ބޭރުގެ މާޗެންޓުން މެދުވެރިކޮށް ޑޭޓާ ލީކުވެގެން ހިނގާ ސައްހަ ނޫން މުއާމަލާތްތަކުގައި ކަސްޓަމަރުންނަށް މާލީ ގެއްލުމެއް ނުވާނެ ކަމަށާއި އެފަދަ ހާލަތުގައި ރީފަންޑު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
ބީއެމްއެލް އެކައުންޓުތަކުން އޮޅުވާލައިގެން ހިންގާ މުއާމަލާތްތައް މި ދުވަސްކޮޅު އިތުރުވެ، ސޯޝަލް މީޑިއާގައި ޝަކުވާ ބޮޑުވެފައި ވާއިރު އޭގެ ތެރޭގައި "ސްޓީމްގޭމްސް" ގެ ނަމުގައި ހުންނަ ޓްރާންސެކްޝަންތައް ގިނަ އެވެ. ބީއެމްއެލްއިން ބުނީ ސްޓީމްގޭމްސްގެ ނަމުގައި ހުންނަ ޓްރާންސެކްޝަންތައް މީގެ ފަސް އަހަރުކުރިން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މީގެ ޓްރާންސެކްޝަންތައް ފާހަގަވެއްޖެ ނަމަ ބޭންކުގެ ސަމާލުކަމަށް ގެނައުމަށް އެދޭ ކަމަށް ބުންޏެވެ.
އޮޅުވާލައިގެން ހިންގާ މުއާމަލާތްތަކުގައި ދެ ވައްތަރެއްގެ ޓްރާންސެކްޝަންތައް ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެއީ ކްރެޑިޓް ކާޑުތަކުން ހިންގާ މުއާމަލާތްތަކާއި އިންޓަނެޓް ބޭންކިން ޔޫސަނޭމް އަދި ޕާސްވޯޑް ހޯދައިގެން އިންޓަނެޓް ބޭންކިން އަށް ވަދެގެން، އެޕް މެދުވެރިކޮށް ފިހާރަތަކުން ކިއުއާރު ޕޭމަންޓްތައް ހަދަމުން އަންނަ މުއާމަލާތްތަކެވެ.
ބީއެމްއެލް އިން ބުނީ އެކި މުއައްސަސާތަކުގެ ނަމުގައި ފޮނުވާ ސްކޭމް މެސެޖުތަކުގައި ހުންނަ އެއްވެސް ލިންކެއް ނުހުޅުވުމަށެވެ. އިންޓަނެޓް ބޭންކިން އަށް ލޮގިންވާ ކޮންމެ ފަހަރަކު ބޭންކުން ނޮޓިފިކޭޝަން ވެސް ފޮނުވަމުން އަންނަ ކަމަށާއި ކަސްޓަމަރަށް ނޭގި ލޮގިން ކޮށްފި ނަމަ ވަގުތުން އިންޓަނެޓް ބޭންކިން ޕާސްވޯޑް ރިސެޓް ކުރުމަށް ވެސް އެދިފައިވެ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން އިންޓަނެޓް ބޭންކު މެދުވެރިކޮށް ހިންގާ ސްކޭމުތަކަށް ސަމާލުވާން ބީއެމްއެލް އިން އަންނަނީ އެދެމުންނެވެ.
ބީއެމްއެލް އިން ވަނީ މިފަދަ ސްކޭމްތަކުގައި އީމެއިލްގެ މައުލޫމާތު ލީކުވެ، އޯޓީޕީގެ މައުލޫމާތު ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމުގެ ފުރުސަތު ހުއްޓުވުމުގެ ގޮތުން އީމެއިލް މެދުވެރިކޮށް އޯޓީޕީ ފޮނުވުން ހުއްޓާލައިފަ އެވެ.