އިންޑަސްޓްރިއަލް ޒޯނުގައި މިހާރު ހަދާފައިވާ ތިލަމާލެ ބްރިޖުގެ ސައިޓު ނެގުމުން އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
އިންޑަސްޓްރިއަލް ވިލެޖު މިހާރު ބަލަހައްޓަމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފުތާގައި ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން އެ ސަރަހައްދުން ޕާކިން ސްލޮޓްތައް ކުއްޔަށް ދޭން ވަނީ ނިންމައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެ ބިން ހިއްކި މަގްސަދު ހާސިލް ނުވެ އޮތް މައްސަލާގައި "މިހާރު" އިން ސުވާލު ކުރުމުން މުއްތަލިބް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ވިސްނުމަކީ ވެސް މާލޭގެ ވެއާ ހައުސްތައް އެ ސަރަހައްދަށް ބަދަލުކުރުމެވެ.
ނަމަވެސް މިވަގުތު އެ ސަރަހައްދުގައި ބްރިޖުގެ މަސައްކަތަށް ބޮޑު ބައެއް ދޫކޮށްފައިވާ ކަމަށާއި އެހެންވެ އެ މަސައްކަތް ނުނިމެނީސް މާ ބޮޑެތި ބަދަލުތަކެއް ނުގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޕްލޭނަކަށް މާ ބޮޑު ބަދަލެއް ނާދޭ. އެ މަސައްކަތް ނިމުނީމާ އެ ތަން ތަރައްގީ ކުރުމުގެ ވިސްނުން ހުރީ،" މިނިސްޓަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން މާލޭގެ ހުޅަނގު ދެކުނު ފަރާތުން އެ ބިން ހިއްކާފައި ވަނީ މާލޭގައި ހުރި ހުރިހާ ގަރާޖުތަކާއި ގުދަންތަކާއި ސިނާއީ މަސައްކަތް ކުރާ ތަންތަން ބަދަލު ކުރުމަށެވެ.
އޭރު ޕްލޭން ކޮށްފައި އޮތް ގޮތުން ބިން ހިއްކައި ނިމުމަށް ފަހު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޮޑެތި ގުދަންތަކާއި މާލޭގައި އަމިއްލަ ވިޔަފާރިތަކުން ހިންގާ ގަރާޖުތަކާއި ކެމިކަލް ގުދަންތަކާއި ލަކުޑި ގުދަންތައް ހިންގަން އެ ސަރަހައްދުން ބިންތައް ކުއްޔަށް ދިނުމަށް އޮތީ ނިންމާފައި އެވެ.
އެކަމަކު، އެ މަޝްރޫއު ހުއްޓިފައި އޮތުމަށް ފަހު، ވެރިކަން ބަދަލުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑަސްޓްރިއަލް ވިލެޖު ތަރައްގީ ނުކުރެ އެވެ.
މާލެ-ވިލިމާލެ ދެމެދު ބްރިޖު އެޅުމުގެ މަޝްރޫއަށް އިންޑިއާގެ އެފްކޮންސް ކުންފުންޏަށް ބޮޑު ބިމެއް ދިނުމުގެ އިތުރުން އެ ސަރަހައްދުގައި ވެމްކޯގެ ސައިޓެއް ވެސް ހިންގަ އެވެ.