ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން އިތުރުކޮށްފި އެވެ.

"ރޮޔަލް ހުސެން ތަކުރު" ނަމުގައި އޮތް ޓްވިޓާ އެކައުންޓަކުން މިދިޔަ ހަފްތާގައި ކުރި ޓްވީޓެއްގައި ވަނީ އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އާރްޑީއެކްސް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށް ބުނެފަ އެވެ.

އެ މައްސަލައިގައި ހޮނިހިރު ދުވަހު ހައްޔަރު ކުރި މީހާގެ ނަން ފުލުހުން ހާމަައެއް ނުކުރެ އެވެ. ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ހައްޔަރު ކުރީ، މުހައްމަދު އިނާދު ނަމަކަށް ކިޔާ އުމުރުން 42 އަހަރުގެ މީހެކެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޔުނިޓުން ބަލަމުންދާ އެ މައްސަލައިގައި ބަންދު ޖަހަން ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިދީފައިވާކަން މިއަދު ފުލުހުން ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

އިނާދަކީ އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި މައްޗަންގޮޅި ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ވެސް ހުށަހެޅި މީހެކެވެ.

ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނުމުން މިހާރު އެތަނާއި ޗައިނާގެ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާ އާއި އެ ނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން، މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ޖިނާއީ ކުށެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެފައި މިވަނީ އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ މައްސަލަ ހޫނުވެ، އެ ގައުމާ ދެކޮޅަށް ރާއްޖޭގައި ކެމްޕޭނެއް ހިންގަމުން ދަނިކޮށެވެ.