މިއަދު ފާހަގަކުރާ ދުނިޔޭގެ މެންޓަލް ހެލްތު ދުވަހާ ގުޅުވައިގެން، މިދިޔަ އަހަރު އެޅުވި ދިވެހި ސައިކޮލޮޖިކަލް ތުރިލާ "އިލް ނޮއިސް" މިރޭ ގައުމީ ޔުނިވަސިޓީގައި ދައްކަން ނިންމައިފި އެވެ.

އާންމުކޮށް ހުޅުވާލައިގެން ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި ފިލްމުގައި ދައްކަން ހަމަޖެހިފައި ވަނީ މިރޭ 7:45 ގަ އެވެ. އެތަނުގެ ޖާގަ އޮތް ވަރަކުން، ފިލްމު ބަލަން ވަނުމުގެ ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅު ޝްވެކް ސިނަމާގައި ޕްރިމިއާކުރި "އިލް ނޮއިސް" އަކީ ތިއޭޓަ މިރާޖާއި އޯކޭޒް އިންކް ގުޅިގެން ހަދާފައިވާ ފިލްމެކެވެ.

ގައުމީ ޔުނިވަސިޓީގައި ފިލްމު ދައްކާތީ އޯކޭޒް އިންކްގެ މެނެޖިން ޑިރެކްޓަރު އަހުމަދު (ސާޖީ) ސާޖިދު ބުނީ މިއީ ތިއޭޓަރުގައި ފިލްމު ބަލައިލަން ފުރުސަތު ނުލިބުނު މީހުންނަށް "އިލް ނޮއިސް" ބަލައިލަން ވެސް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"މެންޓަލް ހެލްތު ދުވަހާ ގުޅުވައިގެން ފިލްމު ޔުނިވަސިޓީގައި ދައްކާލަން ނިންމި މި ފިލްމުގެ ޕްލޮޓަކީ ވެސް މެންޓަލް ހެލްތުގެ އިޝޫއަކަށް ހަދާފައިވާ ފިލްމަކަށް ވާތީ،" އޭނާ ބުންޏެވެ. "އަޅުގަނޑުމެން ޔުނިވަސިޓީ އަށް ކުރި އެޕްރޯޗަކަށް ފިލްމު އެތަނުގައި ދައްކާލަން ފުރުސަތު ލިބުނީ."

ސާޖީ ބުނީ ފިލްމާ ބެހޭ ގޮތުން ސުވާލާއި ޖަވާބުގެ ސެޝަނެއް "އިލް ނޮއިސް" ގެ ޕްރޮޑަކްޝަން ޓީމާއި މެންޓަލް ހެލްތުގެ ތަޖުރިބާކާރުންނާ ވެސް އެކު އޮޑިޓޯރިއަމްގައި މިރޭ ކުރިއަށް ދާނެ ކަމަށެވެ.

އިސްމާއީލް ނިހާދު ޑައިރެކްޓްކޮށްފައިވާ "އިލް ނޮއިސް" އަކީ 2012 ވަނަ އަހަރު ހަމަ އެ ނަމުގައި ތިއޭޓަ މިރާޖުން ސްޓޭޖް ޕްލޭއެއްގެ ގޮތުގައި ގެނެސް ދިން ޕްލޭއަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ މުހައްމަދު (މުންކޮ) މުންތަސިރު އާއި އަހުމަދު އަލަމް އަދި ޝަމްއަތު އިބްރާހީމެވެ.