ކޮންމެ ދާއިރާއަކަށް ބެލި ނަމަވެސް ދިވެހިންނަކީ މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ބައެކެވެ. މީގެ ތެރެއިން ގިނަ ބަޔަކު އެކައުންޓިން ދާއިރާ ހިޔާރު ކުރާއިރު ކިޔަވައި ނިމިގެން ޒުވާނުންނަށް އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތުތައް ރާއްޖޭގައި ވަރަށް މަދެވެ. ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލާއެކު އެކައުންޓިން ދާއިރާއިން ކިޔަވާ ކުދިންނަށް މިވަނީ ފުރުސަތުގެ ދޮރެއް ހުޅުވިފަ އެވެ.

އެކައުންޓެންޓުންނާއި އޮޑިޓަރުންނަކީ ގައުމެއްގެ އިގްތިސާދާއި ވިޔަފާރީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. މާލީ ހިސާބުތައް ބެލެހެއްޓުމާއި، އަންދާޒާކުރުމާއި އަދި އޭގެ ސައްހަކަން ކަށަވަރުކުރަނީ މިދާއިރާގެ ފަންނުވެރިންނެވެ. ވިޔަފާރި އާއި، ލޭންދޭނުގެ މުއާމަލާތުތަކާއި، ގަނެ ވިއްކުމުގެ މުހިންމު ނިންމުންތައް ނިންމަނީ މިދެންނެވި ހިސާބުތަކަށް ރިއާޔަތްކުރެވިގެންނެވެ. މިހެންކަމުން މި ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާވެރިންގެ ހިދުމަތަކި ތައުލީމާއި، ތަޖުރިބާ އާއި، މަސައްކަތުގެ އަހުލާގާއި، ސުލޫކީ ސިފަތަކެއް ހުރެގެންނޫނީ އަދާނުކުރެވޭނެ، އިތުބާރުގެ މައްޗަށް ބިނާވާ މަސައްކަތެކެވެ.

ރާއްޖޭގައި މިއަދާ ހަމައަށް އައި އިރުވެސް މިދާއިރާއިން ގިނައިން ފެންނަނީ ބިދޭސީންނެވެ. ސަބަބަކަށް ވެފައި އޮތީ، އަވަށްޓެރި ގައުމުތަކުގައި އެކައުންޓިން ޕްރޮފެޝަން ކުރިއަރާފައިވާ މިންވަރަށް ދިވެހިރާއްޖޭގައި މިކަން ކުރިއަރާފައި ނެތުމުން މިފަންނުގައި ބިދޭސީންނާއި އެއްވަރުގެ ފަންނީ ތަޖުރިބާ އާއި، ފުރުސަތު ދިވެހިންނަށް ފަހިވެފައި ނެތުމެވެ. މިހެންކަމުން މިދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށާއި، މިރޮނގުން ކިޔަވާ ދަރިވަރުންނަށްވެސް ބިދޭސީންނާއި ވާދަ ކުރުމުގައި ހަމަ ހަމަ ފުރުސަތުތަކެއް މިހާތަނަށް ފަހިވެފައެއް ނެތެވެ.

ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލާއެކު އެކައުންޓިން ދާއިރާގައި ދިވެހިންނަށް ތަނަވަސް ފުރުސަތުތަކެއް ލިބި، ބިދޭސީންނާއި ވާދަކުރެވޭނެ މަގު ފަހިވެގެންދާނެ އެވެ. މި ބިލަކީ ދާއިރާއިން ކިޔަވައިގެން ނުކުންނަ ޒުވާނުންނަށާއި ދާއިރާގައި މިހާރު ވެސް މަސައްކަތް ކުރާ މީހުންނަށް ހުރި ގޮންޖެހުންތައް ހައްލުކޮށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މުހިންމު ބަދަލުތަކެއް އެކުލެވިފައިވާ ބިލެކެވެ. މި ބިލުގެ ސަބަބުން އެކައުންޓިން ޕްރޮފެޝަން ރެގިއުލޭޓްކޮށް، އޮޑިޓް ފާމްތައް ބަލަހައްޓާނެ މިނިވަން މުއައްސަސާއެއް އުފެދި ދިވެހިންނަށް ފަހި ގަވާއިދުތަކެއް ހެދިގެންދާނެ އެވެ. މީގެ ތެރޭގައި އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމާއި އޮޑިޓްފާމުތަކުގެ ޕާޓްނަރުންގެ ގޮތުގައާއި ވަޒީފާތަކުގައި ދިވެހިން ގެންގުޅެންޖެހޭ މަދުމިންވަރު ކަނޑައެޅިގެންދާނެ އެވެ.

