ޖުމްހޫރީ ޕާޓީ (ޖޭޕީ) ކައުންސިލަށް ހޮވިވަޑައިގެންނެވި، އެޕާޓީގެ ވެރިޔާ ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ (އައިޝާ) ސިޔާސީ ދާއިރާއަށް ނުކުންނެވި ސަބަބު މިއަދު ހާމަކުރައްވައިފި އެވެ.
އައިޝާ ސިޔާސީ ދާއިރާއަށް ނުކުމެ ވަޑައިގެން ނޫހަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި، "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މާލީގޮތުން ހުރިހާ ކަމެއް ފުރިހަމަ ވެފައިވީ ނަމަވެސް ސިޔާސީ ދާއިރާއަށް ނުކުންނަން މަޖުބޫރު ކުރުވީ ދޮންދަރިކަލުން ސިޔާދު ގާސިމާ މެދު ސަރުކާރުން ކަންތައް ކުރަމުންދާ ގޮތުން ކަމަށެވެ.
ގާސިމް ދަރިކަލުން ސިޔާދު، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ހައްޔަރުކޮށް ޖަލު ބަންދުގައި ބަހައްޓައިގެން ޝަރީއަތް ހިންގަމުން ދަނީ ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ. އޭނާ މިހާރުވެސް ހުންނެވީ މާފުށީ ޖަލުގަ އެވެ.
"ކުރިން ވިސްނުން ދާއިރާއެއް ނޫން ސިޔާސީ ދާއިރާއަކީ. އިބްރާހިމް ސިޔާދަކީ އަޅުގަނޑު ވަރަށް ލޯބިވާ ދަރިއެއް. އިބްރާހިމަށް [ސިޔާދަށް] އެހެން އެހަދަނީ އެއްވެސް ކަމެއް ކޮށްގެނެއް ނޫން. އެ އަނިޔާއަކީ ގަބޫލް ކުރާނެ ކަމެއް ނޫން،" ކަރުނަޔާ އެކު އައިޝާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދަރިން ދޮންބެ ހޯދަން ބޭނުންވާ އިރު އެލިބޭ ހިތާމަ. މިސަރުކާރުން އެކުރަމުންދާ އަނިޔާ އަށް ދުވަހަކުވެސް މައާފެއް ނުކުރާނަން،" ގާސިމްގެ އެންމެ ހަގު ހަ ބޭފުޅުންގެ މަންމަ އައިޝާ ވިދާޅުވި އެވެ.
އައިޝާ ވިދާޅުވީ އޭނާ ދެން ސިޔާސީ ދާއިރާއިން ކުރިއަށް ދިއުމުގައި ފަސް ބެލުމެއް ނެތް ކަމަށެވެ. ގާސިމްގެ މަގާމު ފުރުއްވަފާނަންތޯ ސުވާލު ކުރުމުން ވިދާޅުވީ "މިހާރު ތިސުވާލަށް ޖަވާބު ދޭން ބޭނުމެއް ނޫން" ކަމަށެވެ.
"ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތުން ރައްޔިތުންނަށް އަޅުގަނޑު ކޮންމެވެސް ކަމެއް ކޮށްދޭން ބޭނުމީ،" އައިޝާ ވިދާޅުވި އެވެ.
ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގައި އައިޝާ ކައުންސިލަށް ހޮވިވަޑައިގަތީ އެންމެ ގިނަ ވޯޓް ހޯދި ބޭފުޅާގެ ގޮތުގަ އެވެ. އެއީ 227 ވޯޓެވެ.
ގާސިމްގެ ތިން އަނބިކަނބަލަކު ތިއްބަވާއިރު، އައިޝާ ފިޔަވައި އެހެން ބޭކަނބަލަކު މިފަދަ ސިޔާސީ މަގާމަކަށް މިހާތަނަށް ކުރިމަތިލައްވައިފައެެއް ނުވެ އެވެ. އައިޝާ އެންމެ ފަހުން އާންމުންނަށް ފެނިފައި ވަނީ 2013 ގެ ރިޔާސީ އިންތިޚާބަށް ގާސިމް ކުރިމަތިލެއްވިއިރު، އޭނާގެ ކެމްޕެއިންގެ ތެރެއިންނެވެ. އޭރު، ގާސިމަށް ކެމްޕެއިން ކޮށްދެއްވުމަށް އައިޝާ ބައެއް ރަށްރަށަށް ވެސް ވަޑައިގަތެވެ.