ދަތުރުވެރިންގެ މާރުކޭޓް މަތީ އިނދެފައި އުދުއްސައިލި މާކަނައެއް ބޯމަތިން އުދުހިލާފައި ގޮސް ދޯންޏެއްގެ ދިރުނބާކޮޅު ގެގަނޑު މައްޗަށް ތިރިކޮށްލައި ހަށިފޮޅައިލި އެވެ. ފަޅުތެރޭ އަޅާފައި ހުރި ދޯނިތަކުގެ ފަޅުވެރިންނަށް އެއީ ހާއްސަ ކަމަކަށް ނުވިޔަސް އެކަން އާވެގެން ފޮޓޯ ނަގައި ވީޑިއޯކުރާ ބަޔަކު ވެސް ތިއްބެވެ؛ އެއީ އެކި ކަންކަމުގައި ދޭތެރެއަކުން އެ ހިސާބަށް ގޮސް އުޅޭ މީހުންނެވެ.

މިހެން ގޮސް އުޅޭއިރު މާބޮޑު ސަމާލުކަމެއް ނުދެވެނީ މަސް ވިއްކާ ދޯނިތަކުގައި މި ހިނގާ ބައެއް ކަންކަމަށެވެ. އެ ދޯނިތަކަކީ ބައެއް މީހުންގެ ގެދޮރެވެ. ފެންވަރައި އަންނައުނު ދޮވެ ފާހާނާކުރަނީ ވެސް ދޯނީގަ އެވެ. މި ހުރިހާ ކަމަކުން ފަޅުތެރެ ނަޖިސްވެފައި އޮންނައިރު އެތަނުން ފެން ނަގައިގެން ބޭނުންކުރާ ވާހަކަ އަބަދުވެސް ދައްކަ އެވެ. އެކަމަކު އެތައް އަހަރެއް ވެގެން ދިޔައިރު ވެސް މައްސަލަ ހައްލު ނުވެ އެކަން މިހާރު އޮތީ އެތައް ގުނައެއް ގޯސްވެފަ އެވެ.

އެކުވެރި މާކަނާތަކުގެ ހިތްގައިމު ހަރަކާތްތަކާއި މަސްވެރިންގެ ދިރިއުޅުން މި ތަނުގައި ހުންނަ ގޮތް ބަލަން ގެއްލިފައި ހުންނައިރު، ދޯނީގައި ހުންނަ މަސްތަކަށް އެޅުމަށާއި މަސް އަޅާ އެއްޗެހި ދޮވުމަށާއި ދޯނީގައި މަސް ކެނޑުމަށް ފަހު ވެސް އެ އަޅާލަނީ ފަޅުތެރެއިން ނަގާ ލޮނެވެ.

މަސް މާރުކޭޓް ސަރަހައްދު ފަޅުތެރޭ އަޅާފައިވާ ދޯންޏެއްގެ ފަޅުވެރިއަކު އެތަނުގެ މޫދުން ލޮނު ބާލިދީއެއް ނަގަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
މަސް މާރުކޭޓް ސަރަހައްދު ފަޅުތެރޭ އަޅާފައިވާ ދޯންޏެއްގެ ފަޅުވެރިއަކު އެތަނުގެ މޫދުން ލޮނު ބާލިދީއެއް ނަގަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އެއްގަމު ތޮށިމަތިން ހިނގަމުން ދޯނިތަކުގެ ކައިރިން މޫދަށް ބަލަމުން ދަނިކޮށް ފެނުނީ ދެ ދޯނި ދޭތެރޭ އެއްވެސް ކޮޅަކަށް އޮޔާ ނުގޮސް އޮތް ނަޖިސްބުރިއެކެވެ. އޭގެ ކައިރީގައި ތެލާއި ކުނިބުނި ނަން ހުސްކޮށެވެ. މި ހުރިހާ އެއްޗަކުން ކަޅުވެފައި އޮތް ހިސާބު ވީޑިއޯކޮށް ނިންމާލި ވަގުތު އެ ދިމާލުން ދޯންޏެއްގައި އިން މީހަކު ބާސްކެޓެއް ދޮންނަން މޫދަށް ގަންބާލި އެވެ. އެއީ އެއްކަލަ ނަޖިސްގަނޑު ވެސް އޮތް ތަނެވެ. ބެލެވޭ ގޮތުގައި އެއީ މަސް އަޅާފައި ބަހައްޓަން ގެންގުޅޭ ބާސްކެޓެކެވެ. އެން ހިފާ ދަލެއްގެ ބަޔަކުން ބާސްކެޓްގައި އުނގުޅަމުން ދިޔައިރު އެ ދާގަނޑު ވެސް އިރުއިރުކޮޅުން އެ ދިމާލުން މޫދަށް ގަންބާލާފައި ނަގަ އެވެ. އެ ހުރިހާ ކަމެއް ނިންމާލާފައި އެ ދާގަނޑު އަނެއްކާވެސް އެއްކަލަ ނަޖިސްގަނޑު އޮތް ތަނުން ތެންމާލާފައި އެންމެ ފަހުން ސާފުކޮށްލީ ރެހި ވިއްކާއިރު މިނަން ގެންގުޅޭ ޖޯޑެވެ.

