ލިވަޕޫލް (ޖުލައި 03) - ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގުން 76 މިލިއަން ޑޮލަރަށް ލިވަޕޫލަށް ބަދަލުވުމަށް ފަހު ހަންގޭރީގެ މިޑްފީލްޑަރު ޑޮމިނިކް ސޮބޮސްލާއީ ލިވަޕޫލަށް ތައުރީފް އޮއްސާލައިފި އެވެ.
ސޮބޮސްލާއީ، 22، އާ އެކު ލިވަޕޫލުން ހެދީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. ލިވަޕޫލުން ސޮބޮސްލާއީ ގެނައީ އޭނާގެ އެއްބަސްވުން އުވާލުމުގެ ފީ އެއްކޮށް ދައްކައިގެންނެވެ. މީގެ ތިން ދުވަސް ކުރިން ސޮބޮސްލާއީ ގެންނަން އެއްބަސްވެ ލިވަޕޫލްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ސޮބޮސްލާއީ ދައްކާލީ އިއްޔެ އެވެ.
"މިއީ މިހާރު ވެސް ތާރީހެއް އޮތް ކްލަބެއް. ވަރަށް ރަނގަޅު ކުޅުންތެރިންނާއި އެކު މޮޅު ކޯޗެއް އެބަހުރި. މިއީ އަހަރެން އެހެން ހަރުފަތަކަށް ދާން އެންމެ ރަނގަޅު ވަގުތު. މި ޓީމުގެ ސަޕޯޓަރުންނާއި ސްޓޭޑިއަމަށް ބެލިޔަސް މިއީ ހުރިހާ ގޮތަކުން ވަރަށް ފުރިހަމަ ކްލަބެއް" ލިވަޕޫލާ ގުޅޭގޮތުން ސޮބޮސްލާއީ ބުންޏެވެ.
ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު 2017 ވަނަ އަހަރު ސޮބޮސްލާއީ ފެށީ އޮސްޓްރިއާގެ ލިއެފެރިން އިންނެވެ. ޖެހިގެން އައި އަހަރު އޮސްޓްރިއާގެ ރެޑް ބުލް ސާލްޒްބާގަށް ބަދަލުވެ އެ ކްލަބުގައި މޮޅު ކުޅުމެއް ދެއްކި އެވެ. އާރުބީ ލައިޕްޒިގަށް ސޮބޮސްލާއީ ބަދަލުވީ 2021 ވަނަ އަހަރު އެވެ.
މިދިޔަ ސީޒަނުގެ ޖަރުމަނު ލީގުގައި ސޮބޮސްލާއީ ވަނީ 31 މެޗު ކުޅެ ހަ ގޯލު ޖަހައި އަށް ގޯލު ޖަހަން އެހީވެފަ އެވެ. ލައިޕްޒިގްގައި ހޭދަކުރި މުއްދަތުގައި ސޮބޮސްލާއީ ކުޅުނު 91 މެޗުގައި 20 ގޯލު ޖަހައި 21 ގޯލު ޖަހަން މަގުފަހިކޮށްދިނެވެ.
ސޮބޮސްލާއީގެ އިތުރުން ލިވަޕޫލުން ވަނީ މިދިޔަ އަހަރު އާޖެންޓީނާއާ އެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި މިޑްފީލްޑަރު، އަލެކްސިސް މެކަލިސްޓާގެ ސޮއި ވެސް ހޯދައިފަ އެވެ. ލިވަޕޫލުން މިޑްފީލްޑް ވަރުގަދަކުރީ މިދިޔަ ސީޒަނަށް ފަހު އެޓީމުގެ ޖޭމްސް މިލްނާ އާއި ނަބީ ކެއިޓާ އަދި އަލެކްސް އޮކްސްލޭ-ޗެމްބަލިން ކްލަބް ދޫކޮށްލުމުންނެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ލިވަޕޫލުން 2019 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސާލްޒްބާގާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް ސޮބޮސްލާއީގެ ފަރާތުން އުއްމީދީ ކުޅުމެއް ފެނުނު ކަމަށެވެ.
"ސޮބޮސްލާއީ އަކީ މިހާރުގެ ލިވަޕޫލަށް އަދި ކުރިއަށް އޮތް އަހަރުތަކަށް ވެސް ވިސްނާފަ ގެނައި ކުޅުންތެރިއެއް" ކްލޮޕް ބުންޏެވެ.
ލިވަޕޫލްގައި ސޮބޮސްލާއީ ބޭނުންކުރާނީ އެޓީމުގެ ލެޖެންޑް ސްޓީވެން ޖެރާޑް ބޭނުންކުރި 8 ނަންބަރު ޖާޒީ އެވެ. ސޮބޮސްލާއީގެ ކުޅުމުގެ ވައްޓަފާޅި އާއި ލީޑަޝިޕް ހުނަރަށް ބަލާއިރު އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް ލިވަޕޫލުން އުއްމީދުކުރެ އެވެ.
ހަންގޭރީގެ ޒުވާން ޓީމުތަކުގެ ކެޕްޓަންކަން ކުރުމަށް ފަހު ސީނިއާ ގައުމީ ޓީމުން ސޮބޮސްލާއީ އަށް ފުރުސަތު ލިބުނީ 2019 ވަނަ އަހަރު އެވެ. އޭނާ ވަނީ ހަންގޭރީ އަށް ކުޅުނު 32 މެޗުގައި ހަތް ލަނޑު ޖަހައިފަ އެވެ.