އަބްދުލް ފައްތާހްގެ އާ ފިލްމް "ހައްދު" ރެކޯޑް ބްރޭކިން މޫވީއެއްގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ އިރު، މި ފިލްމް މިހާރު ވެސް ވަނީ ބައެއް ރެކޯޑްތައް ހަދައިފަ އެވެ. އެއް ކަމަކީ މި ފިލްމަކީ މިހާރުގެ އެންމެ ވިދާ ބަތަލާ މަރިޔަމް އައްޒަ މިހާތަނަށް އެންމެ ބޮޑު އަގުގައި ކުޅުނު ފިލްމަށްވުމެވެ. އެކަމަކު އެ އަގު އޮތީ ސިއްރެއްގެ ގޮތުގަ އެވެ.
މި ފަހަރު "ހައްދު" ގެ ލިސްޓަށް އިތުރުވާ އަނެއް ކަމަކީ އެ ފިލްމުގެ އެއް ލަވައިގެ ވާހަކަ އެވެ. އެއީ އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) ފިލްމަކަށް ހެދި ލަވަ "ތައުބާ" ވެސް ރެކޯޑަކަށްވި ވާހަކަ އެވެ.
އޭނާ ބުނީ މަޝްހޫރު ފަންނާނުންތަކެއްގެ އަޑުން ކިޔާފައިވާ "ތައުބާ" އަކީ ފިލްމަކަށް މިހާތަނަށް ހަދައިދިން އެންމެ އަގުބޮޑު ލަވަ ކަމަށެވެ. މި ލަވަ ސައުންޑްކުލައުޑާއި ދިރާގު މައި ޓޯންސް އިން ވެސް މިހާރު އަޑު އަހައި ލެވޭނެ އެވެ.
މި ލަވައަކީ ކުޑައިއްބެގެ މިއުޒިކަށް އޭނާ އާއި މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) މެލޮޑީއަކަށް ހަދާފައި ލަވައެކެވެ. ލަވައިގެ ޅެން ލިޔުނީ ތޭރަވާ އެވެ. "ތައުބާ" އިން އިވިގެންދާ އަރަބި ކަޑިތައް ހަދާފައި ވަނީ އިސްމާއީލް މުބާރިކެވެ.
ލަވަ އަގު ބޮޑުވާ މައިގަނޑު ސަބަބަކީ ރާއްޖޭގެ ވަރަށް މަޝްހޫރު ފަންނާނުންތަކެއްގެ އަޑު "ތައުބާ" އިން އިވިގެން ދާތީ އެވެ. އޭގެ ތެރޭގައި ޝަލަބީ އިބްރާހީމާއި ހުސައިން އަލީ އާއި އަބްދުﷲ ތާތި ނާޝިފްގެ އިތުރުން ތޭރަވާ އާއި ކުޑައިއްބެ ވެސް ހިމެނެ އެވެ.
ލަވައިގެ ކޯރަސް ވެސް އަޅާފައި ވަނީ ހަމަ ވަރުގަދަ ފަންނާނުންތަކެއް ލައްވަ އެވެ. އަދި ލަވަ އަށް ބޮޑުބެރާއި ތަބްލާ ފަދަ އިސްޓްރޫމަންޓްތަކުގެ އަޑު ވެސް އަޅާފައި ހުންނާނީ ލައިވްކޮށް، ކަމުގެ ތަޖުރިބާ ހުރި ފަންނާނުން ލައްވަ އެވެ. އެހެންވެ ލަވަ އަށް ބުރަ އަދި ބޮޑު މަސައްކަތެއް ވަނީކޮށްފަ އެވެ.
އިއްބެ ބުނީ "ތައުބާ" އަކީ އޭނާ މިހާތަނަށް ނަހަދާ ވައްތަރުގެ ލަވައެއް ކަމަށެވެ. އެހެންވެ މުޅި ލަވައިގެ މަސައްކަތް ނިންމަން މަސް ދުވަސް ނެގި ކަމަށް ބުންޏެވެ.
"އަހަރެންގެ ކެރިއަރުގައި މިހާތަނަށް އެންމެ ބުރަކޮށް އަދި އެންމެ ރަނގަޅަށް މަސައްކަތް ކުރި ލަވައަށް މި ލަވަ ވާނެ،" އަމިއްލަ ރާގުގެ ގިނަ ލަވަތަކެއް ހަދާފައިވާ ކުޅަދާނަ ލަވަ ކިޔުންތެރިޔާ ބުންޏެވެ.
އޭނާ ބުނީ ލަވައާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށާއި އެންމެ ބޮޑަށް އުފާވީ ފައްތާހް ހަމަ ބޭނުންވި ފީލަށް ލަވަ ހަދައިދެވުނީތީ ކަމަށެވެ.
"މި ލަވަ އަންނާނީ ވެސް ފިލްމްގެ ވަރަށް ހާއްސަ ސިޓްއޭޝަނެއްގައި. އެހެންވީމަ ފިލްމާ ވަރަށް ބޮޑަށް ގުޅުން ހުރި ލަވައަކަށް ތައުބާ ލަވަ ވާނެ،" އިއްބެ ބުންޏެވެ. "ފައްތާހު ވަރަށް ރަނގަޅަށް ސިޓްއޭޝަން ކިޔައި ދީގެން ހަދާފައިވާ އޮތް ލަވައެއް ތައުބާއަކީ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސީދާ ފައްތާހު ބޭނުންވި ކަހަލަ ލަވައެއް ހަދައި ދެވުނީމަ."
ފައްތާހް ވެސް ބުނީ "ހައްދު" ގެ "ތައުބާ" ލަވަ ވަރަށް ހާއްސަ ކަމަށެވެ. އަދި އިއްބެ ކޮށްދިން މަސައްކަތް ވަރަށް ފުރިހަމަ ކަމަށް ބުންޏެވެ.
"މި ލަވަ އަޑު އަހާލީމަ ވެސް އެނގޭނެ ލަވައަށް ވަރަށް މަސައްކަތްކޮށްފައި ހުރިކަން،" އަންނަ މަހުގެ ހައެއްގައި ރިލީޒް ކުރާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "ހައްދުގެ މުޅި އަލްބަމަށް ބަލާ އިރު ވެސް ވަރަށް ރީތި އަދި ވަރަށް މަސައްކަތްކޮށްފައި ހުރި ލަވަތައް މުޅިން ވެސް ހުންނާނީ."
އިއްބެ ބުނީ "ތައުބާ" އަކީ އޭނާ ލަވަތަކަށް ކުރާ ބުރަ މަސައްކަތުގެ ފެށުމެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ލަވަތައް ހަދާނީ ކުރިން ނުކުރާ ވަރަށް މަސައްކަތްކޮށްގެން ކަމަށް ބުންޏެވެ. "ދެން ވަރަށް މަސައްކަތްކޮށްގެން ލަވަތައް ހަދާނީ. މިއީ އޭގެ ފެށުމަކަށް ވާނެ،" އޭނާ ބުންޏެވެ.
"ބޭނުން ވަނީ މި ދާއިރާގައި ތިބި ރަނގަޅު މީހުން ބޭނުންކޮށްގެން ދެން ލަވަތައް ހަދަން،" މޯލްޑިވިއަން އައިޑޮލްގެ ޖަޖްކަން ވެސް ކުރި އިއްބެ ބުންޏެވެ.