ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންފި ނަމަ، އަމާޒަކީ މެދުރާސްތާގެ ޕްލޭނަކުން އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުން ކަމަށް ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް ޒިޔާތު (އިބޫ) ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީގެ ކުރީގެ ސީއީއޯ އާންމުކުރެއްވި ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ބުނެފައިވާ ގޮތުން، މި ކެމްޕޭނަށް އޭނާ އެކި ގޭގެ އަށް ކުރެއްވި ޒިޔާރަތުގައި އެ ދާއިރާ އިން އެންމެ ބޮޑު މައްސަލައެއް ކަމަށް ފެނިވަޑައިގަތީ ބޯހިޔާވަހި ކަމުގެ މައްސަލަ އެވެ. އެހެންވެ، މަޖިލީހުގެ ގޮނޑި ކާމިޔާބު ވެއްޖެ ނަމަ، އެކަން ހައްލުކޮށްދެއްވުމަކީ އެންމެ އިސްކަން ދެއްވާނެ ކަންތައް ކަމަށް ޒިޔާތު ވިދާޅުވި އެވެ.

"އަޅުގަނޑު ހުށަހަޅާނީ މެދުރާސްތާގެ ބޯހިޔާވަހިކަމުގެ ސިޔާސަތެއް،" އޭނާ ވިދާޅުވި އެވެ. "މި ސިޔާސަތުގައި ބޯހިޔާވަހިކަމަށް ކުރިމަތިލައްވާ ބޭފުޅުން އިވެލުއޭޓް ކުރުމަށް ބަދަލުނުވާނޭ އަދި ދެފުށް ފެންނަ ކްރައިޓީރިޔާތަކެއް ގާއިމްކޮށް އިއުލާން ކުރުން ހިމެނޭ."

އިބޫ ޒިޔަތުގެ ބޯހިޔަވާހިކަމުގެ ޕްލޭން
އިބޫ ޒިޔަތުގެ ބޯހިޔަވާހިކަމުގެ ޕްލޭން

އޭނާ ވިދާޅުވި ގޮތުގައި މި ކްރައިޓީރިއާތައް ވެގެންދާނީ މަޖިލީހުން ފާސްކުރެވޭ އަދި ސަރުކާރު ބަދަލުވިޔަސް ކްރއިޓީރިޔާތައް ބަދަލު ނުވާނެ އެއްޗަކަށެވެ. އޭނާ ވިދާޅުވީ މި ގޮތަށް ހެދިއްޖެ ނަމަ އެއް ސްކީމުން ފްލެޓް ނުލިބުނަސް އެހެން ސްކީމަކުން ފްލެޓް ލިބުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"ފާއިތުވި ސަރުކާރުތަކުގައި ކަން ހިނގާފައިވާ ގޮތަކީ ކޮންމެ ސަރުކާރަކާ އެކު ބޯހިޔާވަހިކަމުގެ ކްރައިޓީއާތައް އޮންނަނީ ބަދަލުވެފައި،" ސަރުކާރުތަކުގެ އެކި އޮފީސްތައް ހިންގަވައި، ތަޖުރިބާ ހޯއްދަވާފައިވާ ޒިޔާތު ވިދާޅުވި އެވެ. "މިސާލަކަށް ހުޅުމާލޭގައި ހެދި 1000 ހައުސިން ފްލެޓްގެ ކްރައިޓީރިޔާ މިފަހުން ހެދި 704 ފްލެޓްގެ ކްރައިޓީރިޔާއާ ތަފާތު."

އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ވިސްނުމަކީ ހަމައެކަނި މީހަކާ އިނދެގެން ދަރިން ތިބޭ މީހުންނަށް އެކަނި ފުރުސަތު އޮތުމުގެ ބަދަލުގައި އަލަށް ކައިވެނި ކުރާ ދެމަފިރިންނަށް ވެސް ފްލެޓް ލިބުމުގެ ފުރުސަތު ލިބުމެވެ. އަދި މީހަކާ ނީނަސް ޒުވާން މަސައްކަތްތެރިންނަށް ވެސް އެ ފުސަތު ލިބެން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.

އިބޫ ޒިޔާތު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ؛ އިބޫ ޒިޔާތު ކެމްޕޭން ޓީމް
އިބޫ ޒިޔާތު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ؛ އިބޫ ޒިޔާތު ކެމްޕޭން ޓީމް

"ވިސްނުމަކަށް ވާންވީ ބޯހިޔާވަހިކަމަކީ ވަކިން ހައްލެއް ހޯދޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. "ހަމައެއާ އެކު އެބަޖެހޭ ސްކޫލާއި ހޮސްޕިޓަލާއި މިސްކިތާއި މަގުތަކާއި ޕާކުތަކާއި އެފަދަ އެހެން ތަންތަން ވެސް އެޅެން. ވަޒީފާގެ ފުރުސަތު އެބަ އޮންނަން ޖެހޭ. އެހެން ނޫނީ އެތަނެއް ތަރައްގީއެއް ނުވާނެ."

މި ކެމްޕޭންގެ ތެރޭގައި، ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ ޝަކުވާތައް އިވިއްޖެ ކަމަށާއި މަޖިލީހުގެ ގޮނޑި ކާމިޔާބު ވެއްޖެ ނަމަ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެ ކަންކަން ވީހާ އަވަސް ފުރުސަތެއްގައި ހައްލުކޮށްދެއްވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޯޓް: މިއީ ކެންޑިޑޭޓުންނަށް "މިހާރު"ން ވިއްކާފައިވާ ޕެކޭޖްގައި ހިމެނޭ ކަވަރޭޖްގެ ބަޔެކެވެ.