އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން، ހުސައިން ޖަވާޒު އިސްތިއުފާ ދީފި އެވެ.

ޖަވާޒު އިސްތިއުފާ ދީފައިވާކަން އިތުބާރު ހުރި ފަރާތަކުން މިހާރު އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެކަމަކު މިހާތަނަށް އެކަމާ ބެހޭގޮތުން ޖަވާޒު އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެފްއޭއެމްގެ މީޑިއާ ގުރޫޕްގައި އެކަމާ ބެހޭގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އޭނާ ވެސް އަދި އެފްއޭއެމްގެ އެހެން އޮފިޝަލަކު ވެސް ޖަވާބެއް ނުދެ އެވެ.

އެކަމަކު "މިހާރު" ގައި ޚަބަރު ޖެހިފަހުން، މީޑިއާ ގުރޫޕަށް ފޮނުވި މެސެޖުގައި ޖަވާޒު ވަނީ އޭނާ މަގާމުން އިސްތިއުފާ ދިންކަން ކަށަވަރުކޮށްދީފަ އެވެ.

އެފްއޭއެމްގެ އެކި މަގާމުތައް އަދާކުރި ޖަވާޒު ވަނީ، މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގެ ކުރިން ވެސް ކުރީގެ ރައީސް އިލްހަމް އަހުމަދުގެ ދައުރުގެ ފަހުކޮޅުގައި ވެސް ޖެނަރަލް ސެކްރެޓަރީގެ މަގާމު އަދާކޮށްފަ އެވެ.

ޖެނަރަލް ސެކްރެޓަރީ ކަމަށް ދެވަނަ ފަހަރަށް ޖަވާޒު އައްޔަން ކުރީ، އެފްއޭއެމްގެ ރައީސްކަމަށް ފުރަތަމަ އިންތިހާބުވެ، ނޮވެމްބަރު 20 2016 ގަ އެވެ.

ބައްސާމްގެ ދެވަނަ ދައުރު ނިމެން ކައިރިވެފައިވަނިކޮށް ޖަވާޒު އިސްތިއުފާ ދިން އިރު އެފްއޭއެމްގެ ހިންގުން އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އެފްއޭއެމުން މުސާރަ ނުދޭތީ މުވައްޒަފުން މަސައްކަތަކަށް ނުނިކުމެ އެވެ. ކޮމްޕޓީޝަން ޑިޕާޓްމެންޓްގެ މުވައްޒަފުން ވެސް މަސައްކަތަށް ނުނިކުންނާތީ، މެޗުތަކަށް ފުރިހަމަ ކުރަންޖެހޭ އިދާރީ ކަންކަން ވެސް ކުރަނީ ޖަވާ އެވެ.

އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދީ، ހިންގުން ދޯދިޔާ ވުމުން ބައްސާމްގެ އިތުރުން ޖަވާޒު އަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އޭރު ޖަވާޒަށް ފާޑު ކިޔަމުން ފުޓްބޯޅައިގެ ތަޖުރިބާކަރަކު ބުނީ ފުޓްބޯޅަ މިހާލަތަށް ވެއްޓިގެން ދިޔައީ އިދާރީ ހިންގުން ބޮއްސުންލައިގެން ދިއުމުންނެވެ.

"ބޭރުގެ ޓެކްނިކަލް ޑައިރެކްޓަރެއް ނެތިގެނެއް ނޫން މިހެންމިވަނީކީއެއް. މި އުޅެނީ އިދާރީ ގޮތުން ތަން ނުހިންގިގެން،" އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރަކަށް އިންގްލެންޑްގެ ޕޯލް ތޯމަސް ސްމޯލީ އޯގަސްޓް މަހު އައްޔަން ކުރި އިރު އެކަމާ ބެހޭގޮތުން ވާހަކަ ދެއްކި ތަޖުރިބާކާރަކު ބުންޏެވެ.

ޖަވާޒު އަށް ވެސް މުސާރަ ނުދޭތާ ނުވަ ވަރަކަށް މަސް ވެފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.