މިދިޔަ ހަފުތާގައި ހުވާކުރި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މާފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސައިން ރިޒާ އައްޔަން ކުރުމަށް މަޖިލީހަށް ނަން ހުށަހަޅައިފި އެވެ.
އެ ކޮމިޝަނަށް މެމްބަރުންގެ ނަން ހުށަހަޅުއްވަން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ 15 މިނިޓުގެ ފުރުސަތެއް ދެއްވުމުން ހުށަހެޅީ ރިޒާގެ ނަން އެކަންޏެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގައި ގުރައިދޫ ދާއިރާ ތަމްސީލް ކުރެއްވި އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ ޖޭއެސްސީ އަށް އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށް ނަން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މާފަންނު ދެކުނު މެމްބަރު އަބްދުﷲ ރިފާއު އެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއަދުގެ ވޯޓު ގަޑީގައި ހުސައިން ރިޒާގެ ނަމަ ވޯޓަށް އަހާނެ ކަމަށެވެ.
ހުސައިން ރިޒާއަކީ ގާނޫނީ ދާއިރާއިން ތައުލީމު ހާސިލް ކުރައްވައި ޝަރީއާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.
ކެންސަރުގެ އާލާސްކަންފުޅުގައި ހުސައިން ރިޒާގެ ބޭބެ އިބްރާހިމް ރިޒާ 2022 ގައި އަވަހާރަ ވެފައިވާއިރު އޭނާ ވެސް ވަނީ ޖޭއެސްސީގެ މެމްބަރުކަން ކުރިން ކުރައްވައިފަ އެވެ.
އެންމެ ފަހުން ރައްޔިތުންގެ މަޖިލިހުން ޖޭއެސްސީ އަށް ކަނޑައަޅާފައި ހުންނެވީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިނެވެ.