ބޭރު ގައުމުތަކާ އެކު އޮންނަ ގުޅުންތަކަށް އަސަރު ނުކުރާނެހެން މީޑިއާތަކުން މަސައްކަތް ކުރުމަށް ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް، ބައެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުން "ހަމަލާ ދޭ" ކަމަށް ބުނެ، އެކަން ހުއްޓުވަން ފިޔަވަޅު އަޅައިދިނުމަށް، ހައި ކޮމިޝަނުން ވަނީ ފޮރިން މިނިސްޓްރީގައި އެދިފަ އެވެ.

މިހެން އެދިފައި ވަނިކޮށް، ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިފަހަކަށް އައިސް، ބޭރު ގައުމުތަކުން ދިވެހި ރާއްޖެ އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ބޭފުޅުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ހިލާފު ހަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާއިއު ކުރަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތަށް ހަބަރު ފަތުރާ ނަމަ، ދިވެހި ރާއްޖެ އާއި ބޭރުގެ ގައުމުތަކާ އެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ދިވެހި ރާއްޖެއާ އެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ގައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އެކަމުގެ ސަބަބުން އެ ލިޔުންތައް އަމާޒުވާ ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރި ކަމަށާއި އެ މީހުންގެ ޒިންމާ އަދާ ކުރުމަށް ހުރަސް ކުރިމަތިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރީ، ޑިޕްލޮމެޓުންނަށް ލިބެންޖެހޭ ހިމަޔާތާއި ރައްކާތެރިކަމާއި ހާއްސަ އިމްތިޔާޒުތަކާ ގުޅޭގޮތުން ވަކި އުސޫލުތަކެއް ޑިޕްލޮމެޓުން ރައްކާތެރިކަމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961" ގައި ކަނޑައަޅާފައިވާ ކަމަށެވެ.

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު -- މިހާރު ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު -- މިހާރު ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އިންޑިއާގެ ހައި ކޮމިޝަނާއި އެތަނުގެ ޑިޕްލޮމެޓުންގެ ކަރާމާތަށް ގެއްލުންވާ ގޮތަށް ހަބަރު ފެތުރުމާ ދެކޮޅަށް ފިޔަވަޅު އަޅައިދޭން އިންޑިއާ އިން އެދުނީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްގެ 29 ވަނަ މާއްދާއާ ހަވާލާދީ އެވެ. އެ މާއްދާގައި ބުނަނީ، ޑިޕްލޮމެޓިކް މިޝަން ހުންނަ ގައުމުން ޑިޕްލޮމެޓުންނަށް ހާއްސަ ރައްކާތެރި ކަމެއް ދޭން ޖެހޭނެ ކަމަށެވެ. ޑިޕްލޮމެޓުގެ ޒާތަށާއި މިނިވަން ކަމަށް އަދި ކަރާމަތަށް ދޭ ހަމަލާތަކުން ދިފާއުކުރަން މިޝަން ހުންނަ ގައުމުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައި އޮވެ އެވެ.

އެ މިނިސްޓްރީން އެދުނީ، ބައިނަލްްއަގުވާމީ މުއާހަދާތަކާ ހިލާފު ނުވާނެހެން އަދި ދޭދޭ ގައުމުތަކުގެ ގުޅުމަށް އަސަރު ނުކުރާނެހެން މީޑިއާތަކުން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށެވެ.

"ވީމާ، އެކިއެކި ބައިނަލްއަގުވާމީ މުއާހަދާތަކުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުނުވާނޭހެން، އަދި ދޭދޭ ގައުމުތަކާ އެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނެހެން ދިވެހި ރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް އިލްތިމާސްކުރަމެވެ." ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ރާއްޖޭ އަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމެޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއްކަން ވެސް ފާހަގަކުރި އެވެ.

ހައި ކޮމިޝަނުގެ ބޭފުޅުންގެ ކަރާމަތަށް ގެއްލުންވާ ގޮތަށް ހަބަރު ފަތުރާ ކަމަށް ބުނާ މައްސަލައިގައި މީޑިއާތަކަށް ފިޔަވަޅު އަޅައިދޭން، ރައްޔިތުންގެ މަޖިލީހުން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގައި އެދިފަ އެވެ. ނަމަވެސް، މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިިޓީން އެމްއެމްސީ އަށް ސިޓީ ފޮނުވީ ކޮމިޓީން އެގޮތަށް ނިންމައިގެނެއް ނޫނެވެ.

މައްްސަލަ ބަލަން މީޑިއާ ކައުންސިލަށް އެންގުމާ ގުޅިގެން އެ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމަށް އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން އޭނާ ވިދާޅުވެފައި ވަނީ އެ މައްސަލަ ބަލައިދޭން އެދިވަޑައިގަތީ އެއީ ވަކި ގައުމެއްގެ ކަމެއް ވެގެން ނޫން ކަމަށާއި އެގޮތަށް ނިންމެވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ކަމަށެވެ.