އަހަރު ނުފުރޭ ތުއްތުކުދިން ކުއްލިއަކަށް މަރުވުން ނުވަތަ ސަޑްން އިންފެންޓް ޑެތު ސިންޑްރޯމް (ސިޑްސް)އަކީ ބައެއް ގައުމުތަކުގައި ވަރަށް ގިނައިން ހިނގާ ކަމަކަށް ވިޔަސް ރާއްޖޭގައި އެފަދަ މަރުތައް އާއްމެއް ނޫނެވެ. އެކަމަކު ސިއްހީ ދާއިރާގެ ބައެއް ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގައި ވެސް، މަދުން ނަމަވެސް، އެފަދަ ހާދިސާތައް ހިނގަ އެވެ. އަދި އެ ގޮތަށް ކުދިން މަރުވާން މަގުފަހިކޮށްފާނެ ބައެއް އާދަތައް ދިވެހިންގެ ފަރާތުން ފާހަގަކުރެވެ އެވެ.
"ބޭބީ ނިދާ އެނދުގައި އޮންނަން ޖެހޭނީ ހަރު ގޮދަޑިއެއް. މަޑު ގޮދަޑި އެއްގޮތަކަށް ވެސް ބޭނުން ނުކުރާންވީ. ބަމްޕާސް ކަހަލަ ސޮފްޓް ބެޑިންއަކީ ވެސް އެހާ ރަނގަޅު އެއްޗެއްސެއް ނޫން. ބާލީސް ވެސް ބޭނުން ނުކުރަންވީ."
އެނދުމަތީގައި އޮއްވާ ތިން މަހުގެ ކުއްޖަކު މަރުވި ހާދިސާއަކަށް މި މަހު ސަމާލުކަން ލިބުނު އިރު، ރަށު ކައުންސިލުން ދީފައިވާ މައުލޫމާތުން އެނގޭގޮތުގައި، މިހާތަނަށް ލަފާކުރެވެނީ އެ ކުއްޖާ މަރުވީ ދޭތެރެއެއްގައި ތާށިވެ، ނޭވާ ހާސްވެގެން ކަމަށެވެ. އެހެންކަމުން ރ. އުނގޫފާރުގެ އެ އަންހެންކުއްޖާ އަށް ދިމާވީ ސިޑްސްގެ ހާދިސާއެއް ކަމަށް ވުން އެކަށީގެންވެ އެވެ. ބައްޔެއް ނުވެ، މި އުމުރުގެ ކުއްޖަކު ކުއްލިއަކަށް މަރުވެފައި އޮއްވާ ފެނިއްޖެ ނަމަ ބަލަނީ އެއީ ސިޑްސްގެ ކޭސްއެއް ކަމަށެވެ.
ސިޑްސް މެދުވެރިވަނީ ސީދާ ކީއްވެގެން ކަމެއް އަދި ވަނީ ނުހޯދިފަ އެވެ. އެކަމަކު ސިއްހީ މާހިރުން ލަފާކުރާގޮތުގައި ސިޑްސްއަކީ ގިނަ ކަންތައްތަކެއް އެކުވެގެން މެދުވެރިވާ ކަމެކެވެ. އެއް ކަމަކީ ގުދުރަތީ ގޮތުން ޖެނެޓިކް މައްސަލައެއް ހުރުމެވެ. އޭގެ އިތުރުން، މިފަދަ މަރުތަކަށް މަގުފަހިކުރާ ނުރައްކާތަކެއްގެ ގޮތުގައި ކަންތައްތަކެއް ފާހަގަކުރެވިފައިވާ އިރު އޭގެ ތެރޭގައި، ކުއްޖާ ނިދާ އެނދުގެ ހާލަތު ހިމެނެ އެވެ.
"މަޑު ގޮދަޑީގައި ކުއްޖާ ބޭއްވުން، ގައިމަތީގައި ރަޖާ އެޅުން، ބޯދަށަށް ބާލީސް ލައްވައި ކައިރީގައި ބާލީސް ބެހެއްޓުން، ބަމްޕާސް އާއި ބޮޑެތި ސޮފްޓް ޓޯއީސްއާ އެއްޗެހި އެނދު ވަށައިގެން ބެހެއްޓުން މިއީ ހުސް ރިސްކު ފެކްޓާސް. އަދި ކުއްޖާ ގައި މަތީގައި ބޮޑު ބާލީހެއް ބޭއްވުން މިއީ ރާއްޖޭގައި ވަރަށް އާއްމު ކަމެއް. މި ކަހަލަ އެއްޗެހި މޫނުމަތީގައި އެޅުނީމަ ކުޑަ ބޭބީއަކަށް އެ އެއްޗެހި ދުރަކަށް ނުލެވޭނެ، ހަމަ ނޭވާ ހާސްވާނީ،" ކުޑަކުދިން ޑޮކްޓަރު އަދި އައިޖީއެމްއެޗުގެ ޗައިލްޑް ހެލްތު ޑިޕާޓްމެންޓްގެ ހެޑް ޑރ. ނިޔާޝާ އިބްރާހީމް ވިދާޅުވި އެވެ.
