މާލޭގެ ދެކޮޅުގައި ހުސް ބޭސްފިހާރަ އެވެ. އެކަމަކު، ގިނަ ވައްތަރުތަކެއްގެ ބޭސް އެއްފަހަރާ ހޯދަން ޖެހިއްޖެ ނަމަ އަދިވެސް ދާން ޖެހެނީ އެސްޓީއޯގެ ބޭސްފިހާރައަށެވެ. އާސަންދައިގެ ބޭސް ސިޓީ ފުރިހަމަކޮށްލެވެނީ އެންމެ ފުޅާ ދާއިރާއެއްގައި ބޭސް އެތެރެކުރާ އެސްޓީއޯ އިން އައިޖީއެމްއެޗުގައި ހިންގާ ބޭސްފިހާރަ އަށް ގޮސްގެންނެވެ. އެކަމަކު ގިނަ ބަޔަކަށް އެއީ ފަސޭހަ ކަމެއް ނޫނެވެ.

އެ ޝަކުވާއަށް އެސްޓީއޯ އިން ރޭ ވަނީ ނިމުމެއް ގެނެސް ދީފަ އެވެ. އެ ކުންފުނިން މާލޭގައި ހިންގާ ދެވަނަ ބޭސްފިހާރަ ހެންވޭރުގައި ވަނީ ހުޅުވާފަ އެވެ. ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ތަން ހުޅުވައި ދެއްވީ އެސްޓީއޯގެ ޗެއާމަން އަހުމަދު ނިޔާޒާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

ހޭންވޭރު ކޮޅުން މަޖީދީމަގުގައި ހުންނަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް މަރާމާތުކޮށް، އެ ތަނުގެ ބައެއްގައި ހަދާފައިވާ "އެސްޓީއޯ ހެންވޭރު ފާމަސީ" ބަލައިލަން ރީއްޗެވެ. ޖާގައިގެ ގޮތުން ތަނަވަހެވެ. އާސަންދައިގެ ދަށުން ބޭސް ލިބުމުގެ އިތުރަށް ސިއްހީ ބައެއް ސާމާނު ވެސް ވިއްކަން ހުރެ އެވެ. ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ބޭނުންވާ ފުރޮޅުލީ ގޮނޑި އާއި އެނދު ފަދަ ތަކެތި ވެސް މި ތަނުން ލިބެ އެވެ.

އެސްޓީއޯއިން ހެންވޭރުގައި ހުޅުވި ބޭސްފިހާރަ: މި ބޭސްފިހާރަ އިން އާދައިގެ ޓެސްޓުތައް ވެސް ހެދޭ. -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އެސްޓީއޯއިން ހެންވޭރުގައި ހުޅުވި ބޭސްފިހާރަ: މި ބޭސްފިހާރަ އިން އާދައިގެ ޓެސްޓުތައް ވެސް ހެދޭ. -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެސްޓީއޯގެ ހެންވޭރު ބޭސްފިހާރަ އާއި އެހެން ތަންތަނާ ބޮޑު ތަފާތެއް އެބަ ހުއްޓެވެ. މި ތަނުން ބައެއް ކަހަލަ އާދައިގެ ޓެސްޓުތައް ވެސް ހަދައިދެ އެވެ. އޭގެ ތެރޭގައި ލޭގެ ޕްރެޝަރާއި ލޭގައި ހަކުރު ހުރި މިންވަރު އަދި ބޮޑީ މާސް އިންޑެކްސް ފަދަ ކުދި ޓެސްޓުތައް ހިމެނެ އެވެ. އެއާ އެކު، ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ މައުލޫމާތު ވެސް މި ބޭސްފިހާރަ އިން ފޯރުކޮށްދެ އެވެ.

"މި ބޭސްފިހާރަ އަކީ ފެންވަރުގެ ގޮތުން ރަނގަޅު ހިދުމަތްތަކެއް ދޭނެ ތަނެއް" ހެންވޭރު ބޭސްފިހާރަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ނިޔާޒު ވިދާޅުވި އެވެ.

މާލޭގައި ދެވަނަ ބޭސްފިހާރައެއް އެސްޓީއޯ އިން ހުޅުވާފައިވާ އިރު، އެ ކުންފުނިން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ބޭސްފިހާރައެއް ގާއިމްކޮށްފަ އެވެ. އެ ތަންތަނުން އާސަންދައިގެ ދަށުން ބޭސް ލިބެ އެވެ.

މީގެ އިތުރުން ވެސް، ސިއްހީ ދާއިރާގެ ތަރައްގީ އަށް އެ ކުންފުނިން ދަނީ އެހީވަމުންނެވެ. ރޭގެ ރަސްމިއްޔާތުގައި ވެސް ވަނީ 125،000ރ. ގެ އަގުހުރި ތަކެތި އެކި ފަރާތްތަކަށް ދީފަ އެވެ. އެގޮތުން ތެލަސީމިއާ ބަލީގެ ތިން ކުއްޖަކަށް ކްރޯނޯ ޕަމްޕާއި މޯލްޑިވިއަން ބްލަޑް ސާވިސަސް އަށް ލޭ ނަގާ ކޮތަޅު އަދި ދަމަނަވެއްޓަށް ނިކޮޓިން ޕެޗުތަކެއް ހަދިޔާކުރި އެވެ.