ދުވަސްވެ، ބާވެފައިވާ ހުރަވީ ބިލްޑިންގް ތަޅާލަން ނިންމާފައިވާ ކަމަށާއި އެ އިމާރާތުގައި މިހާރު ހިންގާ ދައުލަތުގެ އޮފީސްތައް ބަދަލުކުރާނެ ޖާގަ ހޯދަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މީގެ 33 އަހަރު ކުރިން ހުޅުވި އެ އިމާރާތުގެ ޝީޓުން ބައެއް މިދިޔަ ހަފުތާގައި ވެސް ވެއްޓި، އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކަކަށް ވަނީ ގެއްލުން ވެފަ އެވެ. އަދި މީގެ ކުރިން ވެސް އެފަދަ ހާދިސާތައް ހިނގާފައިވެ އެވެ. އެފަދަ ހާދިސާއެއްގައި މީހަކަށް ވެސް އަނިޔާވެފައިވެ އެވެ.
ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ އިމާރާތް ހުސްކޮށް، ތަޅާލަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"އަދި އޮފީސްތައް ބަދަލު ނުކުރެވިގެން އެ އިމާރާތް ތަޅާނުލެވިފައި ވަނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ އިމާރާތުގައި ހިންގާ އޮފީސްތަކަކީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތަކެވެ.
ހުރަވީ ބިލްޑިންގުގައި ހިންގާ އޮފީސްތައް ހުސްކޮށް، އެ އިމާރާތް ތަޅާލަން 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެސް ނިންމި އެވެ. އޭރު ނިންމީ އެތަނުގައި ޕާކެއް ހަދާށެވެ. އެކަމަކު، އެތަނުގައި ހިންގަމުން އައި އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތެއް ނެތުމުން އޭރު އެކަން ނުވީ އެވެ.
އިމާރާތުގެ ޝީޓުތަކުން ބައިތައް ވެއްޓޭތީ މިހާރު ވަނީ އެތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން އެ އިމާރާތާ ޖެހިގެން ޕާކްކުރެވޭ ގޮތަށް ހަދާފައިވާ ޕާކިން ޒޯންތައް ބަންދުކޮށްފަ އެވެ.