މިދިޔަ ސީޒަންގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅުނު ބިދޭސީ ދެ ކުޅުންތެރިންނަށް މުސާރަ ނުދޭތީ، އެ ދެ ކުޅުންތެރިން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް މިއަދު ގަލޮޅު ދަނޑުގައި ފަށައިފި އެވެ.
އެ ކްލަބުގެ ޑިފެންޑަރު ސާބިއާގެ މިލޯސް ކޮވަސިޗް އާއި މިޑްފީލްޑަރު ބެލަރޫސްގެ އީވާން ވެރަސް އަށް މިދިޔަ ހަތަރު މަހު ދޭން ޖެހޭ މުސާރަ ނުދޭ ކަމަށް އެ ދެ ކުޅުންތެރިން ބުންޏެވެ.
"އަހަރެމެން ގޮތް ހުސްވެއްޖެ. ޖޫން މަހާއި ޖުލައި މަހާއި އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހުގެ މުސާރައެއް ނުލިބޭ. އަހަރެންގެ ވިސާ އޮތީ ހަމަވެފައި. ވިސާ ހައްދަން ފައިސާއެއް ނެތް،" ގަލޮޅު ދަނޑުގައި ހުރެ މިލޯސް "މިހާރު" އަށް ކިޔައިދިނެވެ.
"ކްލަބުން ދައްކަނީ އެކި ވާހަކަ. އެކި ތާރީހުތައް އަހަރެމެންނަށް ދީފި. އަންނަ ހަފުތާގައި މުސާރަ ދޭ ނަމޭ ބުނެ މިހާރު ކިތަންމެ ހަފުތާއެއް ފާއިތުވެއްޖެ."
ކުރިން މާޒިޔާ އަށް ވެސް ކުޅުނު މިލޯސް ބުނިގޮތުގައި، އޭނާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމައިލާނީ ޔޫވީން މުސާރަތައް ދީ ނިންމުމުންނެވެ.
"ފެން ނޫން އެހެން އެއްޗެއް އަހަރެމެންގެ ހަށިގަނޑުގެ އެތެރެ އަށް ނާޅާނަން،" އޭނާ ބުންޏެވެ.
މިލޯސް ބުނީ ކޮއްތު ފައިސާ ނުދޭތާ ވެސް ދެ މަސް ވެފައިވާ ކަމަށެވެ.
އެ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ޔޫވީގެ އޮފިޝަލަކު ވެސް ވިދާޅުވި އެވެ.
"ފައިނޭންސްގެ މައްސަލަ އަޅުގަނޑުމެންނަށް ވެސް ވަނީ ކުރިމަތި ވެފައި. އެކަމަކު އެ ދެ ކުޅުންތެރިންނަށް ވެސް މިހާރު އަންގާފައި ވާނެ މި ހަފުތާގައި ހުރިހާ ކަންތައްތަކެއް ހައްލުކޮށް ދިނުމަށް ފަހު ފުރުވައިލާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. "މި ހަފުތާގައި އެ ކުޅުންތެރިންނަށް މުސާރަ ދެވޭނެ."
އޮފިޝަލް ވިދާޅުވިގޮތުގައި، އެފްއޭއެމުން ޔޫވީ އަށް ދޭން ޖެހޭ ފައިސާ ވެސް ނުދެ އެވެ. ކްލަބް ގްރީން ސްޓްރީޓްސް އިން ވެސް ވަނީ އެފްއޭއެމުން އެ ކްލަބަށް ފައިސާ ނުދޭ ކަމަށް ކުރިން ބުނެފަ އެވެ.
ގްރީން ސްޓްރީޓްސް އަށް ކުޅުނު ސްޕެއިންގެ ފޯވާޑް އެންޖަލް މުނޯޒް އަށް މުސާރަ ނުދޭތީ ފީފާއިން ވަނީ އެ ކްލަބާ ދެކޮޅަށް ފިޔަވަޅު އަޅައިފަ އެވެ. ކުރިއަށް އޮތް ޓްރާންސްފާގެ ތިން ޕީރިއަޑްގައި ވެސް ގްރީން އަށް އާ ކުޅުންތެރިން ނުގެނެވޭނެ އެވެ. އެ އަދަބުން ސަލާމަތް ވާނީ އެ ފައިސާ ދެއްކުމުންނެވެ.
މުސާރައިގެ ގޮތުގައި އޭންޖަލް އަށް 20،000 އެމެރިކާ ޑޮޮލަރަށް ވުރެ ބޮޑު އަދަދެއް ދޭން ޖެހޭކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ހުށަހެޅި މައްސަލައާ ގުޅިގެން ފީފާ އިން ގްރީން އަށް އަންގާފައި ވަނީ މިދިޔަ ޖުލައި 22 ގެ ފަހުން 45 ދުވަހުގެ ތެރޭ އެ ފައިސާ ދެއްކުމަށެވެ. އެކަމަކު، އެ މުއްދަތު ހަމަވިއިރު ވެސް އޭނާ އަށް ފައިސާ ނުދެ އެވެ. ގްރީން އަށް ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް މުސާރަ ނުދޭތީ، ސްޕެއިންގެ ފުޓްބޯޅަ ފެޑެރެޝަނުން ވަނީ މައްސަލަ އަނެއްކާ ވެސް ފީފާގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި ގްރީންއާ މެދު ފިޔަވަޅު އެޅިކަން ކަށަވަރު ކުރުމަށް އެފްއޭއެމްގެ ފަރާތުން ލިޔުން ހޯދަން ބާރު އެޅުމަށް ވެސް ސްޕެއިންގެ ފެޑެރޭޝަނުން ފީފާގައި އެދިފައި ވެ އެވެ.
ގްރީންގެ އިތުރުން ބައެއް އެހެން ކްލަބްތަކުގެ ދޭސީ އަދި ބިދޭސީ ކުޅުންތެރިންނަށް ވެސް މުސާރަ ދީފައި ނުވާ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. ގްރީން އިން އޭގެ ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންނަ ސީޒަން ފެށުމުގެ ކުރިން، އެ ކްލަބަށް ދިމާވެފައިވާ ހަލަތުން އަރައި ގަނެ ފީފާގެ އަދަބުން ސަލާމަތްވާނެ ކަމަށެވެ.
ގްރީން އަކީ ފީފާ އިން ޓްރާންސްފާގެ އަދަބު ދިން ރާއްޖޭގެ ދެވަނަ ކްލަބެވެ. މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ވެސް 2019 ގައި ފީފާ އިން އެ ފިޔަވަޅު އެޅި އެވެ. އޭގެ ކުރިން އެފްއޭއެމުން ވަނީ ނިއު ސަސްޕެންޑްކޮށްފަ އެވެ. އެއީ ދިވެހި ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުންނެވެ.
ނިއުއާ ދެކޮޅަށް ފީފާއިން އެޅި ޓްރާންސްފާ ބޭންގެ ފިޔަވަޅުން އެ ކްލަބް ސަލާމަތްވީ މި އަހަރު ޖޫން މަހު އެވެ. އެ އަދަބުން ސަލާމަތް ވުމަށް އެ ކްލަބުން ވަނީ ފީފާ އަށް 2،15000 އެމެރިކާ ޑޮލަރު (3.3 މިލިއަން ރުފިޔާ) ދައްކައިފަ އެވެ.