އެކައުންޓެންޓުގެ ފޯރަމުގައި އެސިސްޓެންޓް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒު ބައިވެރިވެލައްވަނީ-- ފޮޓޯ: މިހާރު
އެކައުންޓެންޓުގެ ފޯރަމުގައި އެސިސްޓެންޓް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒު ބައިވެރިވެލައްވަނީ-- ފޮޓޯ: މިހާރު

ބޭރުގެ އޮޑިޓް ފާމުތަކުން ރާއްޖޭގައި ހިދުމަތް ދޭން ފުރުސަތު ފަހިވެގެން ދިޔައީ ރާއްޖޭގެ އިގްތިސާދު ރަނގަޅުވެގެން އައުމުގެ ތެރޭގައި ރާއްޖެއަށް އޮޑިޓަރުންގެ ބޭނުން ޖެހުނު ވަގުތު އެކަމުގެ ތަޖުރިބާ ލިބިފައި ތިބި މީހުން ނެތުމުންނެވެ. ނަމަވެސް މިހާރު ދިވެހިންނާ މި ދާއިރާ ހަވާލު ކުރާ ވަގުތު ޖެހިފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ދެކެވަޑައިގަންނަވަ އެވެ. އަދި މި ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް ދިވެހިން ފުރިހަމަ ރޯލެއް އަދާކުރާނެ ކަމަށް ޒިޔަތު އުއްމީދު ކުރައްވަ އެވެ.

"އަޅުގަނޑުމެން ދެކެނީ މި އިންޑިޕެންޑެންޓް ބޮޑީ އުފެދުމުން، އެ މުއައްސަސާއިން މަސައްކަތް ކުރާނެއޭ އެކައުންޓެންޓުންގެ ޕްރޮފެޝަން ތަރައްގީ ކުރުމަށާއި ޓްރެއިނިން ފުރުސަތުތައް ހޯދައިދޭން. އަދި މިދާއިރާގައި މަސައްކަތް ކުރާ މީހުންގެ މަސްލަހަތު ހިމާޔަތް ކޮށްދީ، ފުރުސަތުތައް ފަހިކޮށްދޭން. މި ގާނޫނޫ ފަރުމާކުރެވިފައިވާނީ ރާއްޖޭގެ ކޮންޓެކްސްޓެއްގައި ދިވެހި އެކައުންޓެންޓުން ކުރިއަށް ނެރެން، އަދި ޕްރޮފެޝަން ތަރައްގީކުރަން" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

"ރާއްޖޭގައި ވެސް އަދި ދުނިޔޭގައި ވެސް އެކައުންޓެންޓުން އަދާ މި ކުރަނީ ވަރަށް މުހިންމު ރޯލެއް. އަޅުގަނޑު މެންނަށް އަޅުގަނޑުމެންގެ ހިސާބު ކިތާބު ބެލެހެއްޓެންވާނެ، ފަންނީގޮތުން، މިނިވަންކަމާއެކު، އިގުތިސާދީ ސިޔާސަތާއި، މާލީސިޔާސަތައް ހިޔާލުފާޅުކުރެވޭނެ ޕްރޮފެޝަނަލް ބޮޑީއެއްވެގެން ދާނީ މި ގައުމުގެ ކުރިމަގަށް އޮތް ނުހަނު ބޭނުންތެރި މުއައްސަސާ އަކަށް. އެހެންކަމުން މި ބިލް ފާސްކުރަން މާލިއްޔަތު ކޮމިޓީން ކޮށްދެއްވި ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެކައުންޓެންޓުންނަށް ބަލާއިރު 4000 އެކައުންޓެންޓުންނަކީ ބިދޭސީންނެވެ. މީގެ ތެރޭގައި އެކައުންޓެންޓުންނާއި އޮޑިޓަރުންނާއި، ނައިޓް އޮޑިޓަރުންނާއި، ކުންފުނިތަކުގެ ފައިނޭންޝިއަލް ކޮންޓްރޯލާއިންނާއި، ކޭޝިއަރުން ވެސް ހިމެނެއެވެ.

