އިނަ މޯލްޑިވްސްގެ ތިން އޮފީސް ފަޅާލައި އެ ތަނަށް ގެއްލުން ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، އިނަ މޯލްޑިވްސްގެ އައިލެންޑް ޗޮއިސް އާއި އޭސް ޓްރެވަލްސް އަދި ގަތަރު ކާގޯ އޮފީހަށް ގެއްލުންދީ، ވައްކަން ކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ރ. މީދޫ، ބުލްބުލާގޭ އަޒްމީލް މުހައްމަދު، 40 އެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
އަމީރު އަހުމަދު މަގުގައި ހުންނަ އިނަ މޯލްޑިވްސްގެ އޮފީސްތަކަށް ބަޔަކު ވަދެ އެ ތަނުން ވައްކަންކުރަން ވަނީ މަސައްކަތްކޮށްފަ އެވެ.
އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކުރިން ވިދާޅުވި ގޮތުގައި، އޮފީހަށް ބަޔަކު ވަދެފައި ވަނީ ތަޅު ހަލާކުކޮށްލައިގެންނެވެ. އެތަނުން މުހިންމު އެއްޗެއް ވަގަށް ގެންގޮސްފައި ނުވި ނަމަވެސް، އިމާރާތަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ދީފަ އެވެ.
ފިރާގު ވިދާޅުވީ އެ އޮފީހަށް ގެއްލުން ދިން މީހާ ފުލުހުން ހޯދީ އެ އޮފީސްތަކުގެ ސީސީޓީވީ ފުޓޭޖުތައް ބަލައިގެން ކަމަށެވެ.