އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމަށް ރައްޔިތުން މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން ފާސް ކޮށްފި އެވެ.

ސަރުކާރު ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ ރެވެނިއު ސްޓޭމްޕް އުވާލުމުގެ ބިލު ކޮމިޓީން ފާސްކޮށްފައި ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާގުންނެވެ.

ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލަން ނިންމާ ސަބަބެއް ކަމުގައި ބުނެފައި ވަނީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމް ހިންގުމަށްޓަކައި ހިނގާ ހަރަދާ އަޅައިބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއެއް ނޫން ކަމަށެވެ.

އެވަރުގެ އާމްދަނީއެއް ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ އެހެން ހިދުމަތްތަކުން ހަމަޖެއްސިދާނެ ކަމަށާއި އެ ސްޓޭމްޕް ޖަހަން ޖެހުމުގެ ސަބަބުން ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް އިތުރު ދަތިތަކާ ކުރިމަތިވާ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި ކޮމިޓީގެ މެންބަރުން ބަހުސް ކުރުމަށް ފަހު ސަރުކާރުން ހުށަހެޅި ގޮތަށް ފާސް ކުރަން ހުށަހެޅީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ. މިދިޔަ ހަފްތާގައި އެ ބިލު ފާސްކޮށް، ރައްޔިތުން މަޖިލީހުގެ ތަޅުމަށް ވަނީ ކޮމިޓީ ރިޕޯޓް ފޮނުވައިފަ އެވެ.

ދައުލަތުގެ ގިނަ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމަށް އަމަލު ކުރަން ފެށީ އެކަމާ ބެހޭ ހާއްސަ ގާނޫނެއް އެކުލަވައިލުމަށް ފަހު 1970 ވަނަ އަހަރުން ފެށިގެނެވެ.