އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ސީއީއޯގެ މަގާމަށް އިބްރާހިމް އަންވަރު އައްޔަނު ކޮށްފި އެވެ.

އަންވަރު އަކީ މީގެ ކުރިން އައިލޭންޑާސް ގްރޫޕުގެ ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމް އަދާކުރެއްވި ބޭފުޅެކެވެ. އަދި އޭނާ ވަނީ މާލެ ވޯޓާ އެންޑް ސެވަރޭޖް ކުންފުނީގެ އޮޑިޓް އެންޑް ރެމުނެރޭޝަން ކޮމިޓީގެ ޗެއާ ޕާސަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އަންވަރު އެންމެ ފަހުން ހުންނެވީ އައިލެންޑް ބެވަރޭޖާސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އާއި މާލެ ވޯޓާ އެންޑް ސެވަރޭޖް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ މަގާމުގައެވެ.

އަންވަރު އެކައުންޓިން އިން މަތީ ތައުލީމް ހާސިލްކުރެއްވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ. އަދި އެކައުންޓިން އިން މާސްޓާސް ހާސިލްކުރެއްވީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީންނެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަންއާ ގުޅޭ ކަންތައްތައް ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ތަންޒީމުކޮށް، ދިވެހިރާއްޖޭގައި އެކައުންޓަންސީ ޕްރޮފެޝަނެއް ގާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި، ރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ އިންސްޓިޓިއުޓްއެކެވެ.