ހުޅުމާލޭގައި ހަދަމުން އަންނަ ކޭ-ޕާކް ރެސިޑެންސްގެ ލޯކަލް އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަސްޓަމަރުންނަށް އޮޅުވާލި ކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގުގައި އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) ގެ އެޕާޓްމަންޓްތަކަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފި އެވެ.
ފުލުހުން މިހާރު ގެންދަނީ ހުޅުމާލޭ އަމީން އެވެނިއުގައި މަންޑޭ ކުއްޔަށް އުޅޭ އެޕާޓްމަންޓަކަށް ވަދެ ފާސްކުރަމުން ކަމަށް ވަނީ އެނގިފަ އެވެ. މަންޑޭގެ އަމިއްލަ އެހެން އެޕާޓްމަންޓަކަށް ވެސް ފުލުހުން ވަންނަން އުޅޭކަން ވަނީ އެނގިފަ އެވެ.
ކޭ-ޕާކްގެ މައްސަލަ އާބަންކޯ އިން ފުލުހުންނަށް ހުށަހެޅުމާ އެކު މީގެ ކުރިން ވަނީ މަންޑޭ އާއި އޭނާގެ ކުންފުނިތަކުގެ ބައެއް ހިއްސާދާރުންގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފަ އެވެ.
މަންޑޭއާ ދެކޮޅަށް އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ހަންބޯ ކޮމްޕެނީގެ ޗައިނާ ހިއްސާދާރު ޝިއުން ޖިން އެވެ. އޭނާ އަށް ކުންފުނީގެ 95 ޕަސެންޓް ހިއްސާ އޮންނައިރު މަންޑޭގެ ހިއްސާގެ މިންވަރަކީ ފަސް ޕަސެންޓެވެ.
ކޭ-ޕާކް މަޝްރޫއު ހިންގަން އާބަންކޯ އިން އެއްބަސްވުން އޮކްޓޯބަރު 9، 2016 ގައި ހަދާފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކް އާ އެކުގަ އެވެ. ހަންބޯ ކޮމްޕެނީ އަކީ މަޝްރޫއު ހިންގައި މާކެޓްކުރުން ފަދަ ކަންކަމާ ރާއްޖޭން ހަވާލުވި ކުންފުންޏެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން އެ ކުންފުންޏާ އެކު އޮތް އެއްބަސްވުން މިދިޔަ ހަފްތާގައި އުވާލާފައިވާ ކަމަށް ހަންބޯ ޓެކް ކޮރެއާ އިން ވަނީ ބުނެފަ އެވެ.
މަންޑޭގެ މައްޗަށް ތުހުމަތުކޮށްފައިވާ ގޮތުގައި މަންޑޭ ވަނީ އެތައް ބަޔަކަށް އެއް އެޕާޓްމަންޓެއް ވެސް ވިއްކައި ފައިސާ ނަގައި އެ ބޭނުންކޮށްފަ އެވެ. މިކަން ކުރީ ޖިންގެ ސޮއި ފޯޖްކޮށްގެން ކަމަށާއި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކުތައް މެދުވެރިކޮށް ވެސް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ޖިން ވަނީ ތުހުމަތުކޮށްފަ އެވެ.