އަލަށް ފާސްކުރި މި ގާނޫނާއެކު ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ އެކައުންޓެންޓުން ވެސް އެކުލަވައިލާ މިނިވަން މުއައްސަސާ "އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގައި ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. މީގެ ސަބަބުން ދިވެހި އެކައުންޓެންޓުންނާއި ދިވެހި އަދި ބިދޭސީ އެކައުންޓެންޓުން ދެނެގަނެ ބެލެހެއްޓުމަށް މިހާރަށްވުރެ ފަސޭހަވެގެންދާނެ އެވެ. އަދި ކޮންމެ އެކައުންޓެންޓަކު ވެސް އަހަރެއްގެ ތެރޭގައި ވަކި ވަރަކަށް ކެރިއާ ޕްރޮފެޝަނަލް ޑެވެލޮޕްމަންޓު ކްލާސްތަކެއްގައި ބައިވެރިވާގޮތަށް ވެސް ގާނޫނުން މަޖުބޫރު ކުރާނެ އެވެ. މީގެ ބޭނުމަކީ އެންމެ ފަހުގެ ސްޓޭންޑަޑްތަކާ އެއްގޮތަށް މަސައްކަތް ކުރިއެރުވުމަށް އެހީތެރިވުމެވެ. މި އެހީތެރިކަން ވެސް ފޯރުކޮށްދޭނީ އެ އިންސްޓިޓިއުޓުންނެވެ.

މީގެ އިތުރުން ރާއްޖޭގެ ސްޓޭންޑަޑް ހިފެހެއްޓުމަށް ކޮލެޖުތަކާއި ޔުނިވާސިޓީން ކުރިއަށްގެންދާ ކޯސްތައް ވެސް މި އިންސްޓިޓިއުޓުން އެކްރެޑިޓް ކުރާނެ އެވެ. މީގެ އެންމެ ބޮޑު މަގުސަދަކީ ވިޔަފާރިވެރިން ދިވެހި އެކައުންޓެންޓުނަށް އިތުބާރު ކުރުވުން ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ. "ވިޔަފާރީގައި ވަރަށް ސިއްރުތައް ގިނަވާނެ. ކުޑަ ކޮމިއުނިޓީއެއްވީމަ މިއީ ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ޖެހިލުމެއް. ނަމަވެސް މިހާރު ވަރަށް ގިނަ ވިޔަފާރިވެރިންގެ ހިޔާލު މިކަމާގުޅޭގޮތުން މިވަނީ ބަދަލުވެފައި. އެހެންވީމާ މި ބިލާއެކު މި ދާއިރާ ދެވަނަ ހަރުފަތަކަށް ދާނެ ކަމަށް އަޅުގަނޑުމެން އުއްމީދު މިކުރަނީ،" އޭނާ ވިދާޅުވި އެވެ.

މި އިންސްޓިއުޓް އެކުލަވައިލަނީ ނުވަ މެމްބަރުންގެ މައްޗަށެވެ. އެއީ އިންސްޓިޓިއުޓްގެ މެމްބަރުންގެ ތެރެއިން އިންތިޚާބު ކުރެވޭ ރައީސްއަކާއި ނައިބު ރައީސްއަކާއި ކައުންސިލް މެމްބަރުންގެ ގޮތުގައި އިންތިޚާބު ކުރާ ހަތަރު މެމްބަރުންގެ އިތުރުން އޮޑިޓާ ޖެނެރަލް އާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ދައުލަތުގެ ފައިނޭންޝިއަލް ކޮންޓްރޯލާ އެވެ. ނަމަވެސް އިންތިގާލީ މަރުހަލާގައި (ހަތަރު އަހަރު ވަންދެން) މި ކައުންސިލުގައި ތިއްބަވާނީ އޮޑިޓާ ޖެނެރަލް އާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ދައުލަތުގެ ފައިނޭންޝިއަލް ކޮންޓްރޯލާ އަދި އޮޑިޓާ ޖެނެރަލް އޮފީހުގެ ދެ ބޭފުޅުންނާއި އިންސްޓިއުޓްގައި ރަޖިސްޓްރީވާ މީހުންގެ ތެރެއިން އޮޑިޓާ ޖެނެރަލް އައްޔަން ކުރައްވާ ހަތަރު މެމްބަރުންނެވެ.