އައްޑޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކަމާ ގުޅޭ އިދާރާތަކާ ސުވާލުކުރުމަށް އަންނަ ބުދަ ދުވަހު މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ކަމާގުޅޭ އިދާރާތަކުން އޮޅުންފިލުވުމަށް، އެދިވަޑައިގަތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.
އައްޑޫގައި ހަމަނުޖެހުން ބޮޑުވި އެ މައްސަލާގައި، ކުއްޖާ އަށް ޖިންސީ ގޯނާކުރީ ކާފަ ކަމަށާއި އާއިލާ އިން އެކަން ސިއްރުކޮށް، އެހެން މީހަކު ފްރޭމްކޮށްފައިވާ ކަމަށް ބުނެ މުޒާހަރާ ވެސް ކުރި އެވެ. ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް އެ ވާހަކަ ދައްކައި، އެ މައްސަލަ ސިޔާސީކުރާ ކަމުގެ ތުހުމަތު ރޮޒައިނާ ކުރައްވަ އެވެ.
ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވީ މިދިޔަ ބުދަ ދުވަހު އެކަމުގެ މައުލޫމާތު ސާފުކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށާއި އެއީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެއް ކަމަށެވެ.
"އެ މައްސަލަ ސިޔާސީކުރެވި ދައުލަތުގެ ވަޒީރުންނާ ދިމާލަށް މިކަމުގައި ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ، ވާހަކަތައް ދެކެވެމުންދާއިރު މިވަގުތު މިކަން ހިނގާދިޔަ ގޮތް ވީހާ ވެސް އަވަހަކަށް އެ ބޭފުޅުން ހާޒިރުކޮށްގެން ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް،" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ އެގޮތަށް ވިދާޅުވީ ކުއްޖާގެ ބޭބެއަކީ އެމްޑީޕީގެ އެކްޓިވިސްޓަކަށް ވާތީ އަމާޒުވާ ތުހުމަތުތަކާ ހެދި އެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައި އޮތްއިރު އެ އެކްޓިވިސްޓަކީ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލުގެ ކެމްޕެއިނުގައި އައްޑޫގައި އިސްކޮށް އުޅޭ މީހެއް ކަމަށް ކުރާ ތުހުމަތުތަކާ ހެދި އެވެ.
ރޮޒައިނާ ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ހެދި އެކި މީހުންނަށް އިނގިލި ދިއްކުރަމުންދެ އެވެ.
ޖިންސީ ގޯނާގެ ތުހުމަތަށް ހައްޔަރުކުރީ ދުވަސްވީ އަންހެނެއް ކަމަށްވާތީ އޭނާ ހައްޔަރުކުރީ ކިހާ ވަރެއްގެ ހެއްކެއް ހުރެގެންތޯ ސާފުކުރަން ބޭނުންވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"މި މައްސަަލަ ވީހާވެސް އަވަހަކަށް ތަފްސީލު މައުލޫމާތު އެބަ ބޭނުންވޭ. އަދި ސުވާލުކުރުމުގެ ފުރުސަތު ލިބޭނީ ކަމާ ބެހޭ ބޭފުޅުން ހާޒިރުކޮށްގެން ކަމަށް ފެންނަނީ،" އޭނާ ވިދާޅުވި އެވެ.
ރޮޒައިނާ އެދިވަޑައިގަތީ އައްޑޫ ސިޓީ ކައުންސިލާއި ޖެންޑާ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަންނަ ބުދަ ދުވަހު އެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށެވެ.
ކޮމިޓީ އޮބްޒާވްކުރައްވަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވި ގޮތުގައި އަނިޔާ ލިބުނު ކުއްޖާއަކީ މިދިޔަ ފެބްރުއަރީ ހިސާބުގައި އައްޑޫއަށް ބަދަލުވެ އެ ސްކޫލާ ގުޅުނު ކުއްޖެކެވެ.
