އިންޓަނެޓް ބްރައުޒާ މާކެޓްގައި ކުރިން ކުރި ވެރިކަން އަނބުރާ ހޯދަން މައިކްރޮސޮފްޓުން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. އެހެންކަމުން، މައިކްރޮސޮފްޓްގެ ނަމުގައި މިހާރު ހުރި ބްރައުޒާތައް އެއްފަރާތްކޮށް، މުޅިން އާ ކޯޑް އިންޖީނަކަށް ބަރޯސާކުރާ ބްރައުޒާއެއް އުފައްދަން އެ މީހުން މަސައްކަތް ފަށައިފި އެވެ.
މައިކްރޮސޮފްޓް އާ ބްރައުޒާގެ ބިންގަލަކީ "ކްރޯމިއަމް" އެވެ. މިއީ ގޫގުލްގެ ކޯޑް އިންޖީނެކެވެ. ގޫގުލް ކްރޯމް ބްރައުޒާގެ އަސާސަކީ ވެސް ކްރޯމިއަމް އެވެ.
ގޫގުލް ކްރޯމިއަމް ކޯޑް އިންޖީނުން ހިންގާ ގޮތަށް، ވެބް ބްރައުޒާއެއް އުފެއްދުމަކީ، "މޮޒިއްލާ" އަށް ކަމުދާ ކަމަކަށް ނުވި އެވެ. "ފަޔާފޮކްސް" އުފައްދައި ހިންގަނީ މޮޒިއްލާއިންނެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި، ގޫގުލް އެހީތެރިކަން އެހާ ބޮޑަށް ހޯދަންވެއްޖެ ނަމަ، ވާދަވެރިކަމެއް ނޯންނާނެ އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، މައިކްރޮސޮފްޓް އިންޓަނެޓް އެކްސްޕްލޯރާ ކަމުދަނީ އެންމެ ކަމަކަށެވެ. އެއީ އެހެން ބްރައުޒާއެއް ޑައުންލޯޑްކުރާށެވެ. އިންޓަނެޓް އެކްސްޕްލޯރާ ދެކެ ފޫހިވާ މިންވަރު ބަޔާންކުރަން، މި އަށް ވުރެ ވަކި ދެރަ މިންވަރެއް ކޮބައި ހެއްޔެވެ؟
އިންޓަނެޓް އެކްސްޕްލޯރާ އަކީ، އެއް ޒަމާނެއްގައި، ބްރައުޒާ މާކެޓްގެ ރަސްގެފާނެ އެވެ. އެހެން ނަމަވެސް، ގޫގުލް ކްރޯމް އަދި މޮޒިއްލާ ފަޔާފޮކްސް ފަދަ ޒަމާނީ ބްރައުޒާތަކުގެ ނުފޫޒުގައި، އިންޓަނެޓް އެކްސްޕްލޯރާ މިހާރު ބަލާލަނީ މަދު މީހެކެވެ.
ބްރައުޒާ މާކެޓްގައި، ވާދަވެރިންނާ އެކުގައި ވުމަށް، މައިކްރޮސޮފްޓުން "އެޖް ބްރައުޒާ" އުފެއްދި އެވެ. ވިންޑޯޒް 10 ބޭނުންކުރަން ފަށާއިރު، އިންޓަނެޓް ބްރައުޒާއެއްގެ ގޮތުގައި، މިހާރު ބޭނުންކުރެވޭނީ އެޖް ބްރައުޒާ އެވެ.
އިންޓަނެޓް ބްރައުޒާ މާކެޓްގެ އެންމެ ކުރީގައި މިހާރު އުޅެނީ ގޫގުލް ކްރޯމް އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޓަނެޓް ބޭނުންކުރާ މީހުންގެ 67 ޕަސެންޓް ބޭނުންކުރަނީ ކްރޯމް އެވެ. މޮޒިއްލާ ފަޔާފޮލްސް ބޭނުންކުރަނީ 11 ޕަސެންޓެވެ. ވިންޑޯޒް 10 އާ އެކު ތިޔަ ފެންނަ އެޖް ބްރައުޒާ އޮތީ، އިންޓަނެޓް އެކްސްޕްލޯރާ އަށް ވުރެ ވެސް ފަހަތުގަ އެވެ. އެޕަލް ސަފާރީ އަދި މާ ފަހަތުގަ އެވެ.