ސަބްސްކްރިބްޝަން ފީގެ ގޮތުގައި ލިބޭ ފައިސާއިން އެކަނި ޓުވިޓާގެ އާމްދަނީ ދެގުނަ ބޮޑުކުރަން، އެ ކުންފުނީގެ ވެރިޔާ އަދި މަޝްހޫރު މަހުޖަނު އީލޮކް މަސްކް ވިސްނަވާ ކަމަށް ނިއު ޔޯކް ޓައިމްސްގެ ރިޕޯޓެއްގައި ބުނެފި އެވެ.

ޓައިމްސްގެ ރިޕޯޓްގައި ބުނީ މަސްކް އޭނާގެ އިންވެސްޓަރުންނަށް ހުށަހަޅައިދިން "ޕިޗް ޑެކް"އެއްގައި މުސްތަގުބަލުގައި ޓުވިޓާއިން ވާނެ ފައިދާ ސިފަކޮށްދެއްވާފައިވާ ކަމަށެވެ.

އެ ރިޕޯޓްގައިވާ ގޮތުން، ޓުވިޓާގެ ސަބްސްކްރިބްޝަން ސާވިސް "ޓުވިޓާ ބްލޫ" އިން ލިބޭ އާމްދަނީ 2025ގައި 69 މިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި "ޓުވިޓާ ބްލޫ" އިން ލިބޭ އާމްދަނީ 2028 ގައި 159 މިލިއަނަށް އަރާނެ އެވެ. އެއީ ދެގުނަ ބޮޑު އަދަދެކެވެ.

"ޓުވިޓާ ބްލޫ" އަކީ ޓުވީޓްތައް "އަންޑޫ" ކުރެވޭ ގޮތަށާއި އެޕް ކަސްޓަމައިޒޭޝަނާއި އެޑް-ފްރީ އާޓިކަލްސް އަދި އެހެން ވެސް ހާއްސަ ފީޗާތަކާ އެކު މިދިޔަ އަހަރު ތައާރަފުކުރި ހިދުމަތެކެވެ.

މަހު ފީގެ ގޮތުގައި "ޓުވިޓާ ބްލޫ" އަށް 2.99 ޑޮލަރު ދައްކަން ޖެހެ އެވެ.

މަސްކް ގަބޫލުކުރައްވާ ގޮތުގައި އެ ހިދުމަތުގެ ފެންވަރު އަދި އިތުރަށް ރަނގަޅު ކުރެވިއްޖެ ނަމަ، އެ ބޭނުންކުރާ މީހުން އިތުރުވެ، ލިބޭ އާމްދަނީ ވެސް ބޮޑުވާނެ އެވެ. "ޓުވިޓާ ބްލޫ" ގެ އިތުރުން "އެކްސް" ގެ ނަމުގައި އިތުރު ސަބްސްކްރިބްޝަން ހިދުމަތެއް ތަރާފުކުރާނެ ވާހަކަ ވެސް އޭނާ ދެއްކެވި އެވެ. އަދި އިޝްތިހާރުކޮށްގެން ވެސް އާމްދަނީ ހޯދާނެ އެވެ.

މަސްކް ލަފާކުރައްވާ ގޮތުގައި މިހާރު 217 މިލިއަން މީހުން ޓުވިޓާ ބޭނުންކުރަމުން އަންނައިރު، 2025 ގައި އެ އަދަދު 600 މިލިއަނަށް އަދި 2028 ގައި 931 މިލިއަނަށް އަރާނެ ކަމަށެވެ.

މިދިޔަ ހަފުތާގައި މަސްކް ޓުވީޓް ކުރެއްވި ގޮތުގައި، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ޓުވިޓާ ބޭނުންކުރަން ފީއެއް ދައްކަން ޖެހޭ ގޮތަށް ހެދުމުގެ ވިސްނުން އޭނާ ގެންގުޅުއްވަ އެވެ.