ގަލްފް އޮފް އަދަން އިން ދަތުރުކުރަނިކޮށް، ހަތިޔާރުއެޅި ބަޔަކު އަރައި މި ހަފްތާގައި ހައިޖެކްކުރި ދެ އުޅަނދެއްގައި އިންޑިއާގެ 22 ފަޅުވެރިން އެބަތިބި ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
އިންޑިއާގެ 16 ފަޅުވެރިންނާ އެކު ދަތުރުކުރި ޓޭންކަރު "ސީމުލް" އިން ބުރާސްފަތި ދުވަހު ވަނީ ގަލްފް އޮފް އަދަންގައި އޮވެ އެހީއަށް އެދި ޑިސްޓްރެސް ކޯލެއް ފޮނުވައިފަ އެވެ. "އެސްއައިބީޔޫ 1" ގެ ނަން ވެސް ބޭނުންކުރާ މި އުޅަނދަށް، ހަތިޔާރުއެޅި ބަޔަކު އަރައި، މިސްރާބު ސޯމާލިއާއަށް ބަދަލުކުރުމަށް ވަނީ މަޖުބޫރުކޮށްފަ އެވެ.
"މި ހާދިސާގައި ބޭރު ގައުމުތަކުގެ ދެ އުޅަނދެއް ހިމެނޭ. އޭގެ ތެރެއިން އެއް އުޅަނދުގައި އިންޑިއާގެ 16 ރައްޔިތުން ތިބިއިރު، އަނެއް އުޅަނދުގައި ތިބީ އިންޑިއާގެ ހަ ރައްޔިތުން،" މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ނޫސްވެރިންނަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން. އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބޭ."
އެހެން ގައުމުތަކަށް ނިސްބަތްވާ ފަޅުވެރިންނާ ބެހޭ ތަފްސީލެއް އިންޑިއާއިން ހާމައެއް ނުކުރެ އެވެ.
އޮޅުވާލައިގެން ތެޔޮ އުފުލުމުގައި ބައިވެރިވެ އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ "ޝެޑޯ ފްލީޓް" ގެ އުޅަނދެއްގެ ގޮތުގައި ތުހުމަތުކޮށް، އެމެރިކާއިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސީމުލް ޓޭންކަރާ ދެކޮޅަށް ފިޔަވަޅު ވެސް އަޅައިފަ އެވެ.
ހޯމަ ދުވަހު، އިންޑިއާގެ ހަ ފަޅުވެރިންނާ އެކު ދަތުރުކުރި ކެމަރޫންގެ ދިދަ ނަގާފައިވާ "ލުތުފް" ނަމަކަށް ކިޔާ ކާގޯ އުޅަނދު ވެސް ވަނީ ހަތިޔާރުއެޅި މީހުން އަރައި ހިފަހައްޓައިފަ އެވެ. އެ މީހުން މި ހަމަލާ ދީފައިވަނީ އޭޕްރީލް މަހު އެ މީހުން ފޭރުނު "އެމްވީ ސުވާޑް" ނަމަކަށްކިޔާ އުޅަނދު ބޭނުންކޮށްގެންނެވެ.
ސޯމާލިއާގެ އައްސޭރިފަށުގައި ކަނޑުމަތީގެ ފޭރުން 2000 ގެ އަހަރުތަކުގައި ވަރަށް ބޮޑަށް އާންމުވި އެވެ. އަދި 2011 ވަނަ އަހަރަކީ މި އަމަލުތައް އެންމެ ގިނަވި އަހަރެވެ. ނަމަވެސް ބައިނަލްއަގުވާމީ ނޭވީ ފޯސްތައް ހަރަކާތްތެރިވާން ފެށުމާއި، ވިޔަފާރި އުޅަނދުފަހަރަށް ސެކިއުރިޓީގެ އާ ފިޔަވަޅުތައް ތައާރަފްކުރުމުން މިކަން ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ.
އިންޑިއާއަކީ ދުނިޔޭގެ ވިޔަފާރި އުޅަނދުފަހަރަށް އެންމެ ގިނައިން ފަޅުވެރިން ފޯރުކޮށްދޭ އެއް ގައުމެވެ. އެގައުމުގެ ޝިޕިން މިނިސްޓްރީގެ މައުލޫމާތުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގެ 320،000 އަށްވުރެ ގިނަ ފަޅުވެރިން ބޭރުގެ އުޅަނދުތަކުގައި އުޅެ އެވެ. -- އޭއެފްޕީ