ހައްޖާޖީންގެ މައުލޫމާތު ބެލެހެއްޓުމަށާއި އިންތިޒާމްތައް ހަމަޖައްސަން ފަސޭހަައަކަށް ސައުދީ އަރަބިއްޔާ ސަރުކާރުން ހާއްސަ ޕޯޓަލަކާއި ސްމާޓްކާޑެއް ތައާރަފްކޮށްފި އެވެ.
ސައުދީ ނޫސްތަކުން ބުނީ އެ ގައުމުގެ މިނިސްޓްރީ އޮފް ހައްޖް އެންޑް އުމްރާ އިން ތައާރަފްކުރި ޕޯޓަލް އާއި ސްމާޓްކާޑުގެ ބޭނުމަކީ ހައްޖާޖީންގެ ކަންތައްތައް ހަމަޖެއްސުމަށް އެ ގައުމުގެ އެކި އިދާރާތަކުން ކުރާ މަސައްކަތްތައް އެއް ޕްލެޓްފޯމަކަށް ގެނައުން ކަމަށެވެ. އެގޮތުން ކޮންމެ ހައްޖުވެރިއަކަށް ދޫކުރާ އެ ކާޑުގައި އެ މީހުންގެ ހުރިހާ ވަނަވަރެއް ރައްްކާކޮށްފައި ހުންނާނެ އެވެ. އޭގެ ތެރޭގައި ސިއްހީ މައުލޫމާތުތަކާއި ތިބޭ ތަންތަނުގެ މައުލޫމަތު ހުންނާނެ އެވެ.
މިދިޔަ އަަހަރު 50،000 ކާޑު ދޫކޮށްގެން އަޖުމަ ބަލާފައިވާ ޕޯޓަލާއި ސްމާޓް ކާޑު ރަސްމީކޮށް ބޭނުންކުރަން ފަށާނީ އަންނަ އަހަރުގެ ހައްޖު މޫސުމުގަ އެވެ.
ހައްޖުވެރިންނަށް ދޫކުރާ ކާޑުން ކުރާނެ ބޭނުންތަކުގެ ތެރޭގައި ހަރަމްފުޅާއި އެހެނިހެން ބައެއް މުހިއްމު ތަންތަނަށް ވަދެނުކުމެ އުޅުމުގައި ހުއްދައެއްގެ ގޮތުގައި ބޭނުންކުރުން ހިމެނެ އެވެ. ހުއްދަ ނުހޯދައި ހައްޖަށްދާ މީހުން ދެނެގަތުން، އެ ކާޑުގެ ސަބަބުން ފަސޭހަވެގެންދާނެ އެވެ. ނިއާ ފީލްޑް ކޮމިއުނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ އާ އެކު ތައާރަފްކުރާ އެ ކާޑު ކިއޯސްކްތަކުގައި ވެސް ބޭނުންކުރެވޭނެ އެވެ.
ހައްޖުވެރިންނަށް ޕޯޓަލަކާއި ސްމާޓްކާޑެއް ތައާރަފްކުރުމުގެ ވިސްނުމަކީ ސައުދީ ނޫސްތަކުން ބުނިގޮތުގައި މިއަހަރުގެ ކުރީކޮޅު މައްކާގައި ބޭއްވި ކަލްޗަރަލް ފޯރަމްގެ ތެރެއިން އައި ވިސްނުމެކެވެ. ސައުދީގައި ފުޅާ ދާއިރާއެއްގައި ޓެކްނޮލޮޖީ ބޭނުންކުރުމަކީ އެ ގައުމުގެ ވަލީއަހުދު އަމީރު މުހައްމަދު ބިން ސަލްމާންގެ ތަރައްގީގެ ތަސަައްވުރު، "ވިޝަން 2030" ގައި ހިމެނޭ ކަމެކެވެ.