އޭޝިއާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ޑިވެލޮޕްމަންޓް ކޮމިޓީގެ މެމްބަރަކަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އައްޔަންކޮށްފި އެވެ.
ކުރިއަށް އޮތް 2023-2027ގެ ދައުރުގައި ޖަވާ މި ކޮމިޓީގައި އޭޝިއާ ފުޓްބޯޅައިގެ މުހިއްމު މަސައްކަތްތަކެއް ކުރައްވާނެ އެވެ. އޭނާއާ އެކު ހިންގާ ކޮމިޓީގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް މަސައްކަތް ކުރައްވާނެ އެވެ. ބައްސާމް ވަނީ ފެބުރުއަރީ މަހު އޭއެފްސީ އެސޯސިއޭޝަން ކޮމިޓީގެ ޑެޕިއުޓީ ޗެއާމަނަކަށް އައްޔަންކޮށްފަ އެވެ.
ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް ކަންކަމުގައި އޭއެފްސީގެ ހިންގާ ކޮމިޓީއާ އެންމެ ގާތުން މަސައްކަތް ކުރާނީ ޑިވެލޮޕްމަންޓް ކޮމިޓީންނެވެ. އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ދޭތޯ ބެލުމާއި, ކޮމިޓީއަށް ލަފާ ދޭނީ ވެސް ޑިވެލޮޕްމަންޓް ކޮމިޓީންނެވެ. އަދި ޑިވެލޮޕްމަންޓް ސްޓްރެޓެޖީ އަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ މަޝްވަރާތައް ކުރުމާއި ބަދަލުތަކާ ގުޅޭ ދިރާސާތައް ވެސް ކުރާނީ އެ ކޮމިޓީންނެވެ.
ޖަވާ ވިދާޅުވީ ޑިވެލޮޕްމަންޓް ކޮމިޓީގައި ރާއްޖެ ހިމެނުމަކީ ގައުމަށް ލިބޭ ޝަރަފެއް ކަމަށާއި މީގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން އެންމެ ފުރިހަމައަށް ބައްޓަން ކުރަން ފަސޭހަވެ، އުންމީދެއް ގެނުވައިދީފި ކަމަށެވެ.
"ކޮމިޓީއަކީ އޭއެފްސީގެ އެންމެ ބޮޑު އެއް ކޮމިޓީ. ޑިވެލޮޕްމަންޓް ހުރިހާ މަސައްކަތްތަކެއް އެޕްރޫވްކޮށް ސްޓްރަކްޗާ ކުރާ ކޮމިޓީ. ކޮމިޓީގައި ރާއްޖެ ހިމެނުމަކީ ޝަރަފެއް," ޖަވާ "މިހާރު" އަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ލިބޭ ބޮޑު އުންމީދެއް މިއީ. އަޅުގަނޑުމެންގެ ކަންކަން ބައްޓަން ކުރާއިރު އޭއެފްސީ މެދުވެރިކޮށް ޕްރޮގްރާމްތައް އެންމެ ރަނގަޅަށް ބައްޓަން ކުރެވޭނެ ގޮތްގޮތް ހޯދަން ފަސޭހަ ވާނެ."
ޖަވާ އަކީ އެފްއޭއެމްގެ ރައީސް ކަމަށް 2016 ވަނަ އަހަރު ބައްސާމް އިންތިހާބުވެވަޑައިގަތުމާ ހަމައިން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އެވެ. އޭގެ ކުރިން 2014 ވަނަ އަހަރު ވެސް ޖަވާ ވަނީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ފުރުއްވައިފަ އެވެ.
ކުރިން ފުޓްބޯޅަ ކުޅުއްވި ޖަވާ އަންނަނީ 1999 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގައި މަސައްކަތް ކުރައްވަމުންނެވެ. އަދި ޖެނެރަލް ސެކްރެޓަރީގެ ހައިސިއްޔަތުން ޖަވާ އަންނަނީ އޭއެފްސީ އާއި ފީފާގެ ބައްދަލުވުންތަކުގައި ވެސް ރާއްޖެ ތަމްސީލު ކުރައްވަމުންނެވެ. މީގެ އިތުރުން ޖަވާ ވަނީ މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމް ގައި ކުރިއަށް ދިޔަ ކޮމަންވެލްތު ގޭމްސްގައި ވާދަކުރި ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރުކަން ވެސް ކުރައްވައިފަ އެވެ.