މިސާލަކަށް ތުއްތު ދަރިފުޅަށް ލޯބިން ދޮނެއް ދީގެން، އައިސީޔޫއަށް ލާން ޖެހިދާނެ ހެއްޔެވެ؟ ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފް، މި ފަހުން ކުރެއްވި ޓްވީޓަކާ އެކު، އެ ނުރައްކާ ދިވެހިންގެ ސަމާލުކަމަށް ވެސް އަތުވެއްޖެ އެވެ.
އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރުގެ މަގާމުގައި ވެސް ހުންނެވި ޑރ. ނިޔާފް، ޖެނުއަރީ 4 ގައި ޓްވީޓެއް ކުރެއްވީ ވެބްއެމްޑީގައި ޖެހި ރިޕޯޓެއް ހިއްސާކުރައްވަމުންނެވެ. ވެބްއެމްޑީން ކިޔުންތެރިންނާ ހަމައަށް އެ ދުވަހު ގެނެސްދިނީ، އެ ސައިޓްގައި މިދިއަ އޮގަސްޓްމަހު ޖެހި ރިޕޯޓެކެވެ. އެ ރިޕޯޓް ބިނާކުރީ އެމެރިކާގެ ނިއު ޖާޒީގެ އަންހެނަކަށް ކުރަން ޖެހުނު ހިތްދަތި ތަޖުރިބާގެ މައްޗަށެވެ.
ތުއްތު ދަރިފުޅަށް ލޯބިން ވަރަށް ގިނައިން ދޮންދެވެ އެވެ. އެއީ ގުދުރަތީ ގޮތުން އުފެދޭ އިހުސާސްތައް ކޮންޓްރޯލްނުކުރެވިގެން ކުރެވޭ ކަމެކެވެ. ނަމަވެސް ބޮޑެތި މީހުންގެ ނޭވަޔާ އެކު ބޭރުވާ ރެސްޕިރަޓަރީ ސިންސިޝަލް ވައިރަސް (އާރުއެސްވީ)ގެ ސަބަބުން ކުއްޖާގެ ހާލަތު ވަރަށް ގޯސްވެ އެވެ.
މިދިއަ އަހަރުގެ ކުރީކޮޅު އަރިއާނާ ޑިގްރިގޯރިއާގެ އަށް މަހުގެ ދަރިފުޅު އެންޓޯނިއޯއަށް އައިސީޔޫގައި ފަރުވާދޭން ޖެހުނީ އެ ވައިރަސް ހަށިގަނޑަށް ވަދެ، ނޭވާލާން އުނދަގޫވުމުންނެވެ. އާރުއެސްވީގެ ސަބަބުން ބޮޑެތި މީހުންނާއި ގިނަ ކުޑަކުދިންނަށް ނުރައްކަލެއް ނެތަސް، ދުނިޔެއަށް އުފަންވެ، ދިފާއީ ނިޒާމް މުޅިން ހަމަޔަކަށް އެޅުމުގެ ކުރިން ބައެއް ތުއްތު ކުދިންނަށް ދިމާވާ ނުރަައްކާ ވަރަށް ބޮޑެވެ.
އެ އާޓިކަލް ހިއްސާކުރައްވަމުން ޑރ. ނިޔާފް ވިދާޅުވީ "މިއީ [ދިވެހިންނަށް ވެސް] ރައްދުކޮށްދޭން ޖެހޭ މެސެޖެއް" ކަމަށެވެ.
"ވަރަށް ފަހުން ދިވެހި ދެމަފިރިއަކަށް ވެސް މި ހާލަތު ދިމާވި އެވެ،" މާ ބޮޑު ތަފުސީލެއް ނުދެއްވައި، ޑރ. ނިޔާފް ލިއުއްވި އެވެ.
