކަށް އަޅުގަނޑު ކައިރީގައި ވިދާޅުވާކަށް ވެސް ނުކެރޭނެ. މާދަމާ މި ތަނުން ނުކުންނައިރު ވެސް މީހަކަށް އެއްޗެކޭ ވިދާޅެއް ނުވެވޭނެ. ހަމަ އަޅުގަނޑަށް 100 ޕަސެންޓް.