ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބާއްވާ ފޯރަމުގެ މި އަހަރުގެ ޖަލްސާތައް ސްޕޮންސާ ކުރުމުގެ އެއްބަސްވުމުގައި އެސްޓީއޯ އާއި އެ މިނިސްޓްރީން އިއްޔެ ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަ ޑރ. އަހްމަދު ޒިޔާދެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޒިޔާދު ދެއްކެވި ވާހަކަފުޅުގައި އެސްޓީއޯ އިން އެ މިނިސްޓްރީގެ ކަންކަމުގައި އެއްބާރުލުން ދޭ ކަން ފާހަގަ ކުރެއްވި އެވެ. އަދި މި އަހަރުގެ އިހްޔާ ފޯރަމްތަކުގެ އިންތިޒާމްތަަކަށް ދެއްވި އެހީތެރިކަން ބަލައިގަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޝަހީރު ދެއްކެވި ވާހަކައިގައި އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އިސްލާމިކް މިނިސްޓްރީގެ އެކި ހަރަކާތްތަކަށް ދޭ ސަމާލުކަން ފާހަގަ ކުރެއްވި އެވެ. މިދިޔަ އަހަރުގެ އިހްޔާ ފޯރަމްގެ ސްޕޮންސަރަކީ ވެސް އެސްޓީއޯ އެވެ.
މި އަހަރުގެ އިހްޔާ ފޯރަމްތައް އޮންނާނީ ކޮންމެ ހޯމަ ވިލޭރެއަކާއި ހުކުރު ވިލޭރޭ އިސްލާމީ މަރުކަޒުގެ ހޯލުގަ އެވެ. ދިވެހިންގެ ހިތްތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި އިސްލާމިކް މިނިސްޓްރީން އަންނަނީ ކޮންމެ އަހަރެއްގެ ރަމަޟާން މަހަކު އިހްޔާ ފޯރަމްތައް ބާއްވަމުންނެވެ.