އިންޑިއާ އަށް 1962 ވަނަ އަހަރުގެ އޭޝިއަން ގޭމްސް އިން ރަން މެޑަލް ހޯދައިދިނުމުގައި މުހިއްމު ދައުރެއް ކުޅުންތެރިޔާ އަދި ފަހުން ކޯޗެއްގެ ގޮތުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް ޕްރަދީޕް ކުމާރު ބެނާޖީ އުމުރުން 83 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

އިންޑިއާގެ ފުޓްބޯޅައިގެ ހިތް ކަމަށްވާ ކަލްކަތާގައި އިއްޔެ އޭނާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު އެވެ.

ބެނާޖީ ވަނީ، ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ، ފީފާ އިން ދޭ އެންމެ މަތީ ޝަރަފް ކަމަށްވާ ފީފާ އޯޑާ އޮފް މެރިޓް 2004 ވަނަ އަހަރު ހާސިލްކޮށް އަދި އައި.އެފް.އެފް.އެޗް.އެސް އިން ހޮވި 20 ވަނަ ގަރުނުގެ އިންޑިއަން ފުޓްބޯލާގެ ޝަރަފް ހޯދައިފަ އެވެ. މީގެ އިތުރުން ކުޅިވަރުގައި ހޯދާ އާދަޔާހިލާފު ކާމިޔާބީތަކަށް އިންޑިއާ ސަރުކާރުންދޭ އަރްޖުނާ އެވޯޑް 1961 ގައި އަދި އިންޑިއާގެ އާއްމު ފަރުދުންނަށްދޭ ހަތަރު ވަނަ އަށް އެންމެ މަތީ ޝަރަފް ކަމަށްވާ ޕަދްމާ ޝްރީ 1990 ގައި ބެނާޖީ ހާސިލްކުރި އެވެ.

އޭނާ ވަނީ އިންޑިއާގެ ފުޓްބޯޅައިގެ ރަން ދުވަސްވަރު، ގައުމީ ޓީމަށް ރަސްމީ 36 މެޗު ކުޅެދީ 19 ރަސްމީ ގޯލް ޖަހައިފަ އެވެ. އޭގެ ތެރެއިން ހަ މެޗުގައި ކެޕްޓަން ބޭންޑް އެޅި އެވެ.

ވަރަށް ޒުވާން އުމުރެއްގައި، 1956 ވަނަ އަހަރުގެ މެލްބަން އޮލިމްޕިކްސްގައި އިންޑިއާ ޓީމަށް ކުޅެ އަދި 1960 ވަނަ އަހަރުގެ ރޯމް އޮލިމްޕިކްސްގައި ކެޕްޓަންކަންކުރި އެވެ. މީގެ ތެރެއިން 1956 ވަނަ އަހަރުގެ ގޭމްސްގައި އޮސްޓްރޭލިއާ 4-2 އިން ބަލިކޮށް އިންޑިއާ ސެމީ ފައިނަލަށް ދަތުރުކުރި އިރު ބެނާޖީ މުހިއްމު ދައުރެއް އަދާކުރި އެވެ. އެ ފަހަރު ސެމީ ފައިނަލުން ޔޫގޮސްލާވިއާ އަތުން 4-1 އިން އަދި ލޯ މެޑަލް މެޗުން ބަލްގޭރިއާ އަތުން 3-0 އިން ބަލިވެ އިންޑިއާ ދިޔައީ ހަތަރު ވަނަ އަށެވެ.

ޖެހިގެން އައި 1960 ގެ އޮލިމްޕިކްސްގެ ގްރޫޕް ސްޓޭޖުން އިންޑިއާ ކެޓި ނަމަވެސް ގަދަގަދަ ފްރާންސްއާ 1-1 އިންޑިއާ އެއްވަރުކުރި މެޗުގައި ބެނާޖީ ލަނޑު ޖެހި އެވެ.