އެންޓޯނިއޯއަށް ދިމާވި ހާދިސާ
އަރިއާނާގެ މެސެޖް ވަރަށް ސާފެވެ. އޭނާ އެހެން މީހުންގެ ކިބައިން އެދުނީ "ތިމާގެ އަނގަޔާއި ނޭވާއިން، ތުއްތު ކުއްޖާގެ މޫނާއި އަތާއި ފައި ދުރުކޮށްދިނުމަށެ"ވެ. ފޭސްބުކްގައި އޭނާ އެގޮތަށް އެދުމުން، 28،000 އަށް ވުރެ ގިނަ މީހުން އެ ޕޯސްޓް ޝެއާކުރި އެވެ.
އޭނާގެ ދަރިފުޅު އެންޓޯނިއޯ ހުންއައިސް، ކެއްސާ، ކިނބިހި އެޅުން ފަދަ މައްސަލަތައް ދިމާވާން ފެށީ، ޑޭކެއާ އިން، ޑިސެމްބަރު 2018 ގަ އެވެ. އެކަމަކު ފެބްރުއަރީ 2019 އައި އިރު ވެސް ރަނގަޅެއް ނުވެ އެވެ. ޓެސްޓްތައް ހެދުމުން އާރުއެސްވީ ހުރި ކަމަށް ދެއްކި އެވެ.
"އާރުއެސްވީގެ ސަބަބުން މައްސަލަތައް ދިމާވި ކުދިންނާ ބެހޭ އެކި ޕޯސްޓްތައް ކިއަމުން ދިއުމާ އެކު އަހަރެން ވަރަށް ކަންބޮޑުވި. އެންމެ ބިރު ގަތް އެއް ކަމަކީ އޭނާގެ ގަޔަށް އެ އަރާފާނެތީ،" އަރިއާނާ ބުންޏެވެ.
ފުރަތަމަކޮޅު ނޭވާލާން އުނދަގޫވި އެވެ. ހޮސްޕިޓަލުން ބޭސް ދިނެވެ. އެކަމަކު ރަނގަޅު ނުވެ، ހާލަތު ގޯސްވުމުން އެހެން ހޮސްޕިޓަލަކަށް ބަދަލުކުރި އެވެ. އެތަނުގެ އައިސީޔޫގައި އެންޓޯނިއޯ ހަ ދުވަސް ބާއްވަން ޖެހުނެވެ.
ރަނގަޅަށް ނޭވާލާން ފަސޭހަކުރުމުގެ ގޮތުން ތަފާތު ބޭސް ދޭން ޖެހުނެވެ. ރަނގަޅުވަމުން ގޮސް މިހާރު ވަނީ ހަމަޔަކަށް އެޅިފަ އެވެ. އެކަމަކު މިހާރު ވެސް ކޮންމެ ހަތަރު މަހަކުން އެއް ފަހަރު، ފުއްޕާމޭގެ ހާއްސަ ޑޮކްޓަރަކަށް ދައްކަން ޖެހެ އެވެ.
އާރުއެސްވީއަކީ ކޮބާ؟
މިއީ ނޭވާލާ ނިޒާމަށް ދިމާވާ މައްސަލައެކެވެ. ފުލޫ ފެތުރޭ ދުވަސްވަރު މި ވައިރަސްގެ ސަބަބުން ހުންއައިސް، ރޯގާ ޖެހެ އެވެ. އެމެރިކާގައި އުމުރުން ދެ އަހަރު ވާއިރު ގާތްގަނޑަކަށް ހުރިހާ ކުދިންނަށް ވެސް އާރުއެސްވީގެ އަސަރު ފޯރަ އެވެ. އެކަމަކު ވަރަށް މަދު ކުއްޖަކު ނޫނީ، އެންޓޯނިއޯއަށް ކުރިމަތިވި ފަދަ ހާލަތަކަށް ނުދެ އެވެ.
މައްސަލައަކީ އެ ނުރައްކާ އޮތުމެވެ. އެހެންކަމުން ތިމާގެ ތުއްތު ދަރިފުޅަށް އެކަން ދިމާނުވެދާނެއޭ ހިތާ، އަޅާނުލާ ތިބެގެން ނުވާނެ އެވެ.
