ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ "ޕުޝް ނޮޓިފިކޭޝަން" ބީއެމްއެލްގެ އެޕަށް ލިބޭ ގޮތް ހަދައިފި އެވެ.
ބީއެމްއެލް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން، ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުންކޮށްގެން ކަސްޓަމަރުންގެ އަމިއްލަ އެކައުންޓްތަކުން ކުރާ މުއާމަލާތްތަކުގެ ނޮޓިފިކޭޝަން ލިބޭ ގޮތް ހަދައި މިއަދުން ފެށިގެން ކަސްޓަމަރުންނަށް އެ ހިދުމަތް ވަނީ ދޫކުރަން ފަށައިފަ އެވެ.
އެކަމަކު ހުރިހާ ކަސްޓަމަރުންނަށް މި ހިދުމަތް ލިބެން އަދި ވަގުތުކޮޅެއް ނަގާނެ އެވެ.
މިއީ ބީއެމްއެލް އެޕް މެދުވެރިކޮށް ފޯނުގެ ނޮޓިފިކޭޝަން ސްކްރީނާއި، ބެނާ އަދި ލޮކް ސްކްރީނަށް އަންނަ ނޮޓިފިކޭޝަނެކެވެ. އެ ނޮޓިފިކޭޝަން ލިބޭ ޑިވައިސްތަކުގެ ތެރޭގައި، އެޕަލް އައިފޯން، އެޕަލް ވޮޗް، އެންޑްރޮއިޑް ޑިވައިސްތަކުގެ އިތުރުން ޓެބްލެޓް ހިމެނެ އެވެ.
ބީއެމްއެލް އެޕުން "ޕުޝް ނޮޓިފިކޭޝަން" ލިބޭ ހާލަތްތައް
- އެއް އެކައުންޓުން އަނެއް އެކައުންޓައް ކުރާ ޓްރާންސްފާ
- އިންޓަނޭޝަނަލް ޓްރާންސްފާ
- ޑޮމެސްޓިކް ޓްރާންސްފާ (އެހެން ބޭންކުތަކަށް ފައިސާ ފޮނުވައިގެން)
- ބޭރަށް ފައިސާ ފޮނުވައިގެން
- ބިލް ދައްކައިގެން
- ސްކޭން ޓު ޕޭ މެދުވެރިކޮށް ކުރާ މުއާމަލާތަތްތައް
- އަމިއްލަ އެކައުންޓުން ވޮލެޓަށް ކުރާ ޓްރާންސްފާ
އޭޓީއެމް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކާއި، އޭޓީއެމަށް ޑިޕޮޒިޓްކުރާ ފައިސާ އަދި ޗެކުގެ އިތުރުން ކާޑާގުޅޭ އެއްވެސް މުއާމަލާތެއްގެ "ޕުޝް ނޮޓިފިކޭޝަން" ނުލިބޭނެ އެވެ. އެފަދަ މުއާމަލާތްތަކުގައި ނޮޓިފިކޭޝަން ލިބޭނީ ފޯނަށް އަންނަ މެސެޖެއްގެ ގޮތުގަ އެވެ.
މި ހިދުމަތް އަދި ލިބޭނީ ހަމައެކަނި އަމިއްލަ އެކައުންޓްތަކުގެ މުއާމަލާތްތަކަށެވެ.
ބީއެމްއެލް އިން މި ހަފްތާގައި ވަނީ އީމެއިލް އެކައުންޓް ހެކްކޮށްގެން އޯޓީޕީ އަށް އެކްސެސް ވެގެން ހިންގާ ސްކޭމްތައް ހުއްޓުވުމުގެ ގޮތުން އީމެއިލް އަށް އޯޓީޕީ ފޮނުވުން ހުއްޓާލުމަށް އޯތެންޓިކޭޓާ އެޕްތައް ބޭނުންކުރެވޭ ގޮތް ވެސް ހަދައިފަ އެވެ.