"(ސިޑްސް) މިއީ ރާއްޖޭގައި ވަރަށް ނުހިނގާ ކަމެއް. އަޅުގަނޑުމެންނަށް ފެންނަނީ އަހަރަކު އެއް ކޭސް ދެ ކޭސް ވަރު. އެކަމަކު މި ގޮތަށް ތުއްތުކުދިން މަރުވާން މަގުފަހިކޮށްފާނެ ހައި ރިސްކު ކަންތައްތަކެއް ހުރި އިރު އޭގެ ތެރެއިން ބައެއް ކަންކަން ރާއްޖޭގައި ވެސް ވަރަށް އާއްމުކަން ފާހަގަކުރެވޭ."
އެފަދަ ކަންކަމުގެ ގޮތުގައި ޑރ. ނިޔާޝާ ފާހަގަކުރެއްވީ ކުއްޖާ އުޅޭ މާހައުލުގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި މައިމީހާ ދުންފަތާއި މަސްތުވާތަކެތި ބޭނުންކުރުމާއި ކުއްޖާ އުފަންވާ އިރު ހިތުގެ މައްސަލައެއް ހުރުން އަދި ދުވަސް ނުފުރާ ވިހެއުމެވެ.
"ރާއްޖެ އިން ކޭސްއެއް ފެނުނަސް ގިނަ ފަހަރަށް މިހެން ދިމާވަނީ މަސްތުވާއެއްޗެހި ބޭނުންކުރާ މީހެއްގެ ބޭބީއަކަށް. އޭގެ ތެރެއިން ވެސް ގިނަ ކުދިންނަކީ ދުވަސް ނުފުރާ ވިހާފައި ތިބޭ ކުދިން. މަސްތުވާތަކެތި ބޭނުން ނުކުރާ މައިން ވިހާ ކުދިންގެ ސިޑްސް ކޭސްތައް ވެސް ގިނައިން ފެނިފައި ހުރީ ދުވަސް ނުފުރާ ވިހާފައި ތިބޭ ކުދިންގެ،" އޭނާ ވިދާޅުވި އެވެ.
ރައްކާތެރިވެވޭނީ ކިހިނެއް؟
ޑރ. ނިޔާޝާ ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގައި ރިސްކް ފެކްޓާތަކެއް ހުއްޓަސް ސިޑްސް އާއްމު ނޫނީ ރަނގަޅަށް ކުރާ ކަންތައްތަކެއް ހުރީމަ އެވެ. އެންމެ ރަނގަޅު އެއް ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަނީ، ހުޅަނގުގެ ގައުމުތަކާ ޚިލާފަށް، ތުއްތުކުދިން މައިންބަފައިންނާ އެއް ކޮޓަރިއެއްގައި ގެންގުޅުމެވެ. ފެންނަ ހިސާބުގައި ނިންދަވަން ބޭއްވުމަކީ ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވާން މަގުފަހިކޮށްދޭ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެކަމަކު ޑޮކްޓަރު ފާހަގަކުރެއްވި ގޮތުގައި ނިދާ ވަގުތު މައިންބަފައިންނާ އެއް އެނދެއްގައި ކުއްޖާ ބޭއްވުން ރައްކާތެރިއެއް ނޫނެވެ.
"މަންމަ ހޭލާ އުޅޭހާ ވަގުތަކު މަންމަ ގާތުގައި ބާއްވައިގެން އުޅުނަސް މައްސަލައެއް ނެތް. އެކަމަކު މަންމަ ނިދާލަން ވެއްޖެއްޔާ ބޭބީ ޖެހޭނެ ކުޑަ އެނދަށް ލާން. އެއީ ބައެއް ފަހަރު، ގައި ދަށުވެގެން ވެސް ބޭބީ މަރުވާން ދިމާވޭ،" ޑރ. ނިޔާޝާ ވިދާޅުވި އެވެ.
އޭގެ އިތުރުން ނިދަން ބާއްވާ ގޮތް ވެސް މުހިއްމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ސިޑްސް ވަރަށް އާއްމު އެމެރިކާގައި، ކުދިން އުއްޑުން ނިންދަވަން ލަފާދީފައި އޮންނަނީ ބަންޑުން ނުވަތަ އަރިއަކަށް ނިންދެވުން ރައްކާތެރި ނޫން ކަމަށް ފެންނާތީ ކަމަށެވެ. ސިޑްސް މަދުކުރުމަށްޓަކައި، ކުއްޖާގެ ނިދުމުގެ ކަންކަމަށް އެހާ ބޮޑު ސަމާލުކަމެއް ދެނީ އެފަދަ ހާދިސާތައް އާއްމުކޮށް ހިނގަނީ ނިދާ ވަގުތު ނުވަތަ އެނދުގައި ކަމަށް ވާތީ އެވެ.