މަސް މާރުކޭޓް ފަޅުތެރެއިން ލޮނު ނަގައި، ރެހި އަޅާ ޓައްޕަށް ލޮނު އަޅަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
މަސް މާރުކޭޓް ފަޅުތެރެއިން ލޮނު ނަގައި، ރެހި އަޅާ ޓައްޕަށް ލޮނު އަޅަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އައިސް ފޮށިން ނަގައިގެން މަސްތައް ގެންގޮސް މާރުކޭޓަށް ބޭލުމަށް ފަހު ނުވިކި ގިނައިރު ވެފައި ހުންނަ، އައިސް ކެނޑިފައި ހުންނަ މަސްތައް އަލުން ގެނެސް، އައިސް ފޮއްޓަށް ވެސް އަޅަ އެވެ. އިރު އޮއްސެން ގާތްވި ވަރަކަށް ގިނައިން ފެންނަނީ މާރުކޭޓުން މަސްތައް ގެނެސް ފޮއްޓަށް އަޅާތީ އެވެ. އެއްވެސް ރައްކާތެރިކަމެއް ނެތެވެ.

މަސް މާރުކޭޓް ސަރަހައްދު ފަޅުތެރޭ އަޅާފައިވާ ދޯންޏެއްގެ ފަޅުވެރިއަކު ރެހިތަކެއް ނަގައި ޓައްޕަކަށް އަޅަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
މަސް މާރުކޭޓް ސަރަހައްދު ފަޅުތެރޭ އަޅާފައިވާ ދޯންޏެއްގެ ފަޅުވެރިއަކު ރެހިތަކެއް ނަގައި ޓައްޕަކަށް އަޅަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ތަންކޮޅެއް ދުރުން، އެހެން ދޯންޏެއްގައި ފުޅިބުރިއަކުން ލޮނު ނަގައި ދޯނީގައި ހުރި ހަންބުރިއަކަށް އަޅަމުން ދިޔަ އެވެ. މަސް ތާޒާކޮށް ބަހައްޓަން އަޅާ އައިސް ފޮށިތަކުގެ ތެރެއަށް ވެސް ލޮނު އަޅަ އެވެ. އެއް ދޯނީގައި، މޫދަށް ހޮޅިއެއް ލައިގެން އެ ހޮޅިން ދޯނީގެ ވަތާއި ދޯނީގައި ހުންނަ އައިސް ފޮށިތަކަށް ވެސް ލޮނު އަޅަނިކޮށް ފެނުނެވެ. އެތަނުގައި އޮޔާ އެނބުރެމުން ދިޔަ ނަޖިސްތަކުން ނަޖިސްގަނޑެއް އޭގެ ތެރެއަށް ނުދާ ކަމެއް ވެސް ނޭނގެ އެވެ. އެހެންވެ ދޯނީގައި މަސް ފިނިކޮށް ބަހައްޓާފައި ހުންނައިރު ނަޖިސް ހުންނަ ފެނުގެ ތެރޭގައި އެތައް އިރެއް ވަންދެން ހުރުމަކީ ނުވުމަށް ވުރެ ވުން ގާތް ކަމެކެވެ.

މަސް މާރުކޭޓް ސަރަހައްދު ފަޅުތެރޭ އަޅާފައިވާ ދޯންޏެއްގައި ހުރި މީހަކު މޫދަށް ހޮޅިއެއް ގުޅައިގެން މަސް ވަތަށް ލޮނު އަޅަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
މަސް މާރުކޭޓް ސަރަހައްދު ފަޅުތެރޭ އަޅާފައިވާ ދޯންޏެއްގައި ހުރި މީހަކު މޫދަށް ހޮޅިއެއް ގުޅައިގެން މަސް ވަތަށް ލޮނު އަޅަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ދޯނީގައި މަސް ކަނޑާ މީހުން ވެސް މޫދަށް ބާލިދީ ކޮއްޕާލައި އެ ނަގާ ލޮނުން މަސްތައް ދޮވެލަ އެވެ. އެހެންވެ، ފިނިކުރި މަސް ނޫނަސް ބާނައިގެން ގެންނަ ގޮތަށް ދޯނިތަކުގައި އެ ކަނޑާ މަހަށް ވެސް މި އަޅަނީ ނަޖިސްތަކުގެ ތެރެއިން ނަގާ ލޮނެވެ.