އޭގެ ދެ އަހަރު ފަހުން، 1962 ވަނަ އަހަރުގެ ޖަކާޓާ އޭޝިއަން ގޭމްސްގެ ފުޓްބޯޅައިން އިންޑިއާ ރަން މެޑަލް ހޯދިއިރު އޭނާގެ ހިއްސާ ވަރަށް ބޮޑެވެ. ގްރޫޕް ސްޓޭޖުގައި ތައިލެންޑް އަތުން 4-1 އިން މޮޅުވި މެޗުގައި ދެ ލަނޑު އަދި ޖަޕާން އަތުން 2-0 އިން މޮޅުވި މެޗާއި ފައިނަލުގައި ދެކުނު ކޮރެއާ އަތުން 2-1 އިން މޮޅުވި މެޗުގައި ލަނޑު ޖެހި އެވެ. އަދި 1958 ގެ ޓޯކިޔޯ އޭޝިއަން ގޭމްސްގެ ހަތަރު ވަނަ ހޯދިއިރާއި 1966 ގެ ބެންކޮކް އޭޝިއަން ގޭމްސްގައި ވެސް ކުޅެ ޖުމްލަ ހަ ގޯލް ޖަހައި އޭޝިއަން ގޭމްސްގައި އިންޑިއާ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށް ވި އެވެ.

އިންޑިއާގެ ޑޮމެސްޓިކް ފުޓްބޯޅައިގައި ބެނާޖީ ވަނީ ބެންގާލަށް އަދި ރެއިލްވޭސް އަށް، ކޮންމެ ޓީމަށް ސަންތޯޝް ޓްރޮފީ ތިން ފަހަރު ކާމިޔާބުކޮށްދީފަ އެވެ.

ކުޅުން ހުއްޓާލުމަށް ފަހު ކޯޗިން އަށް ނުކުމެ އޭނާ ވެގެން ދިޔައީ އިންޑިއާގެ އެންމެ ކާމިޔާބު އެއް ކޯޗަށެވެ. އެގޮތުން އިންޑިއާ އިން 1970 ވަނަ އަހަރުގެ ބެންކޮކް އޭޝިއަން ގޭމްސްގެ އިން ލޯ މެޑަލް ހޯދިއިރު ޖޮއިން ކޯޗަކަށް މަސައްކަތްކުރި އެވެ. އަދި އިތުރު ތިން އޭޝިއަން ގޭމްސްގައި (1974 ތެހެރާން، 1982 ނިއު ދިއްލީ، 1986 ސޯލް) ގައި އިންޑިއާ އަށް ކޯޗުކޮށްދިނެވެ. އަދި އިންޑިއާ އަށް 1985 ވަނަ އަހަރުގެ ޑާކާ ސާފް ގޭމްސްގެ ފުޓްބޯޅައިން ރަން މެޑަލް ހޯދައިދިނެވެ. އިންޑިއާގެ ފަހުގެ ޖީލުގެ ތަރި ބައިޗުން ބުޓިއާގެ މޮޅު ކުޅުމާ އެކު އެ ގައުމުން 1999 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދިއިރު ޓެކްނިކަލް ޑިރެކްޓަރަކީ ބެނާޖީ އެވެ.

ކްލަބް ކޯޗިންގައި އޭނާ ވަނީ އިންޑިއާގެ ގަދަ ދެ ބާރު ކަމަށްވާ އީސްޓް ބެންގޯލާއި މޯހަން ބަގާން އަށް ވަރަށް ގިނަ ތަށިތަކެއް ހޯދައިދީފަ އެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ބްރެޒިލްގެ ޕެލޭ ހިމެނޭ އެމެރިކާގެ ނިއު ޔޯކް ކޮސްމޯސްއާ 1977 ވަނަ އަހަރު ކަލްކަތާގެ އީޑެން ގާޑަންސްގައި މޯހަން ބަގާން އިން 2-2 އިން އެއްވަރުކުރި މެޗުގައި އެ ޓީމަށް ކޯޗުކޮށްދިނީ ވެސް ބެނާޖީ އެވެ.