ރާއްޖޭގައި މޮޓޯ ސައިކަލްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ލިޓަސް ކުންފުނިން ފަލަސްތީނުގެ 500 މީހަކަށް އަގްސާ މިސްކިތުގެ ގޯތި ތެރޭގައި ރޯދަ ވީއްލުން ދީފި އެވެ.
ލިޓަސް އިން މި އެހީ ދީފައިވަނީ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާ ގުޅިގެންނެވެ. މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ އަގްސާ ހަރަމްފުޅުގައި މިފަދަ ކަމެއް ދިވެހިންގެ އިސްނެގުމަކަށް މީގެ ކުރިން ބޭއްވި ކަމެއް އެނގިފައެއް ނުވެ އެވެ.
ރޯދަ ވީއްލުމަށް ފަހު ބައެއް މީހުންނަށް ލިޓަސް އިން ވަނީ ހަދިޔާ ވެސް ދީފަ އެވެ.
ލިޓަސް އިން ބުނިގޮތުގައި ފަލަސްތީނުގެ މީހުންނަށް ރޯދަ ވީއްލުން ދޭން ނިންމީ ނިކަމެތި، އެހީއަށް ބޭނުންވެފައިވާ ބަޔަކަށް ވަރަށް ކުޑަ ހަރަދަކުން ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެކަން ދައްކައިދިނުމުގެ ބޭނުމުގަ އެވެ.
"އަޅުގަނޑުމެން ބޭނުންވީ ނަމޫނާ ދައްކަން. ކޮންމެ ބަޔަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެކަން ދައްކައިދޭން،" ލިޓަސްގެ މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޯދަ ވީއްލުން ދިނީ ރާއްޖޭންކަން އެނގުމުން ވަރަށް ގިނަ ބަޔަކު އެކަން ބަލައިގަތް ކަމަށާއި ކުޑަ ގައުމަކުން އެ ފަދަ ކަމަކަށް އިސް ނެގުމުން އެކަމަށް ޝުކުރު އަދާ ކުރި ކަމަށެވެ.
ފަލަސްތީނުގެ އިތުރުން ޔަމަނާއި ސީރިއާގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް، ރާއްޖޭގެ އެކި ޖަމާއަތްތަކުން އަބަދު ވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ. އެގޮތުން ދިވެހި ޖަމިއްޔާއަކުން މިދިޔަ އަހަރުގެ ރޯދަ މަހު ވެސް، ފަލަސްތީނުގެ ގިނަ ގެތަކަކަށް ވަނީ ކަރަންޓު ފޯރުކޮށްދީފަ އެވެ.