"ގިނަ ފަހަރަށް މި ގޮތަށް މި ދިމާވަނީ ދަންވަރު ދަޅައިގައި. ދަންވަރު 12 އާއި ފަތިހާ ދޭތެރޭގައި، މަންމަ އަށް ވެސް ނިދިފައި އޮންނަ ގަޑީގައި. ނޭވާ ހާސްވެގެން ނުވަތަ ކަމެއް ދިމާވެގެން އުޅެނިކޮށެއް ނުއެއް ފެންނާނެ. މަރުވެފައި އޮއްވާ މި ފެންނަނީ. މިސާލަކަށް މަންމަ ބުނާނެ، ތިމަންނަ ދޭއް ޖެހި އިރު ބުއްދީފައި ބޭއްވީމޭ، ދެން ހަތަރެއް ޖެހި އިރު ބެލި އިރު ނޭވައެއް ނުލައޭ. އެއީ އާއްމުކޮށް މިކަން ދިމާވާ ގޮތަކީ،" ޑރ. ނިޔާޝާ ވިދާޅުވި އެވެ.
އާއްމުކޮށް ކުދިން ފުރޮޅެން ފަށަނީ ފަސް-ހަ މަހުގައި ކަމަށް ވިޔަސް، އޭގެ ކުރިން ވެސް ކުއްޖާ ހަރަކާތްކުރާނެ ކަމާއި އެނދުމަތީގައި އެއް ތަނުން އަނެއް ތަނަށް ބަދަލުވެވިދާނެ ކަމާ މެދު ވެސް ސަމާލުވުން މުހިއްމު ކަމަށް ޑރ. ނިޔާޝާ ގަބޫލުކުރައްވަ އެވެ.
ސިޑްސްގެ ސީދާ ސަބަބު ހޯދިފައި ނެތަސް އަދި ކުދިން ކުއްލިއަކަށް މަރުވުމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް ހުންނާނެ ކަމަށް ބެލެވުނަސް، ޑރ. ނިޔާޝާ ދެކެވަޑައިގަންނަވާ ގޮތުގައި، ކުއްޖާ ނިންދެވުމުގައި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ކޮޓަރީގެ ފިނިހޫނުމިން އާދައިގެ ވަރަކަށް ބެހެއްޓުން ވެސް ހިމެނެ އެވެ.
"މިސާލަކަށް ކޮޓަރި ތެރެ މާ ބޮޑަށް ހޫނުވެފައި ހުއްޓަސް ނުވަތަ ފިނިވެފައި ހުއްޓަސް އެއީ ނުރައްކަލަކަށް ވެދާނެ،" އޭނާ ވިދާޅުވި އެވެ.
"ބޭބީ ނިދާ އެނދުގައި އޮންނަން ޖެހޭނީ ހަރު ގޮދަޑިއެއް. މަޑު ގޮދަޑި އެއްގޮތަކަށް ވެސް ބޭނުން ނުކުރާންވީ. ބަމްޕާސް ކަހަލަ ސޮފްޓް ބެޑިންއަކީ ވެސް އެހާ ރަނގަޅު އެއްޗެއްސެއް ނޫން. ބާލީސް ވެސް ބޭނުން ނުކުރަންވީ. ކުޑަކުޑަ، ހިމަހިމަ ކަންނޭލެއް އެއް ފަރާތެއްގައި ބާއްވާލިޔަސް މައްސަލައެއް ނެތް. އެކަމަކު ބޯދަށަށް ބާލީސް ލައްވާ ވަށައިގެން ބާލީސް ޖަހާ ނަހަދަންވީ. ދެން ގައިމަތީގައި ރަޖާ އެޅުމުގެ ބަދަލުގައި ފިނި ނުވާނެ ގޮތަށް ހެދުން ލައްވާފައި ބާއްވަންވާނީ."
އޭގެ އިތުރުން، ގާތުން ކިރު ދިނުމާއި އިންފެކްޝަންތަކުން ތުއްތުކުދިން ރައްކާތެރިކުރުމުގެ ގޮތުން ގަވާއިދުން ވެކްސިންދިނުމަކީ ވެސް ސިޑްސްގެ ފުރުސަތު ކުޑަކުރުމަށް މުހިއްމު ކަންތައްތަކެއްކަން ޑރ. ނިޔާޝާ ފާހަގަކުރައްވަ އެވެ.