ބައިނަލްއަގުވާމީ ނޫސްވެރިންގެ އެންމެ ބޮޑު ޔޫނިއަން ކަމަށްވާ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ގެ މެމްބަރުކަން ދިވެހި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭ އަށް އަލުން ލިބިއްޖެ އެވެ.
އެމްޖޭއޭ އިން ބުނީ އައިއެފްޖޭގެ މެމްބަރަކަށް ވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން އެ ޖަމިއްޔާ އިން ފުރިހަމަކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ޖަމިއްޔާ އަށް އެސޯސިއޭޓް މެމްބަރުކަން ދިނުމަށް އިއްޔެ އޮތް އައިއެފްޖޭގެ އެކްސްކޯ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެ ޔޫނިއަންގެ މެމްބަރުކަން އަލުން ހޯދުމަކީ އެމްޖޭއޭގެ އެކްސްކޯގެ މި ދައުރުގެ ފުރަތަމަ ބައްދަލުވުމުގައި "ކުރު މުއްދަތުގައި" ހާސިލްކުރަން ކަނޑައެޅި އަމާޒެކެވެ.
"މިއާ އެކު، ބައިނަލްއަގުވާމީ ފޯރަމްތަކުގައި ރާއްޖޭގެ ނޫސްވެރިންގެ ފަރާތުން އަޑު އުފުލައި، ވަކާލާތުކުރުމަށް އެމްޖޭއޭ އަށް އިތުރު ފުރުސަތުތައް ފަހިވެގެން ދާނެ،" އެމްޖޭއޭ އިން ބުންޏެވެ.
އެމްޖޭއޭ އަކީ ކުރިން ވެސް އައިއެފްޖޭގެ މެމްބަރަކެވެ. އެކަމަކު އެ ޖަމިއްޔާގެ މަސައްކަތްތައް ދިގު މުއްދަތަކަށް ހުއްޓިގެން ދިއުމާ އެކު މެމްބަރުކަން ވަނީ ގެއްލިފަ އެވެ.
ގާތްގަނޑަކަށް ހަ އަހަރު މެދުކެނޑިފައި އޮތުމަށް ފަހު، އެމްޖޭއޭ އަލުން ހިނގައިގަތީ މިދިޔަ އަހަރު ސެޕްޓެމްބަރުގައި ބޭއްވި އިންތިހާބާ އެކު އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ އައިއެފްޖޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ނޫސްވެރިންގެ ޔޫނިއަން އެވެ. މި ޔޫނިއަންގެ މެމްބަރުންގެ ގޮތުގައި 146 ގައުމެއްގެ 600،000 ވުރެ ގިނަ މީޑިއާ އާއި 187 ޖަމިއްޔާ ތިބެ އެވެ.