ބީރު މީހުން ރަނގަޅުކޮށްދޭ ކަމަށް ބުނެ މަޝްހޫރުކަން ހޯދައިފައިވާ މާލާ އަލީ އަށް ރާއްޖެ ނާދެވޭ ގޮތަށް އޭނާ މިއަދު ބްލެކް ލިސްޓުކޮށްފި އެވެ.

އުފެދުމުގައި، އަދި އޭގެ ފަހުން ދިމާވި އެކި މައްސަލަތަކުގައި ވެސް ބީރުވެފައި ތިބި މީހުންނާއި މަންމަނު މީހުން ރަނގަޅު ކުރާ ކަމަށް މަޝްހޫރު އިރާގު މީހާގެ މައްސަލަ ބެލުމަށްފަހު އޭނާއަށް ރާއްޖެ ނާދެވޭ ގޮތަށް ބްލެކް ލިސްޓުކޮށްފައިވާކަން، އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް މިފްތާހު މުހައްމަދު ވަނީ "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

މިފްތާހު ވިދާޅުވީ މާލާގެ މައްސަލަ އިތުރަށް ބެލިއިރު، ޓޫރިސްޓު ވިސާގައި އޭނާ ރާއްޖެ އައިސް، އެ ވިސާގެ އުސޫލުތަކާ ހިލާފަށް އުޅެފައިވާކަން ވަނީ އެނގިފަ އެވެ. އެހެންވެ، މާލާއަށް ރާއްޖެ ނާދެވޭ ގޮތް ހެދިއަސް، އެ ފިޔަވަޅު އެޅީ ކިހާ މުއްދަތަކަށް ކަމެއް ނުބުނެ އެވެ.

ޓޫރިސްޓު ވިސާގައި މާލާ ރާއްޖެ އައީ މިދިޔަ މަހުގެ ފަހުކޮޅެވެ. ނަމަވެސް، ހުއްދަ ނެތި ފަރުވާ ދިން ކަމަށް ބުނެ، ހެލްތު މިނިސްޓްރީން ވެސް އެ މައްސަލަ ބަލަން ފެށިއިރު އޭނާ ވަނީ ރާއްޖޭން ފުރައިގެން ގޮސްފަ އެވެ.

މާލާ އެކަން ކުރަނީ އާޔަތްތަކެއް ކިޔުމަށް ފަހު ކަރާއި ކަންފަތުގައި އަތުން ހިފަހައްޓައި އަނގަޔަށް އިނގިލި ކޮއްޕައި ހަށިގަނޑުގެ އެކި ތަންތަނުގައި އަތުން ތަޅައިގެންނެވެ. އެ ވަގުތު އެ ކުދިންގެ ކަންފަތަށް އަޑުއިވުނަސް، ކުރީގެ ހާލަތަށް ފަހުން ބަދަލުވި ކަމަށް އެ އާއިލާތަކުން ބުންޏެވެ.

އެކަމަކު، މާލާ އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އަޑު އިވުމުން މަހުރޫމްވެފައިވާ ވަރަށް ގިނަ ކުދިން ރާއްޖެ އިން ރަނގަޅުކޮށްދީފައިވާ ކަމަށެވެ.

މާލާ އަކީ މިގޮތަށް މީހުންނަށް ފަރުވާ ދޭ ކަމަށް ބުނެ އޮޅުވާލައިގެން އެކި ކަންކަން ކުރާ ކަމުގެ ތުހުމަތު އެކި ގައުމުތަކުން ކޮށްފައިވާ މީހެކެވެ. އޭނާ ވަނީ މީގެ ކުރިން ސައޫދީ އަރަބިއްޔާގައި ހައްޔަރު ވެސް ކޮށްފަ އެވެ.