ސްކޮޓްލެންޑުގެ ރޭންޖާސް އަށް ސޮއިކޮށް ގައުމުން ބޭރުގެ ޕްރޮފެޝަނަލް ކްލަބަކާ ގުޅުނު އިންޑިއާގެ ފުރަތަމަ އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފް ނަންގޮމް ބަލަ ދޭވީ އަށް ލިބިއްޖެ އެވެ.
ދޭވީ ވަނީ 2015 ވަނަ އަހަރު ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުޅެފަ އެވެ. އެ އަހަރުގެ ވިމެންސް ފުޓްބޯޅަ މުބާރާތް ނިއު އަށް ކާމިޔާބުކޮށްދިނުމުގައި އޭނާ މުހިއްމު ދައުރެއް އަދާކުރި އެވެ. އެގޮތުން ހަތް މެޗުން 25 ގޯލް ޖަހައި ޓޮޕްސްކޯރާ އެވޯޑާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ.
އެކަމަކު ނިއު އަކީ ވެސް އަދި އޭނާ ކުޅުނު އިންޑިއާގެ އެހެން ކްލަބްތަކަކީ ވެސް ސެމީ ޕްރޮފެޝަނަލް ޓީމަކަށް ވާތީ ދޭވީ ސޮއިކުރާ ފުރަތަމަ ޕްރޮފެޝަނަލް ކްލަބަކަށްވާނީ ރޭންޖާސް އެވެ.
ކާާމިޔާބު ޓްރަޔަލަކަށް ފަހު ދޭވީ ވަނީ ރޭންޖާސްއާ އެކު 18 މަސް ދުވަހުގެ ކޮންޓްރެކްޓެއް ހަދައިފަ އެވެ. އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ވެގެންދާނީ ސްކޮޓްލެންޑުގެ ޝަރަފްވެރި ކްލަބަށް ކުޅޭ އޭޝިއާގެ ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާ އަށެވެ. އޭނާ އަށް އެ ފުރުސަތު ލިބުނީ އިންޑިއަން ސުޕަ ލީގުގެ ބެންގަލޫރު އެފްސީއާ އާއި ރޭންޖާސް ހެދި ޕާޓްނާޝިޕެއްގެ ދަށުންނެވެ.
"މި ފެންވަރުގައި ކުޅުމަކީ އަބަދުވެސް އަހަރެންގެ ހުވަފެނެއް. މިއީ އާދަޔާހިލާފު ކަމެއް،" ދޭވީ ބުންޏެވެ. "އަހަރެން އުއްމީދުކުރަން އަހަރެން ރޭންޖާސް އަށް ބަދަލުވުމަކީ، ޕްރޮފެޝަނަލީ ފުޓްބޯޅަ ކުޅުމުގެ ހުވަފެން ދެކިދެކި ތިބި އިންޑިއާގެ އަންހެން ކުޅުންތެރިންނަށް މިސާލަކަށް ވާނެ ކަމަކަށް."
އިންޑިއާ ގައުމީ ޓީމަށް 52 މެޗުން 58 ގޯލް ޖަހާފައިވާ ދޭވީ އިންޑިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެ ފަހަރެއްގެ މަތިން ހޯދައިފަ އެވެ. އޭނާ ވަނީ އިންޑިއާއާ އެކު 2010، 2014 އަދި 2016 ގައި ވިމެންސް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އަދި 2010 އާއި 2016 ގެ ސައުތު އޭޝިއަން ގޭމްސްގެ ވިމެންސް ފުޓްބޯޅަ ރަން މެޑަލް އިންޑިއާއާ އެކު ހާސިލްކުރި އެވެ.