ޒަމާނީ އަޅުވެތިކަމުގެ ތަފާތު އުކުޅުތަކުގެ ތެރޭގައި ގާތްގަނޑަކަށް 50 މިލިއަން މީހުން ތާށިވެފައި އެބަތިބި ކަމަށް، މަސައްކަތްތެރިންގެ ހައްގުތަކަށް މަސައްކަތްކުރާ އދ.ގެ ޖަމިއްޔާ، އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އިން އިއްޔެ ބުނެފި އެވެ.
އދ.ގެ ބައެއް އިދާރާތަކާއި ވޯކް ފްރީ ފައުންޑޭޝަން ގުޅިގެން ކުރި ދިރާސާއަކަށް ފަހު، އައިއެލްއޯ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ޒަމާނީ އަޅުވެތިކަމުގައި ތިބި މީހުންގެ، ގާތްގަނޑަކަށް ދެ ބައިކުޅަ އެއް ބަޔަކީ، މަޖބޫރުކޮށްގެން މަސައްކަތްކުރުވާ މީހުންނާއި، ގަދަކަމުން ކާވެނިކޮށްގެން ގެންގުޅޭ މީހުންނެވެ.
މި ރިޕޯޓުގައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގެ އާބާދީގައި ހިމެނޭ ކޮންމެ 150 މީހަކުން އެކަކީ، ޒަމާނީ އަޅުވެތިކަމުގެ ކޮންމެވެސް ބާވަތެއްގެ އަޅުވެތިކަމެއްގައި ބެދިފައިވާ މީހެކެވެ. އަޅުވެތިވެފައިވާ މީހުން ކަމުގައި އެ ރިޕޯޓްގައި މާނަކޮށްފައިވަނީ، އެމީހަކު ހުންނަން ބޭނުންވާ ހާލަތެއްގައި ހުރުމަށް، ތަފާތު ސަބަބުތަކާ ހުރެ މަޖުބޫރުވެފައިވާ ކޮންމެ މީހެކެވެ. އޭގެ ތެރޭގައި ބިރުދެއްކުމާއި، އަނިޔާވެރިކަމާއި، މަކަރު ހަދައި އޮޅުވައިލުމާއި، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި، އިންޒާރުކުރުން ފަދަ، ކަންކަން ހިމެނެ އެވެ.
މިފަދަ ކަންކަމުގެ ސަބަބުން، ފުރިހަމަ މިނިވަންކަމެއް ނެތި އުޅެންޖެހިފައިވާ މީހުން މިނިވަންކުރުމަށްޓަކައި، 2030 ވަނަ އަހަރުގެ ނިޔަލަށް، ހުރިހާ ބާވަތެއްގެ ޒަމާނީ އަޅުވެތިކަން ނައްތައިލުމަށް، އދ. އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މަޖުބޫރުކޮށްގެން ގުލާނު ކުރުމާއި ގަދަކަމުން ކާވެނިކޮށްގެން ގެންގުޅޭ މީހުންގެ އަދަދު، 2016 ވަނަ އަހަރާއި 2021 ވަނަ އަހަރާ ދެމެދު ވަނީ 10 މިލިއަނަށް އިތުރުވެފަ އެވެ.
ޒަމާނީ އަޅުވެތިކަން ނައްތައިލުމަށް މަސައްކަތް ކުރަމުން އައި ނަމަވެސް، 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން، މުޅި ދުނިޔޭގައި ކޮވިޑް-19 ބަލިމަޑުކަން ފެތުރެން ފެށުމާ ގުޅިގެން، މިބާވަތުގެ އަޅުވެތިކަން ވަނީ އިތުރަށް ފުޅާވެފަ އެވެ. ކޮވިޑްގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލި ދަރަނިވެރިވުމުން، އެހެން މީހުންގެ ވަޒީފާތަކުގެ އަޅުންނަށް ބައެއް މީހުން ވެގެން ދިޔަ އެވެ.
އޭގެ އިތުރުން ހަނގުރާމަތަކާއި އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން، ފަގީރު ހާލަތަށް ވެއްޓެމުންދާ މީހުން ވެސް މިހާރު ދަނީ ޒަމާނީ އަޅުވެތިކަމުގައި ތާށިވަމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގެދޮރު ދޫކޮށް ހިޖްރަކުރަންޖެހޭ މީހުން ވެސް، ކޮންމެވެސް ބާވަތެއްގެ ޒަމާނީ އަޅުވެތިކަމެއްގެ ޝިކާރައަކަށް ވެގެންދެ އެވެ.
އައިއެލްއޯގެ ޑިރެކްޓަ ޖެނެރަލް ގައި ރައިޑާ ވިދާޅުވި ގޮތުގައި، ޒަމާނީ އަޅުވެތިކަމުގެ ތެރެއިން މީހުންނަށް މިނިވަންކަން ހޯދައިދިނުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރަންޖެހެ އެވެ. އެގޮތުން ވިލާތުގެ އިއްތިހާދުގެ ފަރާތުން މިހާރު ކުރަމުން އަންނަ އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، މީހުންނަށް މަޖުބޫރުކޮށްގެން ކުރުވާ މަސައްކަތުން އުފައްދާ ތަކެތީގެ އިމްޕޯޓާއި އެކްސްޕޯޓް މަނާކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތެވެ.
ޒަމާނީ އަޅުވެތިކަމުގެ ތެރޭގައި މިހާރު ވެސް 22.8 މިލިއަން ފިރިހެނުންނާއި 26.7 މިލިއަން އަންހެނުންނާއި 12.3 ކުޑަކުދިން އެބަތިބި ކަމަށް އައިއެލްއޯގެ ދިރާސާ އިން ދައްކަ އެވެ. އޭގެ ތެރެއިން، މަޖުބޫރުން މަސައްކަތްކުރުމުގައި، 2016 ވަނަ އަހަރު 24.9 މިލިއަން މީހުން ތިބި އިރު، 2021 ވަނަ އަހަރު އެ އަދަދު ވަނީ 27.6 އަށް އިތުރުވެފަ އެވެ.
ގަދަކަމުން ކާވެނިކޮށްގެން ގެންގުޅޭ މީހުންގެ އަދަދު، 2016 ވަނަ އަހަރު 15.4 މިލިއަންގައި ހުރި އިރު، 2021 ވަނަ އަހަރު އެ އަދަދު ވަނީ 22 މިލިއަނަށް އިތުރުވެފަ އެވެ.