މަސް މާރުކޭޓަށް ބާލައި ވިއްކަން ބަހައްޓާފައި ހުންނަ މަސްތަކަށް ވެސް އިރުއިރުކޮޅުން ލޮނުފެން ޖަހާތީ އެއީ ކޮން ތާކުން ނަގާ ފެނެއްތޯ އެތަނުގައި ތިބި މީހުންގެ ގާތު އެހީމެވެ. އެ މީހުން ބުނީ މަސް މާރުކޭޓުގެ އެތެރޭގައި ހުންނަ އިސްކުރުތަކުން އަންނަނީ ފަޅުތެރެއިން ބޭރަށް އަޅާފައިވާ ހޮޅިއަކުން އަންނަ ލޮނު ކަމަށެވެ. އެކަމަކު ވަކިން ފުޅިއަށް އަޅައިގެން މަސްތަކަށް ޖަހާތީ ވެސް ފެނެ އެވެ.

މަސް މާރުކޭޓް ސަރަހައްދުގެ މޫދުގައި ނަޖިހުގެ އަސަރު ހުރިތޯ ބަލަން ޓެސްޓްކުރުމަށް ނެގި ފެނުގެ ސާމްޕަލް ލެބޯޓަރީ އަށް ގެންދިއުމުގެ ކުރިން ބަންދުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
މަސް މާރުކޭޓް ސަރަހައްދުގެ މޫދުގައި ނަޖިހުގެ އަސަރު ހުރިތޯ ބަލަން ޓެސްޓްކުރުމަށް ނެގި ފެނުގެ ސާމްޕަލް ލެބޯޓަރީ އަށް ގެންދިއުމުގެ ކުރިން ބަންދުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

މަސްވެރިންގެ އަތުން މަސް ގަނެ ދޯނީގައި ބަހައްޓައިގެން ވިއްކާ ދޯނިތަކެއް ފަޅުން ނުނެރެ ފަޅުތެރޭ އަޅާފައި އޮންނާތީ ފަޅުތެރޭގެ އޮއި ދަރުރުވުން ކުޑަވެ ނަޖިސްތައް ގިނައިން ހުންނަނީ މިގޮތަށް ފެންނަ ނަގާ ދޯނިތަކުގެ ބަނޑުފިލާ ދޮށުގައި ތާށިވެފަ އެވެ. ގިނަ ފަހަރަށް އެ ނަގާ ފެނަކީ ނަޖިސްތަކުގެ ތެރެއިން ނެގޭ ފެނެވެ.

މަސް މާރުކޭޓް ކުރިމަތިން ބަނދަރުތެރޭ ހުރި ނަޖިސްތަކެއް.
މަސް މާރުކޭޓް ކުރިމަތިން ބަނދަރުތެރޭ ހުރި ނަޖިސްތަކެއް.

އެކަމަކު، ނަޖިސްތައް އޮޔާ އެނބުރެމުން ދިޔަ ތަނަކުން، އަދި ނަޖިސްތަކެއްގެ ކައިރިން، މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:55 ގައި ފެނުގެ ސާމްޕަލް ނަގައި އެމްޑަބްލިޔުއެސްސީގެ ވޯޓަ ކޮލިޓީ އެޝޫރެންސް ލެބޯޓަރީން ޓެސްޓްކުރުމުން ދެއްކީ އެ ފެނުގައި ނަޖިހުގެ އަސަރު ނެތް ކަމަށެވެ. ޓެސްޓް ކުރުމަށް ސާމްޕަލް ނަގައި އަދި އެކަމާ ގުޅޭ ހުރިހާ ކަމެއް ވެސް ކޮށްފައިވާނީ ފެން ޓެސްޓް ކުރުމަށް އެމްޑަބްލިޔުއެސްސީން ދިން އިރުޝާދާ އެއްގޮތަށެވެ.

ނަމަވެސް ކަމުގެ ތަޖުރިބާކާރު ބޭފުޅުން ވިދާޅުވަނީ މިހެން ނަމާ އެންމެ ސާމްޕަލަކުން ނަތީޖާ ނޭނގިދާނެ ކަމަށެވެ.

ޓެސްޓުގެ ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް ފެނުނީ އެހެން މަންޒަރެކެވެ. ދޯނިތައް ވަށައިގެން ނަޖިސް ހުއްޓެވެ. މަސް ކެނޑުމާއި ދޮވުމަށް ބޭނުންކުރަނީ އެތަނުން ނަގާ ލޮނެވެ. ތަން އޮތް ގޮސް ވީޑިއޯ އިން އެ ހުރީ ފެންނާށެވެ.