އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީގެ (އައިސީޓީ) ގާނޫނެއް ހަދަން އެކަމާ ބެހޭ ބިލެއް ހަދާނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީން މިއަދު އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި، އައިސީޓީއާ ގުޅޭ ގާނޫނު ހަދަން ޝައުގުވެރިވާ މީހުން އަންނަ ޖެނުއަރީ މަހުގެ 10ގެ ކުރިން އެކަމާ ގުޅޭ މައުލޫމާތު ސާފުކުރަން އެދިފައިވެ އެވެ. އަދި އަންނަ މަހުގެ 24ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅަން ފުރުސަތު ވަނީ ދީފަ އެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަނި ކަމަށް އިއުލާނުގައި ވެ އެވެ.

ނަމަވެސް މި ބިލާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ހާމަކޮށްފަ އެއް ނުވެ އެވެ.

އައިސީޓީ ދާއިރާ ހަރުދަނާކުރުމަށް ގާނޫނެއް ހަދާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އައިސީޓީއާ ގުޅޭ އެއްވެސް ގާނޫނެއް ރާއްޖޭގައި މިވަގުތަކު ނެތެވެ.