ދިރާގުގެ ކުރީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު، އިމްޖާދު ޖަލީލު ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓީޖިކްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަންކުރައްވައިފި އެވެ.

މާދަމާ އިން ފެށިގެން ރަސްމީކޮށް ރައީސް އޮފީހުގެ ވަޒީފާ އަށް އިމްޖާދު ނުކުންނަވަން ފައްޓަވާނެ އެވެ.

ދިރާގުގައި ހަ އަހަރު މަސައްކަތް ކުރެއްވި އިމްޖާދު "މިހާރު" އަށް ވިދާޅުވީ ރައީސް އޮފީހުގެ މަގާމާ ހަވާލުވެވަޑައިގަތީ ގައުމީ ކަމެއްގެ ގޮތުގައި ދެކެވަޑައިގެން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ. އޭނާގެ ކެރިއަރުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ދިރާގަކީ އަދިވެސް ވަރަށް ލޯބިވާ، ހިތުން ދޫކޮށްލެވޭނެ ތަނެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެހެން ތަނެއް ދޫކޮށްލުމަށް ވުރެ، އެހެން ދާއިރާއަކުން ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ބޭނުންވީ،" އިމްޖާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކަރުކާރުން ކުރިއަށް ގެންދާ ގިނަ މަޝްރޫއުތަކާއި އެހެން ޚިދުމަތްތަކުގެ މައުލޫމާތު މިހާރަށް ވުރެ ބޮޑަށް މީޑީއާތައް މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ރައްޔިތުންނާ ހަމައަށް ރައީސް އޮފީހުން ފޯރުކޮށްދޭނެ އެވެ. އަދި ހުރިހާ މީޑިއާތަކާ އެކު ވެސް ވަރަށް ގާތްކޮށް، މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އިމްޖާދު ދެއްވި އެވެ.

އެ މަގާމަށް އިމްޖާދު އައްޔަންކުރެއްވިއިރު، ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް އޮފިސަރަކަށް ހުންނެވި އަލީ ޚާލިދު ވަނީ މީގެ މަހެއްހާ ދުވަސް ކުރިން އެ މަގާމުން ވަކިކޮށްފަ އެވެ.