މި ވައިރަސް އާންމުކޮށް ފެތުރެނީ ކެއްސުމާއި ކިނބިހިއެޅުމުގެ ތެރެއިންނެވެ. ވައިރަސް ހުރި މީހެއްގެ ސަބަބުން ތަގައްޔަރުވެފައިވާ ތަނެއްގައި އަތްލެވި، އަތްނުދޮވެ އުޅެނިކޮށް މޫނުގައި އަތް ކޭއްތިއްޖެ ނަމަވެސް ހަށިގަނޑަށް ވައިރަސް ވަދެދާނެ އެވެ. އަދި ހަށިގަނޑުގައި ވައިރަސް އުޅެނިކޮށް، ތުއްތު ކުއްޖެއްގެ މޫނަށް ދޮނެއް ދެވުނަސް ބަލި އަަރާފާނެ އެވެ.
އާންމުންގެ ސަމާލުކަމަށް އެ މައްސަލަ އަރިއާނާ ގެނައީ ދޮންދިނުމާ ގުޅުވައިގެންނެވެ. އޭނާގެ ޕޯސްޓްގައި ލިއުނީ "ކަލޭމެންގެ އަނގަޔާއި ނޭވާއިން ތުއްތުކުއްޖާ މޫނާއި އަތާއި ފައި ސަލާމަތްކޮށްދޭން" އެދި އެވެ.
"ތުއްތު ކުއްޖާ ލޯބިކަމުން ދޮން ދެވެނިއްޔޭ ހިތާ ކުރެވޭ ކަމަކުން ހޮސްޕިޓަލްގައި ބާއްވަން ޖެހުން (ނުވަތަ މަރުވުން) ފަދަ ކަމަށް ފުރުސަތު ނުދޭށެވެ،" އޭނާ ލިއުނެވެ.
"ދޮން ދީގެން އެ ބަލި ފެތުރޭ ނަމަ އެކަން ވުން ކައިރީ ދޮންދެވޭ ތަނެއްގެއްގެ ސަބަބުން. މިސާލަކަށް ފަޔަށް ދޮނެއް ދިނުމަށް ވުރެ، އަނގަޔާ ނުވަތަ ނޭފަތާ ކައިރިއަށް ދޮން ދީފި ނަމަ ވައިރަސް އެރުމުގެ ފުރުސަތު މާ ބޮޑުވާނެ،" ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކަމަށް ވާ ހަންސާ ބަރުގަވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަލި ނޫން ނަމަ ތުއްތުކުއްޖާއަށް ދޮން ދިނުން އެންމެ ރައްކާތެރީ ފަޔަށެވެ. ތިމާ ހުން އައުން ނުވަތަ ރޯގާއެއް ޖެހިގެން އުޅޭ ނަމަ އެންމެ ރައްކާތެރީ ތުއްތު ކުއްޖާއާ ދުރުގައި އުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އާރުއެސްވީ އެރިޔަސް ގިނަ ކުދިންގެ ދިފާއީ ނިޒާމް އެއަށް ރަައްދުދޭ، އެހެންވެ މާ ބޮޑު މައްސައަކަށް ނުވޭ،" ބަރުގަވާ ވިދާޅުވި އެވެ.
މި ބަލިން ރައްކާތެރިވުމުގެ ގޮތުން ވެސް ކުރެވެން އޮތީ ގިނަގިނައިން އަތް ދޮވުމާއި ކެއްސާ ކިނބިހިއަޅާ ނަމަ، އަނގަ ނިވާކުރުން ފަދަ، ސާފުތާހިރުކަމާ ގުޅިފައި ހުންނަ އާދަތަކެވެ. އާާރުއެސްވީއާ ދެކޮޅަށް އަދި ވެކްސިިނެއް ނެތެވެ.