އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ވައިގެ އުޅަނދުތައް އޮޕަރޭޓުކުރަން ރާއްޖޭގެ ގާއިމުވެ ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ރާއްޖެ އަށް އައިސްފައި ވަނީ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މަދަނީ މުވައްޒަފުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ހާމަކުރައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް، ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފައިބާފައިވާއިރު، އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އަދި އެމްއެންޑީއެފް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ބުރާސްފަތި ދުވަހާ ހަމައަށް އެ ޕްލެޓްފޯމުތައް އޮޕަރޭޓް ކުރަން ތިބި ޖުމްލަ 76 އިންޑިއާ ސިފައިން އަނބުރާ ގޮސްފައިވާ ކަމަށެވެ.
ސިފައިންގެ ބަދަލުގައި އިންޑިއާގެ މަދަނީ މީހުން އައިސްފައިވާތީ އެކަމާ ގުޅިގެން އޮތް ކަންބޮޑުވުމަށް އިޝާރާތް ކުރައްވައި، ޒަމީރު ވިދާޅުވީ ޕްލެޓުފޯމުތައް އޮޕަރޭޓް ކުރަން އައިސް ތިބީ ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މަދަނީ މުވައްޒަފުން ކަމަށެވެ.
"އެ މަދަނީންނަކީ ހެލިކޮޕްޓަރު އުފެއްދި ހިންދުސްތާނު އެއިރޮނޮޓިކްސް ލިމިޓެޑް ކުންފުނީގެ މުވައްޒަފުން،" މިނިސްޓަރު ވިދާޅުވި އެވެ.
އަސްކަރީ ޔުނިފޯމް ބާލައިގެން، މަދަނީ މީހުންގެ ގޮތުގައި އިންޑިއާ ސިފައިން އަދިވެސް ތިބެދާނެ ކަމަށް ކުރެވޭ ތުހުމަތުތަކަށް ވެސް ޒަމީރު މިއަދު ރައްދު ދެއްވި އެވެ.
"އިންޑިއާ ސިފައިން ވެސް އައިސްތިބީ އޮޅުވާލައިގެނެއް ނޫން ދެއްތޯ؟ އެހެންވީމާ، އިންޑިއާގެ މަދަނީ މީހުންނޭ އިންޑިއާ ސަރުކާރުން ބުނީމާ އަޅުގަނޑުމެން ގަބޫލުކުރަންނުޖެހޭ ސަބަބެއް ނެތް ދެއްތޯ؟،" އޭނާ ވިދާޅުވި އެވެ.
ޒަމީރު މިއަދު ހާމަކުރެއްވި ގޮތުގައި، އުޅަނދުތައް އޮޕަރޭޓް ކުރަން މަދަނީ މީހުން އައިސްތިބީ އިންޑިއާ ސިފައިން ތިބި އަދަދަށެވެ. އަދި އެ މީހުން ތިބެން ވަކި މުއްދަތުތަކެއް ކަނޑައަޅައި، އެކަމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ މިހާރު ރާއްޖެ އައިސްތިބީ މަދަނީ މީހުން ކަން ދިވެހި ސަރުކާރުން ކަށަވަރު ކޮށްފައިވާ ކަމަށެވެ.
އަދި މިހާރު އުޅަނދުތަކުގެ ކޮމާންޑް އެންޑް ކޮންޓްރޯލް ފުރިހަމައަށް ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފަށް ލިބިފައިވާ ކަމުގެ ޔަގީންކަން ޣައްސާން ދެއްވި އެވެ.