ބޭސްފަރުވާއަށް އިންޑިއާއަށްދާ ދިވެހިން މަދުވާން ފަށާފައިވާ ކަމަށް އެ ގަމުން ހެދި މެޑިކަލް ޓޫރިޒަމް ރިޕޯޓަކުން ދައްކައިފި އެވެ.

އެ ރިޕޯޓުން ދައްކާ ގޮތުގައި މިހާރު ދެވަނައިގައި އޮތް ރާއްޖެ ފަހަތަށް ޖައްސާލުމަށްފަހު އަފްޣާނިސްތާނު އަންނަނީ ކުރި ހޯދަމުންނެވެ. އިންޑިއާއަށް ބޭސްފަރުވާއަށް އެންމެ ގިނައިން ދަނީ ބަންގްލަދޭޝް މީހުންނެވެ.

އިންޑިއާއިން ތައްޔާރުކުރި ރިޕޯޓުގައި، ދެވަނައަށް އެންމެ ގިނަ އަދަދަކަށް އިންޑިއާ އިން ފަރުވާ ހޯދަނީ ދިވެހިން ކަމަށް ބުނެފައިވީ ނަމަވެސް އަދަދު ބުނެފައެއް ނުވެ އެވެ.

މި ސަރަހައްދުގައި މެޑިކަލް ޓޫރިޒަމް އެންމެ ފުޅާކޮށްް ހިންގާ ގައުމުން ތައްޔާރުކުރި ރިޕޯޓް ދައްކާ ގޮތުން މިހާރު އެ ގައުމަށް ބޭސްފަރުވާއަށް މީހުން އަންނަ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވަމުން އަންނަނީ ރަޝިއާއިންނެވެ.

އިންޑިއާއަށް ބޭސްފަރުވާއަށް ދާ ގައުމުތަކުގެ މީހުންގެ ތެރެއިން އެންމެ ބޮޑު ހަރަދެއްކުރަނީ އެމެރިކާއިންނެވެ. 63 ގައުމު ހިމެނޭ ލިސްޓްގައި ރާއްޖެ އޮތީ 45 ވަނައިގަ އެވެ.

ދިވެހިން ބޭސްފަރުވާއަށް އެންމެ ގިނައިން ދަތުރުކުރަނީ އިންޑިއާގެ އިތުރުން ސްރީލަންކާ އަދި ތައިލެންޑް، ސިންގަޕޫރަށެވެ. ވިސާ ހޯދުމުގައި ދިވެހިންނަށް އިންޑިއާ އިން ތާށިކުރުމާ އެކު އެ ގައުމަށް ބޭސްފަރުވާ އަށް ދިވެހިންގެ އަދަދު ވަރަށް ބޮޑަށް މީގެ ދެތިން އަހަރު ކުރިން މަދުވެ އެ ގައުމުގެ ހޮސްޕިޓަލްތަކުން ވެސް އެކަން ފާހަގަކުރި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދު ވެރިކަމުގައި ހުންނެވި އިރު އިންޑިއާއާ ގުޅުން ގޯސްވުމަށް ފަހު ދިވެހިންނަށް ވިސާގެ ކަންތައް މިހާރު ވަނީ އަނެއްކާވެސް ލުއިކޮށްފަ އެވެ.