ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިހަވަންދިއްޕޮޅުގައި ކުރިޔަށް ގެންދަން ނިންމެވި އައިހަވަން މަޝްރޫއަށް ހުރަސް އެޅީ އިންޑިއާ އިން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ ހއ. އަތޮޅުގައި ހިމެނޭ އިހަވަންދިއްޕޮޅުގައި އާގުބޯޓު ފަހަރަށް ހިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރެއް މަޖިލީހުގައި ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.
ޝިޔާމް ވިދާޅުވީ އިހަވަންދިއްޕޮޅަކީ ޔާމީން ގެންގުޅުއްވި ފުރިހަމަ ތަސައްވުރެއް ކަމަށާއި އޭގެ ނަފާވެރިކަން ގައުމަށް ނައިސްގެން އުޅެނީ ކީއްވެގެންތޯ ސަރުކާރާ ސުވާލުކުރަން ޖެހޭ ކަމަށެވެ.
ކުރީ ސަރުކާރުން ނިންމީ އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ޕޯޓެއް އަޅަން އެކަަަންޏެއް ނޫން ކަމަށާއި މުޅި ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް އަންނާނެ ވަރުގަދަ ތަސައްވުރެ ގެންގުޅުން ކަމަށް ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް އެ މަޝްރޫއު އިއުލާންކުރި ހިސާބުން ފެށިގެން އިންޑިއާގެ އުނދަގޫތައް ކުރިމަތިވާން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
"އިހަވަންދިއްޕޮޅުގެ ތަސައްވުރަށް ޖެހުނު މުސީބާތަކީ އިންޑިއާ. އިންޑިއާ އިން ބޭނުމެއް ނުވޭ އިންޑިއާގެ ފޮރިން ޕޮލިސީގެ ތެރެއިން އޮންނަ ސެކިއުރިޓީ ޕޮލިސީ މި ހިސާބުގައި ތަންފީޒު ކުރާއިރު ރާއްޖޭގެ ތަރައްގީއަށް ކުރަން ހުރި ކަންކަން އެބަ ހުއްޓުވާ،" ޝިޔާމް ވިދާޅުވި އެވެ.
އައިހެވަން މަޝްރޫއަށް އިންޑިއާ ފިޔަވައި އެހެން ގައުމުތަކުން ރަނގަޅު ސްކޭލްގެ އިންވެސްޓްމަންޓެއް ކުރާ ނަމަ އިންޑިއާ ކަނޑަށް ނުރައްކާތެރި ކަންކަން ކުރިމަތިވާނެ ކަމުގެ ވާހަކަ ދައްކައިގެން މަޝްރޫއު ހުއްޓުވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އެ މަޝްރޫއު ހިންގަން ވަރަށް ގިނަ ގައުމުތަކުން ޝައުގުވެރިކަން ފާޅު ކުރި ކަމަށާއި ޗައިނާ އާއި މެދުއިރުމަތީގެ ބޮޑެތި ގައުމުތަކުން 100 މިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓު ކުރަން ތައްޔާރަށް ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ މުޅި މާލީ ނިޒާމަށް އިންޑިއާގެ ނުފޫޒު އެބައޮތް. މިތަނަށް އިންވެސްޓް ކުރަން ތިބި އިންވެސްޓަރުން އެބަ ބިރުގަނޭ މިއަދު އިންޑިއާގެ ނުފޫޒު ދިވެހިރާއްޖޭގެ ދާހިލީ ކަންކަމަށާއި މާލީ ނިޒާމަށް އޮންނާތީ،" ޝިޔާމް ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ އިންވެސްޓަރުން ފިޔަވައި އެހެން ގައުމުތަކުގެ އިންވެސްޓަރުން އެ އިންވެސްޓްމަންޓުތައް އަނބުރާ ނަގާ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ގާއިމުގެ ތިބޭ ކަމަށް އިދިކޮޅުން ކުރާ ތުހުމަތު ތަކުރާރުކުރައްވައި ޝިޔާމް ވިދާޅުވީ އިންޑިއާ ސިފައިން ތިބޭތީ ވެސް އިންވެސްޓަރުން ބިރު ގަންނަ ކަމަށެވެ.
އިގްތިސާދު ޓޫރިޒަމަށް ބަރޯސާވެފައި އޮތުން ކުޑަ ކުރުމަށް ކުރީގެ ސަރުކާރުން އިއުލާން ކުރި އައިހެވަން މަޝްރޫއުގެ މާސްޓާ ޕްލޭން ހަދަން 2016 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލު ކުރި އެވެ. އެ މަޝްރޫއަށް އެހެން ބޮޑެތި ގައުމުތަކާ އެއްގޮތަށް އިންޑިއާ އިން ވެސް ޝައުގުވެރިކަން ފާޅުކުރި އެވެ.
ނަމަވެސް ވެރިކަން ނިމުން އިރު ވެސް އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް އަދި ކުރިޔަށް ދާ ގޮތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އޭރު ޔާމީން ވިދާޅުވަމުން ގެންދެވީ އެ މަޝްރޫއު މަތިން ހަނދާން ނުނެތޭ ކަމަށާއި ނަމަވެސް ބައެއް ސަބަބުތަކާ ހެދި މަޝްރޫއު މަޑުޖެހިފައިވާ ކަމަށެވެ. އޭގެ ތަފްސީލެއް ވެސް ހާމައެއް ނުކުރެ އެވެ.