ސޫދާންގެ އާބާދީގެ ގާތްގަނޑަކަށް 21 ޕަސެންޓް މީހުން މިހާރު ތިބީ ބަނޑުހައިހޫނުކަމުގެ ހާލަތެއްގައި ކަމަށް، އދ. ކާނާއާ ބެހޭ އިދާރާ (ވޯލްޑް ފުޑް ޕްރޮގްރާމް) އިން ބުނެފި އެވެ.

އެ އިދާރާ އިން ބުނި ގޮތުގައި ކުރިއަށް އޮތް ސެޕްޓެމްބަރު މަހާ ހަމައަށް، އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބިއްޖެ ނަމަ، ގާތްގަނޑަކަށް 40 މިލިއަން މީހުން ބަނޑަށް ޖެހޭނެ ކަމުގެ ބިރު އެބަ އޮތެވެ. ސޫދާން ސަރުކާރާއި، ފުޑް އެންޑް އެގްރިކަލްޗަރަލް އޯގަނައިޒޭޝަން އާއި ވޯލްޑް ފުޑް ޕްރޮގްރާމް ގުޅިގެން ކުރި ސާވޭއަކުން އެނގުނު ގޮތުގައި، އަމިއްލަ އަށް ބަނޑުފުރާނަ މުއްތިކުރުމުގެ ފޯރުންތެރިކަން ނެތް 9.8 މިލިއަން މީހުން ސޫދާންގައި ދިރިއުޅެ އެވެ.

މި މައްސަލަ ހައްލުކުރުމުގެ ގޮތުން، ވޯލްޑް ފުޑް ޕްރޮގްރާމްގެ ފަރާތުން މިހާރު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ސޫދާންގެ ސްކޫލްތަކުގައި ދަރިވަރުންނަށް ކާނާ ފޯރުކޮށްދިނުމަށް މިހާރު ފަށާފައިވާ ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށެވެ.

މި ޕްރޮގްރާމް ފެށުމުން، ވެރިރަށް ޚަރުތޫމްގެ ބައެއް ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ގިނަ މައިންބަފައިން އެމީހުންގެ ދަރިން ސްކޫލްތަކަށް ފޮނުވުމުގައި، ކިޔަވައިދިނުމަށް ވުރެ ބޮޑަށް މިހާރު އިސްކަން ދެނީ، އެކުދިންނަށް ކާންބޯން ދިނުމަށެވެ.

އެފަދަ ބައެއް އާއިލާތައް ދިރިއުޅެނީ ދުވާލަކު އެންމެ ފަހަރަކު ކައިގެންނެވެ. އެހެންކަމުން، ދަރިންނަށް ކާން ދިނުމަށްޓަކައި، ކާނާގެ މަޝްރޫއު ހިންގާ ސްކޫލްތަކަށް، ވަރަށް ދުރު ހިސާބުތަކުން ވެސް ކުދިން ފޮނުވަ އެވެ.

ސޫދާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން، ގޮދަންފުށާއި ގޮދަން ފުށުގެ އުފެއްދުންތަކާއި، ކައްކަން ބޭނުންކުރާ ކަރާސީނާއި ކައްކާ ގޭސް ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. އަދި ސޫދާން ފައިސާގެ އަގު އިންތިހާ އަށް ދަށަށް ދިޔުމާއި، ހިފެހެއްޓުމެއް ނެތި އިންފްލޭޝަން ރޭޓް މަތިވަމުން ދިޔުމުގެ ސަބަބުން، އާންމު ވިޔަފާރި މުދަލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސޫދާންގެ އިންފްލޭޝަން ރޭޓް ހުރީ 254.34 ޕަސެންޓްގަ އެވެ. ޖެހިގެން އައި ޑިސެމްބަރު މަހުގެ ތެރޭގައި އެ ނިސްބަތް ވަނީ، 269.33 ޕަސެންޓަށް އަރައިފަ އެވެ.