މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަަހައްދުގައި ގިނަ ބަޔަކު ޕާކްކުރުމަށް ސްލޮޓަށް އެދޭތީ، އެތަނުގައި ޕާކިން ސްލޮޓް ކުއްޔަށް ދޫކުރަން ނިންމައިފި އެވެ.
އިންޑަސްޓްރިއަލް ޒޯން މިހާރު ބަލަހައްޓަމުންދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރި އިއުލާނެއްގައި ބުނީ އެ ސަރަހައްދުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޕާކިން ސްލޮޓްތައް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ.
އެމްޕީއެލްއިން ބުނިގޮތުގައި ސްލޮޓްތައް ކުއްޔަށް ދޭނީ އެކަމަށް އެންމެ ފުރަތަމަ އެދޭ މީހުންނަށް އިސްކަންދޭ އުސޫލުންނެވެ. އެކަމަކު އެތަނުން ދޫކުރާނީ ކިހާ ސްލޮޓެއް ކަމެއް ހާމައެއް ނުކުރެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި ކުރިއަށް އޮތް ތަނުގައި އެތަން ތަރައްގީކޮށް، ސެކިއުރިޓީއާ އެކު ޕާކިން އިންތިޒާމް ލިބޭ ގޮތަށް އެތަން ތަރައްގީ ކުރަން ވެސް އޮތީ ނިންމައިފަ އެވެ.
ވެހިކަލްތަކާއި މަހަކު ދައްކަން ޖެހޭ ފައިސާގެ އަދަދު:
- ކޮމާޝަލް ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ ޕިކަޕު/ ލޮރީ - 2000ރ.
- ބައުޒަރު - 4000ރ.
- ކްރޭން - 6000ރ.
- އެހެނިހެން އުޅަނދުތައް - 4000ރ.
އެމްޕީއެލުން ވަނީ އެ ސަރަހައްދުން ވެހިކަލް ޕާކުކުރުމަށް ސްލޮޓް ކުއްޔަށް ނަގަން ޝައުގުވެރިވާ ނަމަ، ލިޔުމަކުން އެކަން އެންގުމަށް އެދޭ ކަމަށެވެ. އެ ލިޔުމާ އެކު ވެހިކަލްގެ ރެޖިސްޓްރީ އާއި އިންޝުރެންސް އާއި ރޯޑްވާދިނަސް އަދި ތެޔޮ ނުވަތަ ގޭސް އުފުލާ އުޅަނދެއް ނަމަ، ޑިފެންސް މިނިސްޓްރީން ދީފައިވާ ލިޔުމެއް ވެސް ހުށަހަޅަން ޖެހެ އެވެ. އަދި ވެރިފަރާތް ނުވަތަ އޮޕަރޭޓްކުރާ ފަރާތުގެ އައިޑީކާޑު ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ ވެސް ހުށަހަޅަން ޖެހޭ ކަމަށް އެ އިއުލާނުގައިވެ އެވެ.
އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުން ޕާކިން ޖާގަތަކެއް ކުއްޔަށް ދޫކުރަން ނިންމިއިރު މިހާރު ވެސް ގިނަ އަދަދެއްގެ އުޅަނދުތައް ވެސް އެތަނުގައި ޕާކުކޮށްފައި އޮވެ އެވެ. އެތަން ކުރިން ބަލަހައްޓަމުން ދިޔައީ މާލޭ ސިޓީ ކައުންސިލުންނެވެ.