ހައްޔަރުކޮށްފައިވާ އަންހެން މީހާއާ އެކުގައި މަސައްކަތްކުރި ގިނަ ބަޔަކާ ވާހަކަ ދައްކަވާފައިވާ ކަމަށާއި އެކަމަކު އަންހެން މީހާ އަކީ އެކަހަލަ ރިކޯޑެއް ވެސް އޮތް މީހެއް ނޫން ކަމަށް ޕްރިންސިޕަލާއި ޓީޗަރުންގެ ފަރާތުން މައުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރި އަންހެން މީހާ އަކީ ބަލި މީހެއް ކަމަށާއި އެހެންވެ ބަންދަށް ލުޔެއް ހޯދަން އެދިވަޑައިގަތެވެ.
"މިކަން މިހެންވީމާ ޕޮލިހުންނާ ދެއްކުނު ވާހަކާގައި އެ ބޭފުޅުން ވިދާޅުވީ މި މައްސަލައިގެ ބާވަތުން ބަލަން ވަކި ބައެކޭ މި މައްސަލަ ބަލަނީ. އެހެންވީމަ އެ ބޭފުޅުން [ޕޮލިހުން] ގަބޫލުކުރަނީ ރަނގަޅަށޭ މައްސަލަ ދަނީ. އެކަމަކު [ހައްޔަރުކުރި އަންހެން މީހާ] ރަނގަޅަށް ނުހިނގޭ މީހެއް. ދުވަސްވީ މީހެއް،" ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ ހައްޔަރުކުރި މީހާ އަކީ އަންހެން ދަރިފުޅު މަރުވުމުގެ ސަބަބުން ތިން މާމަ ދަރިން ބަލަމުން އަންނަ މީހެއް ކަމަށާއި އެ ކުދިންނާ ވެސް ފުލުހުން ސުވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު އެ ކުދިންނާ ފުލުހުން ސުވާލުކުރީ ވަރަށް "ހަޑި ބަހުން" ކަމަށް އެ ކުދިން ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ކޮމިޓީން ސުވާލުކުރާއިރު އެކަންކަމުގެ މައުލޫމާތު އޮޅުން ފިލުވުމަށް އެދިވަޑައިގަތެވެ.
ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ފުލުހުން ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގުކުރަމުން އަންނައިރު ހެކި ވަޒަންކުރުމަކީ ކޮމިޓީގެ ޒިންމާއެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެކޮމިޓީގެ މަސައްކަތަކަށް ވާން ޖެހޭނީ ތަހުގީގު ގޯސްކޮށްދާކަމުގެ މައުލޫމާތު ލިބޭ ނަމަ އެކަމެއް ބެލުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މީހަކު ބަންދުކުރުމަށް ހެކި ވަޒަންކުރީ ގޯސްކޮށް ކަމަށް ގަބޫލުކުރަންޏާ އެ މީހާއަށް އޮންނަ ގޮތަކީ މަތީ މަރުހަލާއެއްގެ ކޯޓެއްގައި އެޕީލްކުރުން. އެ ކޯޓުން ގޯސްކޮށް ދިޔައީ ކަމަށް ގަބޫލުކުރަންޏާ އެއަށް ވުރެ މަތީ މަރުހަލާ ކޯޓެއް އެބަ އޮތް. އެއީ މިކަން ކުރިއަށްދާ ގޮތަކީ. އެ ސިސްޓަމްގެ ތެރެއިން ހިނގާ ކަމަކަށް އަޅުގަނޑުމެން މި ލެވެލްއަށް ވަނުމަކީ ކޮށްގެންވާނެކަމެއް ނޫން،" އުޝާމް ވިދާޅުވި އެވެ.
ބުދަ ދުވަހަށް އިދާރާތައް ހާޒިރުކުރަން ކޮމިޓީން ނިންމީ މިދިޔަ ބުދަ ދުވަހު ސިޓީން އެކަމަށް ޖަވާބުދާރީވުމަށް ކޮމިޓީން ދިން ވަގުތު މާދަމާއަށް ހަމަވާނެތީ، ފަސޭހައިން ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.