އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ފިެުލް ސްޓޯރޭޖެއް ހަދަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއު ހިންގުމަށް ވިޓޯލް ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ފިއުލް ސްޓޯރޭޖް އެ ސަރަހައްދުގައި ގާއިމް ކުރަނީ ބަންކަރިން ޕްރޮޖެކްޓަށް އިތުރު ސަޕޯޓެއް ދިނުމުގެ ގޮތުން ކަމަށެވެ.
"އަދި މި ތަނުގައި ކަމާ ގުޅުން ހުރި އިތުރު ޕްރޮޖެކްޓުތައް ހިންގުމަށް އިންވެސްޓަރުން ހޯދުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން." މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި އުޅަނދުފަހަރު ރިޕެއާކޮށް މެއިންޓެއިންކުރުމުގެ ހިދުމަތް ފަދަ އެކި ޕްރޮޖެކްޓުތަކާއި ހޯރަފުށި އެއާޕޯޓު އިންޓަނޭޝަނަލްކުރުން ފަދަ ޕްރޮޖެކްޓުތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބަންކަރިން ޕްރޮޖެކްޓާ އެކު ބޮޑެތި ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށާއި މިއީ ޓޫރިޒަމްގެ އިތުރުން އިގްތިސޯދީ ބޮޑު އާމްދަނީއެއް ހޯދުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ.
އިހަވަންދިއްޕޮޅުގެ ބަންކަރިން ޕްރޮޖެކްޓަކީ އެސްޓީއޯއިން ވިޓޯލް ކުންފުންޏާ ހަވާލުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.