އައްޑޫ ހިތަދޫގެ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި، ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާ ރާއްޖެ އިން ބޭރަށް ގެންގޮސް އިތުރު ފަރުވާދިނުމަށް ދައުލަތުގެ އެހީތެރިކަން ލިބިފައިވީ ނަމަވެސް އޭނާއާ އެކު ދާ އާއިލާގެ މީހުންނަށް ބޭނުންވާ ފައިސާ ހޯދަން އާއިލާ އިން ހުޅުވާލައިފި އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި ހިތަދޫ ކޮކާހަނދުވަރުގޭ، ނިޒާން ނަޖުމީއަށެވެ.
ނިޒާންގެ ބައްޕަ ހުސައިން ނަޖްމީ "މިހާރު" އަށް މިއަދު ބުނީ އެކްސިޑެންޓުގައި ނިޒާންގެ ސިކުނޑި އަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ.
މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ އިރު، އިތުރު ފަރުވާ އަށް ވީހާ ވެސް އަވަހަކަށް ރާއްޖެ އިން ބޭރަށް ގެންދަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ބޭރުގައި ފަރުވާ ދިނުމަށް އާސަންދަ ހަމަޖެހިފައިވީ ނަމަވެސް އޭނާ ގޮވައިގެންދާ މަންމަ އާއި ބައްޕަގެ ހުރުމާއި ކެއުމުގެ ކަންކަން ހަމަޖައްސަން ޖެހޭއިރު، އެ ވަރުގެ ތަނަވަސްކަމެއް އާއިލާގައި މި ވަގުތު ނެތުމުން އާންމުންގެ އެހީއަށް އެދުނީ ކަމަށް ވެސް ނަޖުމީ ބުންޏެވެ.
އޭގެ އިތުރުން ނިޒާން ގޮވައިގެން ދާއިރު ނަރުހަކު ގެންދަނަ ޖެހޭތީ ނަޖުބީ ބުނި ގޮތުގައި، އެ މީހާގެ އެއް ދުވަހުގެ ހުރުމަށް ވެސް ހަރަދުކުރަން ޖެހެނީ އާއިލާއިންނެވެ.
"ފުއްޕާމޭ ވަރަށް ބޮޑަށް ހަލާވެފައި. ކަރު ބިންދައިގެން ގޮސްފައި މޭކަށިގަނޑާއި ކޮނޑު ބިންދިފައި. އައިޖީއެމްއެޗްގެ އިހުމާލުން ބޮލުގެ ވަރަށް ބޮޑު ތަންގަނޑެއް [ކަރުގައި އަޅުވާފައިވާ އެތި ޖެހިފައި އިންތަން ފާރުވެފައި] 20 ދުވަސްވީއިރު އެކަންކަން ނުބަލާ. ވަރަށް ބޮޑު ފާރުގަނޑެއް ބޮލުގައި އެބަހުރި،" ނަޖުމީ ބުންޏެވެ.
"އެކްސިޑެންޓަށް ވަރަށް ގިނަ ދުވަސް ވެފައި ވާއިރު އިތުރު އެއްވެސް ކުރިއެރުމެއް ނުލިބޭތީ ރާއްޖެއިން ބޭރަށް ގެންދަން ވެސް ޑޮކްޓަރުން ނިންމީ."
އެހީދޭން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާކުރާނެ ދެ އެކައުންޓް ނަމްބަރެއް ވެސް އާއިލާ އިން ހިއްސާކޮށްފައިވެ އެވެ.
އެއީ ނިޔާޒްގެ ބައްޕަ ނަޖުމީގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އެކައުންޓް 7703450086101 އާއި ޑޮލަރު އެކައުންޓް 7730000483063 އެވެ. އިތުރު މައުލޫމާތު ހޯދުމަށް 9796807 ގުޅުމަށް ވެސް އެދިފައިވެ އެވެ.
އެކްސިޑެންޓު ހިނގީ ނިޒާންގެ ރައްޓެހި ބަޔަކު ފުރުވަން ދިޔަ މަގުމަތީގަ އެވެ. އޭރު ކާރުގައި ތިބީ ނިޒާންގެ އިތުރުން ތިން މީހުންނެވެ. އެ އެންމެންނަށް ވެސް އެކި ވަރުގެ އަނިޔާ ވެފައިވާއިރު އޭގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ވެފައި ވަނީ ކާރު ދުއްވަން އިން ނިޒާންއަށެވެ.
އުމުރުން 42 އަހަރުގެ ނިޒާންއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އައިޖީއެމްއެޗުން ވެސް ވަނީ ބުނެފަ އެވެ.
އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރު ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެއީ ޓެކްސީއެއްގެ ގޮތުގައި ބޭނުންކުރާ ކާރެކެވެ.