ދަރުމަވެރިކަމަކީ އަމިއްލަ ނަފްސަށް ހިންހަމަޖެހުމާއި އުފާ ލިއްބައިދޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ދަރުމަވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ދަރުމަވެރިކަމަކީ މީހަކަށް އެހީއެއްވާއިރު އޭގެ ބަދަލުގައި އެއްވެސް ކަމަކަށް އުންމީދު ނުކޮށް އެހީވުން ކަމަށެވެ. އެއީ މިޖުތަމައުގައި އެކަކު އަނެކަކާ އޮންނަ ގުޅުން ރަނގަޅުކޮށްދޭ ވަރަށް މާތް ސިފައެއް ކަމުގައި ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެއީ ކާބަފައިންގެ ފަރާތުން އައިސްފައިވާ މވަރަށް މާފް ސިފައެއް ކަމަށާއި ދިވެހި ޒުވާން ޖޅިގައި އަށަގަންނަން ޖެހޭ ސިފައެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ދަރުމަވެރިއެއް ގޮތުގައި މަސައްކަތް ކުރުމަކީ އަމިއްލަ ނަފްސަށް ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއް. އުފަލެއް. އަދި މުޖުތަމައުގެ ބަދަހިކަމާއި، އުފާވެރިކަން އަދި އޯގާވެރިކަން އިތުރުކޮށްދޭނެ ކަމެއް،" މިނިސްްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ދަރުމަވެރިކަމުގެ ސަބަބުން އެންމެން އެކުގައި ފުރިހަމަ ނަތީޖާ އަދި ކާމިޔާބީ އަށް ވާސިލްވެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި ދަރުމަވެރިކަމުގެ ރޫހު އާލާކުރުމަށް އެންމެން އެކީ އަތުގުޅާލައިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ބައިނަލްއަގްވާމީ ދަރުމަވެރިންގެ ދުވަހަކީ، ދަރުމައަށްޓަކާ ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. މި އަހަރުގެ ދަރުމަވެރިންގެ ދުވަހުގެ ޝިއާރަކީ "އެންމެން އެކުގައި ކާމިޔާބަށް ވާސިލްވުން" އެވެ.